އިންޓަޕޯލްއަށް އާ ރައީސަކު އިންތިހާބުކޮށްފި

އިންޓަޕޯލްގެ އާ ރައީސް ކިމް ޖޮންގް ޔަންގް -- ފޮޓޯ: އިންޓަޕޯލް

ސޯލް (ނޮވެމްބަރު 21): އިންޓަޕޯލްގެ ރައީސް ކަމަށް ދެކުނު ކޮރެއާގެ ފުލުހެއް ކަމަށްވާ ކިމް ޖޮންގް ޔަންގް އިންތިހާބުކޮށްފި އެވެ.

ކިމް އެމަގާމަށް އިންތިހާބު ކުރީ އިންޓަޕޯލްގެ 194 މެމްބަރު ގައުމުން ބައިވެރިވި އަހަރީ ކޮންގްރެސްގަ އެވެ. އެމަގާމަށް ކިމްއާ އެންމެ ގާތުން ވާދަ ކުރީ ރަޝިއާގެ އެލެގްޒެންޑާ ޕްރޮކޮޕްޗުކް އެވެ.

ނަމަވެސް ބައެއް ފަރާތްތަކުން ވަނީ ޕްރޮކޮޕްޗުކް އެމަގާމަށް އައްޔަންކޮށްފި ނަމަ، ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއަށް ފާޑު ކިޔާ ފަރާތްތައް ހުއްޓުވުމަށް ބާރުގެ ބޭނުންކޮށްފާނެ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

އެގޮތުން އިންޓަޕޯލްގެ މޮސްކޯ ބިއުރޯގެ ވެރިޔާގެ މަގާމުގައި ޕްރޮކޮޗުކް ހުންނެވި އިރު އޭނާ ރެޑް ނޯޓިސް ސިސްޓަމް، ރަޝިއާ ސަރުކާރަށް ފާޑު ކިޔާ ފަރާތްތައް ހައްޔަރު ކުރުމަށް ބޭނުން ކުރެއްވި ކަމަށް ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ.

އިންޓަޕޯލްއަށް އާ ރައީސަކު އައްޔަން ކުރީ، ކުރީގެ ރައީސް މެންގް ހޮންގްވެއި މިދިޔަ ސެޕްޓެމްބަރު މަހު ޗައިނާއަށް ވަޑައިގެންނެވި ފަހުން ވީނުވީއެއް ނޭނގި ގެއްލުމުންނެވެ. ފަހުން ޗައިނާއިން ވަނީ ކޮރަޕްޝަނުގެ މައްސަލައެއްގައި ހޮންގްވެއި ހައްޔަރު ކުރީ ކަމަށް ބުނެފަ އެވެ. އަދި އޭގެ ފަހުން އިންޓަޕޯލްއިން ވަނީ ހޮންގްވެއިގެ އިސްތިއުފާގެ ސިޓީ ލިބިފައިވާ ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް