"ރޭސް"ގެ ތީމް ލަވައިގެ ކަވާއެއް ޒޭން މަލިކްގެ އަޑުން!

ޒޭން ކިޔާފައިވާ ލަވައިގެ ޕޯސްޓަރެއް....

ދެހާސްއަށް ވަނަ އަހަރު ބެލުންތެރިންނާ ހަމަޔަށް އައި "ރޭސް"ގެ ތީމް ލަވަ "ﷲ ދުހާއީ ހޭ"ގެ ކަވައެއް މަޝްހޫރު ލަވަކިޔުންތެރިޔާ ޒޭން މަލިކް އާންމުންނަށް ދޫކޮށްލައިފި އެވެ.

ސިލްސިލާ ކޮށް ގެނެސްދެމުން އަންނަ ފިލްމު "ރޭސް"ގެ ކޮންމެ ސީކުއެލްއެއްގައި ވެސް އެ ލަވައިގެ ރީމޭކޭއް ހިމެނެ އެވެ.

އެންމެ ފަހުން ބެލުންތެރިންނާ ހަމަޔަށް އައިސްފައިވަނީ "ރޭސް 3" އެވެ. އެ ފިލްމުގައި ހިމެނޭ "ﷲ ދުހާއީ ހޭ" ލަވައަށް ވެސް ވަނީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފަ އެވެ.

ޒޭން ކިޔާފައިވާ އެ ލަވަ މިދިޔަ ހޯމަ ދުވަހު ޔޫޓިއުބްގައި އާންމުކުރުމާ އެކު ގިނަ ބަޔަކު ވަނީ އެ ލަވަ ބަލާފައެވެ. މިހާތަނަށް އައިއިރު އެ 2.1 މިލިއަނަށް ވުރެ ގިނަ ވިއުސް ވަނީ އެ ލަވައަށް ލިބިފަ އެވެ.

"ރޭސް"ގެ ކޮންމެ ސީކުއެލްއެއްގައި އެ ލަވައިގެ ރީމޭކެއް ހިމެނޭއިރު ޒޭން ކިޔާފައިވާ ކަވާ ލަވަ، "ރޭސް"ގެ އިތުރު ސީކުއެލްއެއް ކުރިއަށް އޮތްނަމަ އެ ފިލްމެއްގައި ހިމެނުން އެކަށީގެންވެ އެވެ.

"ވަން ޑައިރެކްޝަން" ބޭންޑުން ވިދާލައި، ބޮޑު މަގުބޫލުކަމެއް ހޯދި ޒޭން 2015 ވަނަ އަހަރު އެ ބޭންޑު ދޫކޮށްލައި، ސޯލޯ ކެރިއަރެއް ވަނީ ފަށައިފަ އެވެ. އެގޮތުން 2016 ވަނަ އަހަރު "މައިންޑް އޮފް މައިން"ގެ ނަމުގައި ޑެބިއު ސޯލޯ އަލްބަމެއް އޭނާ ނެރުނު އިރު، އޭގެ ލީޑް ސިންގަލް "ޕިލޯޓޯކް" ވަނީ އެމެރިކާ އަދި ޔޫކޭގެ ޗާޓުތަކުގައި ރަސްކަން ކޮށްފަ އެވެ.

ލަވަކިޔުންތެރިޔާ ސިއާއާ އެކު ޒޭން ކިޔައި، މިދިޔަ އަހަރު ނެރުނު ލަވަ "ޑަސްކް ޓިލް ޑޯން"އަކީ ވެސް ގިނަ ބައެއްގެ މެދުގައި މަގުބޫލުވި ލަވައެކެވެ.

comment ކޮމެންޓް