ޑރ. ރަފިއްޔާއަށް ސްޓީވީ އެވޯޑެއް

ޑރ. އާއިޝަތު ރަފިއްޔާ ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ވިޔަފާރީގެ ދާއިރާގައި އެކި ރޮނގު ރޮނގުން ފާހަގަކޮށްލެވޭ ފަރާތްތަކަށް ދޭ ބައިނަލްއަގުވާމީ ސްޓީވީ އެވޯޑް، ރީޖަނަލް އެލަޔަންސް ފޯ ފޮސްޓަރިންގް ޔޫތު (ރަފީ އެންޖީއޯ)ގެ ފައުންޑިންގް ޕްރެޒިޑެންޓް ޑރ. އާއިޝަތު ރަފިއްޔާއަށް ލިބިއްޖެ އެވެ.

ތަފާތު ދާއިރާތަކާއި ރޮނގުރޮނގުން ސްޓީވީ އެވޯޑްސް، ދުނިޔޭގައި ފާހަގަކޮށްލެވޭ އެކި ފަރާތްތަކަށް ދޭ އިރު، ޑރ. ރަފިއްޔާއަށް ލިބުނީ "ވުމަން އޮފް ދަ އިޔާ - ގަވަމަންޓް/ނޮން-ޕްރޮފިޓް" ރޮނގުން ދޭ ސިލްވާ އެވޯޑެވެ.

ސްޓީވީ އެވޯޑްސް - ވިމެން އިން ބިޒްނަސްއަކީ ވިޔަފާރިތަކާއި ޖަމިއްޔާތައް ހިންގާ އަންހެން އެގްޒެކެޓިވުންނަށް ހާއްސަކޮށްގެން ދޭ ހަމައެކަނި ބައިނަލްއަގުވާމީ ބިޒްނަސް އެވޯޑުކަމަށް އެ އެވޯޑު ދޭ ފަރާތުން ބުނެ އެވެ.

ރަފީ ޖަމިއްޔާގެ ފައުންޑިންގް ޕްރެޒިޑެންޓްކަމުގެ އިތުރުން، ޑރ. ރަފިއްޔާއަކީ ސަރުކާރާއި ރައްޔިތުން ހިއްސާވާ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރެކެވެ. އަދި ސަން ސިޔާމް ގްރޫޕުގެ ޑިރެކްޓަރުކަން ވެސް ރަފިއްޔާ ކުރައްވާ އިރު، މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)ގެ ނައިބު ލީޑަރުކަން ވެސް އޭނާ ކުރައްވަ އެވެ.

މީގެ އިތުރުން މުޖުތަމައުއަށް ހިދުމަތް ކޮށްދިނުމާއި ލިބިފައިވާ ހުނަރެއް ބޭނުންކޮށްގެން އާއްމުންގެ ދިރިއުޅުމަށް އެދެވޭ ރަނގަޅު ބަދަލުތަކެއް ގެނައުމަށް އިސްނަގައިގެން މަސައްކަތްކުރާ ޒުވާނުންނަށް އިނގިރޭސި ރާނީ ދެއްވާ އެވޯޑް ލިބޭ ޒުވާނުންގެ މެންޓޯއިންގެ ޕެނަލްގައި ވެސް ޑރ. ރަފިއްޔާ ހިމެނެ އެވެ.

comment ކޮމެންޓް