ނަޝީދާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ބައްދަލުކުރައްވައިފި

އަލީ ވަހީދާއި ރައީސް ނަޝީދު ބޭއްވެވި ބައއްދަލުކުރެއްވުމުގެ ތެރެއިން-- ފޮޓޯ: އެމްޑީޕީ

ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ބައްދަލުކުރައްވައިފިއެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު އެ ބައްދަލުވުން ކުރިޔަށް ދިޔަ އިރު، އޭގެ ތަފްސީލެއް އާންމެއް ނުކުރެއެވެ.

މިނިސްޓަރު އަލީ ވަހީދަކީ މީގެ ކުރިން އެމްޑީޕީގެ ޗެއާޕާސަނެވެ. އެހެން ނަމަވެސް 2015 ވަނަ އަހަރު އިނގިރޭސިވިލާތަށް އަމިއްލަފުޅަށް އަރުވާލެވިގެން ހުންނަވައި، ގައުމުން ބޭރުގައި ހުރެ ޕާޓީގެ ހަރަކާތްތައް ހިންގުމަށް ދަތިވާތީ އޭނާ މަގާމުން އިސްތިއުފާ ދެއްވިއެވެ.

އަދި އެއަށްފަހު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން، މި އަހަރު އެ ޕާޓީގެ ރައީސްގެ މަގާމަށް އޭނާ އިންތިހާބުވިއެވެ.

އަލީ ވަހީދު ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް އައްޔަނުކުރީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ. އަދި މިހާރުވެސް އަލީ ވަހީދަކީ ޖޭޕީގެ ރައީސްވެސް މެއެވެ.

ޓޫރިޒަމް މިނިސްޓަރާއި ރައީސް ނަޝީދު މިއަދު ބައްދަލުކުރެއްވި އިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓުގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ވަޒީރުންނަށް ގިނަ ބަޔަކު ފާޑުކިޔަމުން ދާތީ ކުރީގެ ނައިބު ރައީސް އަދި ޖުމްހޫރީ ޕާޓީގެ މެމްބަރު ޑރ. މުހައްމަދު ޖަމީލް އަހްމަދު ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ.

ޑރ ޖަމީލް މިއަދު ވިދާޅުވީ ސަރުކާރު ބަލިކަށިކުރުމަށް ބަޔަކު ދަނީ ޒިންމާދާރުކަން ކުޑަ އަމަލުތަކެއް ހިންގަމުން ކަމަށެވެ.

ކެބިނެޓަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ތެރޭގައި ވިޔަފާރީގެ މަސްލަހަތު ފުށުއަރާ، އަދި މިނިސްޓްރީތަކަށް ނާގާބިލު ބޭފުޅުން އައްޔަނުކޮށްފައިވާކަން ހިމެނެއެވެ.

comment ކޮމެންޓް