ޕީޕީއެމްއަށް ފޮނުވާ ސިޓީ އެޑްރެސްކުރަން ވީ ފަރާތެއް އަންގަން އީސީން އެދިއްޖެ

އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ޝަރީފު އަދި މެމްބަރު އަހްމަދު އަކްރަމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިދިކޮޅު ޕީޕީއެމްއަށް ފޮނުވާ ސިޓީތައް އެޑްރެސްކުރަންވީ ކާކަށްތޯ ސާފުކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމްގައި އެދިއްޖެއެވެ.

ޕީޕީއެމްގެ އަސާސީ ގަވައިދު ބުނާ ގޮތުގައި ޕީޕީއެމްގެ މެމްބަރަކު ޕާޓީގެ ޓިކެޓުގައި ރިޔާސީ އިންތިހާބުގައި ވާދަކުރައްވައިގެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އިސްވެވަޑައިގެންފި ހިނދެއްގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކީ، އެމަގާމުގައި ދެމިހުރި ހިނދެއްގައި ޕީޕީއެމްގެ މުސްތަޝާރު ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ތަރުޖަމާނު އަހްމަދު އަކްރަމް "ސަން"އަށް ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގެ ދައުރު، 2018 ނޮވެމްބަރު 17ގައި ހަމަވެފައިވާތީ، އެ ތަރީޚުގެ ފަހުން ޕީޕީއެމްއަށް ފޮނުވާ ސިޓީތައް އެޑްރެސްކުރާނެ ފަރާތެއް ސާފުނުވާ ކަމަށެވެ.

އެހެންކަމުން، އެކަން ސާފުކޮށްދިނުމަށް އެދި ޕީޕީއެމްއަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށާއި، ޕީޕީއެމްއަށް ފޮނުވާ ސިޓީތައް އެޑްރެސްކުރާނެ ފަރާތެއްގެ ނަމާއި މަގާމު ސާފުކޮށްދިނުމަށް އެދިފައިވާނެ ކަމަށެވެ.

ޕީޕީއެމްގެ ހިންގުން އެޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރުމަށް ސިވިލް ކޯޓުން 2016 ވަނަ އަހަރު ހުކުމް ކުރި އިރު، ޕީޕީއެމްގެ ރައީސްކަމުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް 2017 ވަނަ އަހަރު އެޕާޓީގެ މެމްބަރުކަމުންވެސް ވަކިކުރިއެވެ. އެއާއެކު މައުމޫނަށް ވަނީ ޕާޓީގެ ރައީސްގެ މަގާމު ގެއްލިފައެވެ.

https://sun.mv/111236

މިއަހަރުގެ ރިޔާސީ އިންތިހާބުން ކުރީގެ ރައީސް ޔާމީން ނާކާމިޔާބުވެވަޑައިގެން ފަހުން، ޕީޕީއެމްއިން ވަނީ ޚާއްސަގޮތުން ބާއްވާ ކޮންގްރެސްއެއް ބާއްވައި، އެޕާޓީގެ ރައީސްކަމަށް ޔާމީން އިންތިހާބުކޮށްފައެވެ. އަދި އެޕާޓީގެ ނައިބު ލީޑަރުންނާއި ސެކްރެޓޭރިއަޓުގެ އިސްވެރިންނާއި ޕާޓީ ކައުންސިލަށްވެސް މެމްބަރުން އިންތިހާބުކުރިއެވެ.

އެހެން ނަމަވެސް ޚާއްސަގޮތުން ބޭއްވި ކޮންގްރެސްގައި އިޖުރާއަތްތައް ފުރިހަމަ ނުކުރާކަމަށާއި، އެހެން ޕާޓީތަކުގެ މެމްބަރުންވެސް ބައިވެރިވެ، ވޯޓުލާފައިވާ ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަނުން އެ ކޮންގްރެސް ގަބޫލު ނުކުރާ ކަމަށް ވަނީ ނިންމާފައެވެ.

comment ކޮމެންޓް