އިދާރާތަކުން އެދޭ ވަރަކަށް ބަޖެޓެއް ނުދެވޭނެ: މުގައްރިރު

2019 ވަނަ އަހަރަށް ލަފާކޮށް ދައުލަތުގެ ބަޖެޓު ދިރާސާ ކުރާ ކޮމެޓީގެ މުގައްރިރު -- ސަން ފޮޓޯ / އަޙްމަދު އަވްޝަން އިލްޔާސް

ދައުލަތުގެ އިދާރާތަކުންނާއި މިނިވަން މުއައްސަސާތަކުން ކޮންމެ އަހަރަކު ވެސް ފައިސާގެ ބޮޑު އަދަދެއް ހޯދުމަށް އެދޭ ކަމަށާއި ނަމަވެސް މާލީ ހާލަތު ހުރި ގޮތުން އެ ފަރާތްތަކުން އެދޭ މިންވަރަށް ބަޖެޓު ދެވެން ނޯންނަ ކަމަށް، އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރާ ކޮމެޓީގެ މުގައްރިރު އިބްރާހިމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެ އެވެ.

މިނިވަން މުއައްސަސާތަކަށް ދިނުމަށް ހަމަޖެހިފައިވާ ބަޖެޓާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް މިއަދު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ޝަރީފު ވިދާޅުވީ، ބައެއް މުއައްސަސާތަކުން ބަޖެޓު ހުށަހަޅަނީ ބޮޑުކޮށް ކަމަށާއި އަހަރު ނިމިގެން ދާއިރު އެ މުއައްސަސާތުގެ ބަޖެޓުގެ ބޮޑު ބައެއް ބާކީ ހުންނަ ތަން ވެސް ފެނިފައިވާ ކަމަށެވެ.

"އަޅުގަނޑުމެނަށް ހުރިހާ ކޮމިޝަންތަކުން އެދޭ މިންވަރަކަށެއް، އެދޭ ވަރަކަށް ބަޖެޓު ދުލެއް ނުކުރެވޭނެ،"

"އެ ބަޖެޓުތައް ދިނުމަކީ އެއް ގޮތަކަށް ވެސް އަޅުގަނޑުމެންގެ ބަޖެޓުގެ ސްޕޭސް އޮތް މިންވަރަކުން ކުރެވޭކަށް ނެތް،" ޝަރީފު ވިދާޅުވި އެވެ.

އެގޮތުން އިލެކްޝަން ކޮމިޝަނުން 123 މިލިއަން ރުފިޔާ ހޯދުމަށް އެދިފައިވާއިރު ބަޖެޓުގައި ޖަހާފައިވަނީ 80 މިލިއަން ރުފިޔާކަން ޝަރީފް ފާހަގަކުރެއްވި އެވެ. އަދި ފަހުން ކޮމެޓީގައި އެދިފައިވަނީ 89.2 މިލިއަން ރުފިޔާ ހަމަޖައްސައި ދިނުމަށް ކަމަށެވެ.

މިއަދުގެ ކޮމެޓީގައި ވާހަކަ ދެއްކި ގިނަ މެންބަރުންގެ ރާގު ވެސް ހުރީ އެ ގޮތަށެވެ. ނަމަވެސް ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލު އުސްމާނު ވިދާޅުވީ މިނިވަން މުއައްސަސާތަކުން ޒިންމާދާރު ކަމާއި މިނިވަން ކަމާ އެކު މަސައްކަތް ކުރެވޭނެ ވަރުގެ ބަޖެޓެއް ދޭން ޖެހޭ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ކޮމެޓީގެ އިތުރު ބައްދަލުވުމެއް މިރޭ ބޭއްވުމަށް ހަމަ ޖެހިފައިވާއިރު ދައުލަތުގެ 18 މުއްސަސާގެ ބަދަލުގައި ބަޖެޓު ކޮމެޓީއަށް ހާޒިރުކުރުމަށް ނިންމާފައި ވަނީ ފަސް މުއައްސަސާ އެކެވެ.

comment ކޮމެންޓް