ދުވަހަކުވެސް ކޮމްޕިއުޓަރު ބޭނުން ނުކުރެޔޭ ބުނުމަކީ ތެދެއް ނޫން: ޖަޕާންގެ ސައިބާސެކިއުރިޓީ މިނިސްޓަރު

ޖަޕާނުގެ ސައިބާސެކިއުރިޓީ މިނިސްޓަރު ޔޮޝިތަކާ ސަކުރަދާ -- ފޮޓޯ: ރޮއިޓާސް

ޓޯކިޔޯ (ނޮވެމްބަރު 20): ޖަޕާނުގެ ސައިބާސެކިއުރިޓީ މިނިސްޓަރު ދުވަހަކުވެސް ކޮމްޕިއުޓަރު ބޭނުން ނުކުރައްވާ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅު ފެތުރިފައި ވަނީ މާނަ އޮޅޭ ގޮތަށް ކަމަށް އެމިނިސްޓަރު ވިދާޅުވެއްޖެ އެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު ޔޮޝިތަކާ ސަކުރަދާ ވިދާޅުވި ގޮތުގައި މިމަހުގެ 14އިގައި ގާނޫނު ހަދާ މަޖިލީހުގައި ދެއްކެވި ވާހަކަފުޅުގައި، ކޮމްޕިއުޓަރު ބޭނުން ނުކުރާ ކަމަށް ވިދާޅުވީ ގޭގައި އާއްމު ގޮތެއްގައި ކޮމްޕިއުޓަރު ބޭނުން ނުކުރާ ވާހަކަ ކަމަށެވެ. ނަމަވެސް އޮފީހުގައި އެކި މަސައްކަތްތަކަށް އޭނާ ކޮމްޕިއުޓަރު ބޭނުން ކުރައްވާ ކަމަށެވެ.

"އަޅުގަނޑު އާއްމު ގޮތެއްގައި ގޭގައި ކޮމްޕިއުޓަރު ބޭނުމެއް ނުކުރަން، ނަމަވެސް އޮފީހުގައި އެކި މަސައްކަތްތަކަށް ކޮމްޕިއުޓަރު ބޭނުން ކުރަން. އަދި (ކޮމްޕިއުޓަރު) ބޭނުން ކުރާ ފަރާތްތަކަށް އަޅުގަނޑު އަބަދުވެސް އިރުޝާދު ދެން، ސަލާމަތީ ފިޔަވަޅުތައް އެޅުމަށް،" މިނިސްޓަރު ސަކުރަދާ ވިދާޅުވި އެވެ.

މިދިޔަ މަހު ޖަޕާނުގެ ސައިބާސެކިއުރިޓީ މިނިސްޓަރު ކަމަށް އައްޔަން ކުރި ސަކުރަދާ ދުވަހަކުވެސް ކޮމްޕިއުޓަރު ބޭނުން ނުކުރައްވާ ކަމަށް ވިދާޅުވީ މަޖިލިސް މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

"އަޅުގަނޑަށް 25 އަހަރުވީ ފަހުން ފެށިގެން، އަޅުގަނޑު ގެންދަނީ މުވައްޒަފުންނާއި ސެކްރެޓަރީންނަށް އިރުޝާދު ދެމުން. އެއިރުޝާދުތައް ދިނުމުން އަޅުގަނޑު އަމިއްލައަށް ކޮމްޕިއުޓަރު ބޭނުން ކުރާކަށް ނުޖެހޭ،" މިނިސްޓަރު ސަކުރަދާ ވިދާޅުވި އެވެ.

ޖަޕާނުގެ ސައިބާސެކިއުރިޓީ މިނިސްޓަރު އެފަދައިން ވިދާޅުވުމާ ގުޅިގެން ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުންނާއި ސޯޝަލް މީޑިއާ ބޭނުން ކުރާ ފަރާތްތަކުން ވަނީ މިނިސްޓަރުގެ ގާބިލު ކަމާ މެދު ސުވާލު އުފައްދާފަ އެވެ. ދުވަހަކު ވެސް ކޮމްޕިއުޓަރު ބޭނުން ނުކުރާ މީހަކު ސައިބާ-ސެކިއުރިޓީގެ ދާއިރާއިގެ މިނިސްޓަރު ކަމުގެ މަގާމަށް އައުމަކީ އެކަށީގެން ނުވާ ކަމެއް ކަމަށް ބުނެ ގިނަގުނަ ފާޑު ކިޔުންތަކެއް ދަނީ ސަކުރަދާއަސާއި ޖަޕާނުގެ ސަރުކާރަށް އަމާޒު ވަމުންނެވެ.

މިނިސްޓަރު ސަކުރަދާ އަކީ 2020ގައި ޖަޕާނުގައި ބާއްވާ އޮލިމްޕިކް ގޭމްސްގެ ސައިބާ-ޑިފެންސް ތައްޔާރީތަކުގައިވެސް އިސްކޮށް ހުންނަވާ ފަރާތެވެ. އެގައުމުގެ މަޖިލިސް މެމްބަރެއްގެ ގޮތުގައި 22 އަހަރު ހޭދަ ކުރައްވާފައިވާ ސަކުރަދާ މީގެ ކުރިން ކެބިނެޓުގެ މަގާމެއް ފުރުއްވާފައެއް ނުވެ އެވެ.

comment ކޮމެންޓް