ސީއެންއެން ރިޕޯޓަރުގެ ހުއްދަ އަނބުރައި ދީފި

ވައިޓް ހައުސްގައި މިމަހުގެ އަށްވަނަ ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސުގައި މުވައްޒަފަކު ވަނީ އަކޯސްޓާގެ މައިކް އަތުލަން މަސައްކަތްކޮށްފަ -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (ނޮވެމްބަރު 20): ސީއެންއެންގެ ރިޕޯޓަރު ޖިމް އަކޯސްޓާގެ ވައިޓް ހައުސްއަށް ވަނުމުގެ ހުއްދަ އަނބުރައި ދީފި އެވެ.

އަކޯސްޓާގެ ހުއްދަ ވައިޓް ހައުސްއިން ސަސްޕެންޑު ކުރީ މިމަހުގެ އަށްވަނަ ދުވަހުގަ އެވެ. އަދި ސީއެންއެންއިން އެމައްސަލަ ކޯޓަށް ހުށަހެޅުމުން، ކޯޓުން ވަނީ މައްސަލަ ބަލައި ނިމެންދެން އަކޯސްޓާގެ ހުއްދަ އަނބުރައި ދިނުމަށް އަމުރުކޮށްފަ އެވެ.

އިއްޔެ އަކޯސްޓާގެ ހުއްދަ އަނބުރައި ލިބުމާ އެކު އޭނާ ވަނީ އޭނާއަށް ތާއިދުކުރި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ. އަދި މަސައްކަތަށް އެނބުރި ދާން ތައްޔާރަށް ހުރި ކަމަށް ބުނެފަ އެވެ.

އަކޯސްޓާގެ ހުއްދަ އަނބުރައި ދެމުން ވައިޓް ހައުސް އިން ވަނީ ޕްރެސް ކޮންފަރެންސްތަކުގައި ނޫސްވެރީން އަމަލު ކުރަން ޖެހޭ ގޮތާ ބެހޭ ގޮތުން ގަވާއިދުތަކެއް އާއްމުކޮށްފަ އެވެ.

އެގޮތުން ނޫސްވެރީންނަށް ކުރެވޭނީ ކޮންމެ ފަހަރަކު އެއްމެ ސުވާލެއް ކަމަށާއި އިތުރު ސުވާލެއް ކުރެވޭނީ ރައީސް ޑޮނަލްޑް ޓްރަމްޕް ނުވަތަ ވައިޓް ހައުސްގެ އެހެން އޮފިޝަލުން ހުއްދަ ދިނުމުން ކަމަށެވެ.

ރައީސް ޓްރަމްޕް ވަނީ ނޫސްވެރީން ގަވާއިދުތަކާ އެއްގޮތަށް އަމަލު ނުކުރާ ނަމަ، ޕްރެސް ކޮންފަރެންސް ނިންމަވާލައްވާނެ ކަމުގެ އިންޒާރު ދެއްވާފަ އެވެ.

މިމަހުގެ އަށްވަނަ ދުވަހު ވައިޓް ހައުސްގައި ބޭއްވި ޕްރެސް ކޮންފަރެންސުގައި އަކޯސްޓާ ވަނީ ޓްރަމްޕްގެ އިމިގްރޭޝަން ސިޔާސަތާ ބެހޭ ގޮތުން ސުވާލުކޮށްފަ އެވެ.

ނަމަވެސް ރައީސް ޓްރަމްޕް ވަނީ ގައުމު ހިންގުމުގެ ޒިންމާ ރައީސަށް ދޫކޮށްލުމަށާއި އަކޯސްޓާ ސީއެންއެން ހިންގުމައިގެން ކުރިއަށް ދިޔުމަށް އެދިވަޑައިގެންފަ އެވެ.

އޭގެ ފަހުން ޓްރަމްޕް ވަނީ އަކޯސްޓާގެ ސުވާލުތަކަށް ޖަވާބު ދިނުން ނިންމާލީ ކަމަށް ވިދާޅުވެފަ އެވެ. އަދި ވައިޓް ހައުސްގެ އިންޓާންއަކު ވަނީ އަކޯސްޓާގެ މައިކް އަތުލަން މަސައްކަތްކޮށްފަ އެވެ.

ނަމަވެސް އަކޯސްޓާ މައިކް ދޭން ދެކޮޅު ހެދުމުން، ޓްރަމްޕް ވަނީ އަކޯސްޓާ އަކީ "އަދަބުކުޑަ" ނޫސްވެރިއެއް ކަމަށާއި، އޭނާގެ ސަބަބުން ސީއެންއެންއިން ލަދު ގަންނަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

comment ކޮމެންޓް