ގިނަ ރަށްރަށުގައާއި ލަންކާގައި "ކަނޑު އިބިލީސް" ޕްރިމިއާކުރަނީ އެއްދުވަހެއްގައި

"ކަނޑު އިބިލީސް" ގެ ޕޯސްޓަރެއް...

ކުޑަކުދީންނަށް ހާއްސަ ކޮށްގެން ހަދާފައިވާ ފިލްމު "ކަނޑު އިބިލީސް" ސްރީލަންކާ އާއި ރާއްޖޭގެ ގިނަ ރަށްތަކެއްގައި އެއްދުވަހެއްގައި އަޅުވާގޮތަށް ހަމަޖައްސައިފިއެވެ.

އެ ފިލްމު ރެޑް ކާޕެޓް ހަފްލާއެއްގައި ޕްރިމިއާކުރުމަށް ހަމަޖެހިފައިވަނީ ހދ. ކުޅުދުއްފުށީ ތިލަދެކުނު ސިނަމާގައެވެ. އެ ފިލްމުގެ ހުރިހާ މަންޒަރުތަކެއް ނަގާފައިވަނީ ވެސް ކުޅުދުއްފުށީގައެވެ. އަދި "ކަނޑު އިބިލީސް" ގައި ކުޅުދުއްފުށީގެ 100 އަށް ވުރެ ގިނަ ކުޑަ ކުދީން ފެންނާނެ އެވެ.

ކުޅުދުއްފުއްޓާއި ލަންކާއާ އެއްކޮށް އެ ފިލްމު ލ.އިސްދޫ ކަޅައިދޫ، ލ.ގަން، ލ.ހިތަދޫ، އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ގއ. ވިލިނގިލި، ކ.ކާށިދޫ، އދ.މާމިނގިލި، ޅ.ނައިފަރު، ޅ.ހިންނަވަރު، ގދ.ވާދޫ، ދ.ކުޑަހުވަދޫ އަދި ކ.ގާފަރު ގައި ފިލްމު އަޅުވަން މިހާރު ވަނީ ފައިނަލް ވެފައެވެ.

ފިލްމު ޕްރިމިއާ ކުރާނީ އަންނަ މަހުގެ ދެވަނަ ދުވަހުއެވެ.

ފިލްމު އަޅުވަން ކުޑަތަން ވަމުން އަންނަ އިރު މިވަގުތު ކުރިޔަށްދަނީ ފިލްމުގެ ޕޯސްޓަރުތައް ޕްރިންޓްކުރުމުގެ މަސައްކަތުގެ އިތުރުން ޕްރޮމޯޝަނަލް ލަވައެއްގެ ޝޫޓްކުރުމެވެ. މި މަސައްކަތުގައި ފިލްމުގެ ދެ ޕްރޮޑިއުސަރު ކަމަށްވާ އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) އާއި އަހުމަދު ޒިޔާ މިވަގުތު ތިބީ ލަންކާގައެވެ.

އެ ފިލްމުގެ ޕްރޮމޯޝަނަލް ލަވައެއް ބިދަބިން ބޮޑުބެރު ގްރޫޕުން ކިޔާފައިވާއިރު ދެވަނަ ލަވަ ތައްޔާރުކުރަނީ އިބްރާހީމް ނިފާރު (ތިއްތި) އެވެ. ކޮޕީ އިއްސެގެ ބައްޕަގެ ވާހަކައަކަށް ހަދާފައިވާ އެ ފިލްމު ޑައިރެކްޓްކުރީ ކޮޕީ އިއްސެއެވެ.

"ކަނޑު އިބިލީސް" ގެ މަންޒަރެއް....

ރާއްޖޭގެ ގިނަ ރަށްތަކެއްގައި އެއްދުވަހެއްގައި ފިލްމު އަޅުވަން ނިންމާފައިވާއިރު އެ ފިލްމު އަޅުވަން ބޭނުންވާ ފަރާތްތަކުން 7864477 މި ނަމްބަރަށް ގުޅަން ނުވަތަ [email protected] އަށް މެއިލް ކުރުމަށް ފިލްމުގެ ޓީމުން އެދެއެވެ.

"ކަނޑު އިބިލީސް" ގެ ޓިކެޓްގެ އަގު އެހެން ފިލްމުތަކަށް ވުރެން ހެޔޮވާނެެއެވެ. "ކަނޑުއިބިލީސް"ގެ ޓިކެޓު ވިއްކާނީ 50 ރުފިޔާއަށް ކަމަށް ޓީމުން ބުނެއެވެ.

ތިއްތި ބެކް މިއުޒިކް ތައްޔާރުކޮށްފައިވާ "ކަނޑު އިބިލީސް"ގެ ޕްރޮޑަކްޝަން މެނޭޖަރަކީ ޒިޔާ އެވެ. އެ ފިލްމަކީ އެއްފަހަރާ އެހާ ގިނަ ރަށްތަކެއްގައި ޕްރިމިއާ ކުރެވޭނެ ފިލްމެއްކަން ފާހަގަކޮށްލެވެއެވެ.

އަތޮޅުތަކުގައި ފިލްމު ދެއްކުމަށްފަހު މާލެ، ހުޅުމާލެ އަދި ޝްވެކް ސިނަމާގައިވެސް ފިލްމު ދައްކާގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި މާލޭގައި ވެސް ފިލްމު އަޅުވާނީ ކުލަގަދަ ހަފްލާއަކާއެކު ކަމަށް އެ ފިލްމުގެ ޓީމުން މައުލޫމާތު ދެއެވެ.

comment ކޮމެންޓް