ބީއެމްއެލް ވިލިނގިލި ބްރާންޗުއް ވައްކަންކުރި މައްސަލާގައި ހަ މީހަކު ހައްޔަރުކޮށްފި

ގއ. ވިލިނގިލި: ސަން ފައިލް ފޮޓޯ

ބީއެމްއެލްގެ ގއ. ވިލިނގިލި ބްރަންޗުން ވައްކަން ކުރި މައްސަލާގައި ހަ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ބީއެމްއެލް ވިލިނގިލި ބްރާންޗުގެ ފުރާޅު ހަލާކުކޮށްލައިގެން އެތަނަށްވަދެ، ގިނަ އަދަދެއްގެ ފައިސާ ވަގަށްނެގި މައްސަލާގައި ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މީހުން ހައްޔަރު ކުރީ ފުލުހުންގެ އިންޓެލިޖެންސާ ގުޅިގެން ކުރި މަސައްކަތުން ކޯޓު އަމުރެއްގެ ދަށުންނެވެ.

ހަ މީހަކު ހައްޔަރުކޮށްފައިވާއިރު ގިނަ އަދަދެއްގެ ފައިސާވެސް ހޯދިފައިވާކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ ފައިސާކަމެއް ހާމައެއް ނުކުރެއެވެ.

ބީއެމްއެލް ވިލިނގިލީ ބްރާންޗުގެ ފުރާޅުން ބައެއް ނަގައި، އެތެރެއަށް ވަދެ ތިޖޫރީތަކަށް ގެއްލުންދީ، ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ ފަތިހު 5:30 ގައެވެ. ނަމަވެސް ވަގަށްނެގީ ކިހާއަދަދެއްގެ ފައިސާކަމެއް ހާމައެއް ނުކުރެއެވެ.

މި ހާދިސާއާ ގުޅިގެން އެ ބްރާންޗުން ދެމުން ގެންދިޔަ ހިދުމަތްވެސް ވަނީ ވަގުތީގޮތުން މިއަދު މެދުކަނޑާލައިފައެވެ. ބީއެމްއެލް އިން ބުނީ އެ މައްސަލާގައި ފުލުހުން ބަލަންޖެހޭ ކަންތައް ބެލުމަށްފަހު އަލުން ހިދުމަތް ފަށާނެ ކަމަށެވެ.

comment ކޮމެންޓް