ވަޒީރު މަހުލޫފު އެންމެ ފުރަތަމަ ބައްދަލުކުރެއްވީ މެއިންޓެނަންސް މުވައްޒަފުންނާ

މަހުލޫފު ޔޫތު މިނިސްޓްރީގެ މެއިންޓެނެންސް ޑިޕާޓްމެންޓުގެ މުވައްޒަފުންނާ ބައްދަލު ކުރައްވަނީ -- ފޮޓޯ/ މަހުލޫފް، ޓްވިޓާ

މިއަދަކީ އާ ސަރުކާރުގެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހެވެ. ސަރުކާރުގެ ވަޒީރުން އެބޭފުޅުންގެ އޮފީސްތަކަށް ވަޑައިގެން މުވައްޒަފުންނާ ބައްދަލުކޮށް މަސައްކަތް ހުރި ނެތްގޮއް ބައްލަވާފައިވެއެވެ. ހާއްސަކޮށް އޮފީހުގެ އިސްމުއްޒަފުންނާ ބައްދަލުކޮށް މަސައްކަތުގެ ތަފްސީލު އޮޅުން ފިލުއްވާފައިވެއެވެ.

މިއަދު އެންމެ ތަފާތު މަންޒަރެއް ފެނިގެންދިޔައީ ޒުވާނުންނާއި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފުގެ ފަރާތްޕުޅުންނެވެ. ވަޒީރުކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު މަހުލޫފު އެންމެފުރަތަމަ ބައްދަލުކުރެއްވީ ޔޫތް މިނިސްޓްރީގެ މެއިންޓެނަންސް ޑިޕާޓްމެންޓުގެ މުވައްޒަފުންނާއެވެ.

އޮފީސްތެރެ ސާފުކޮށް ރީތިކޮށް ބާޢްވާ، މުވައްޒަފުން ބޭނުންވާ ބައެއް ކަންތައް ކޮށްލައިދީ ހަދާ މުވައްޒަފުންނާ ފުރަތަމަ ބައްދަލުކޮށް މަހުލޫފު ވަނީ ނަމޫނާ ދައްކަވައިފައެވެ.

ޓްވީޓާގައި މަހުލޫފު ވިދާޅުވީ އޮފީހުގެ ރަސްމީ މަސައްކަތަށް ނިކުންނަވައި އެންމެ ފުރަތަމަ ބައްދަލުވުން ބޭއްވީ މެއިންޓެނެންސް ޑިޕާޓްމެންޓުގެ ހީވާގި މުވައްޒަފުންނާއެކު ކަމަށެވެ.

"މިއީ އަޅުގަނޑު މިނިސްޓަރަކަށް ވުމަށްފަހު ބޭއްވި ފުރަތަމަ ބައްދަލުވުން. މި ހީވާގި މުވައްޒަފުންނަކީ އޮފީސް މާހައުލު ސާފުކޮށް ބޭއްވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރައްވާ ބޭފުޅުން،"

މަހުލޫފުގެ މި ޓްވީޓަށް ގިނަ ރައްޔިތުން ދަނީ މަރުހަބާ ކިޔަމުންނެވެ. ފުރަތަމަ ދުވަހުވެސް މަހުލޫފު ނަމޫނާ ދައްކައިފި ކަމަށާއި މިއީ ހުރިހާ މުވައްޒަފުން ގޮވައިގެން މަސައްކަތް ކުރެވޭނެ ކަމުގެ ހެއްކެއް ކަމަށް ދަނީ ބުނަމުންނެވެ.

މަހުލޫފަކީ މަޖިލީހުގައި މަސައްކަތް ކުރެއްވި އިރުވެސް މީހުންނާ ގުޅިގެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

comment ކޮމެންޓް