ކޮރަޕްޝަން ހިންގާ ފަރާތްތަކަށް ފުރިހަމަ އަދަބު ދޭން ޖެހޭ: ސިޔާމް

ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު -- ފޮޓޯ މަޖިލިސް

ރާއްޖޭގައި ޒަމާނުއްސުރެ އޮތް ކޮރަޕްޝަނާއި ފަސާދައިގެ ކަންކަން ރާއްޖެ އިން ނެތިކޮށްލުމަށް އެކަން ހިންގާ ފަރާތްތަކަށް ފުރިހަމަ އަދަބު ދޭން ޖެހޭ ކަމަށް އެމްޑީއޭގެ ލީޑަރު އަދި މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ބަޖެޓު ބަހުސް މަރުހަލާގައި މަޖިލީހުގައި މިއަދު ބަހުސް ކުރައްވަމުން ސިޔާމް ވިދާޅުވީ އެމަނިކުފާނަކީ ކޮރަޕްޝަނާއި ވައްކަމާއި ފަސާދައިގެ ކަންކަމަށް ވަރަށް ބޮޑަށް ނަފުރަތު ކުރައްވާ ބޭފުޅެއް ކަމަށެވެ.

އެހެންވީމާ ކޮރަޕްޝަނާއި ފަސާދަ ހިންގާ ފަރާތްތަކަށް ފުރިހަމަ އަދަބު ދިނުމަށް ބާރު އަޅުއްވާ ކަމަށް ސިޔާމް ވިދާޅުވި އެވެ. ގައުމަށް ލިބޭ އާމްދަނީއަކީ ރައްޔިތުންގެ އެއްޗެއް ކަމަށާއި އެ ހޭދަކުރަން ޖެހޭނީ ރައްޔިތުންނަށް ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.

"ސަރުކާރަށް ލިބޭ އާމްދަނީ އަކީ ރަނގަޅުގޮތުގައި ރައްޔިތުންނަށް ހޭދަކުރެވޭ އެއްޗަކަށް ވާން ޖެހޭ. ރައްޔިތުންނަށް އޭގެ މަންފާ ރަނގަޅު ގޮތުގައި ލިބޭ އެއްޗަކަށް ވާން ޖެހޭ." ސިޔާމް ވިދާޅުވި އެވެ.

ދައުލަތަށް ލިބޭ ފައިސާ ރައްކާތެރިކޮށް ބެލެހެއްޓުމާއި ރައްޔިތުންނަށް އަމާނާތްތެރިކަމާ އެކު ހަރަދުކޮށް ދިނުމަކީ ސަރުކާރު ހިންގަން ތިބޭ ފަރާތްތަކުގެ މަސްއޫލިއްޔަތެއް ކަމަށް ވެސް ސިޔާމް ވިދާޅުވި އެވެ.

ސިޔާމް ވިދާޅުވީ ރައީސް ކަމަށާއި މަޖިލީހުގެ މެމްބަރު ކަމަށާއި ސަރުކާރުގެ މަގާމުތަކަށް އަންނަނީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ކަމަށެވެ. އެހެންވީ ކުލައަކަށް ބެލުމެއް ނެތި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކޮންމެ ރަށެއްގެ ރައްޔިތުން ބޭނުންވާ ކަންތައްތައް ކޮށްދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ސިޔާމް ވިދާޅުވީ ރާއްޖެއަކީ މުޅިންހެން އިގްތިސާދު ޓޫރިޒަމަށް ބަރޯސާވެފައިވާ ގައުމެއް ކަމަށާއި އުސޫލެއް ހަމައެއް ނެތި އަދި ޕްލޭނެއް ނެތި ރިސޯޓްތަކާއި ހޮޓާތައް އިތުރުކުރާ ކަމަށްވާ ނަމަ އާޚިރުގައި އޭގެ ގެއްލުން ރާއްޖެ އަށް ކޮށްފާނެ ކަމަށެވެ. އަދި ވިދާޅުވީ ޓޫރިޒަމް ޕްރޮމޯޝަނަށް ސަރުކާރުން ކުރާ ހަރަދު އިތުރުކުރަން ޖެހޭ ކަމަށެވެ.

comment ކޮމެންޓް