ސަރުކާރުގެ ސިޔާސީ ނުފޫޒު ނުފޯރާ ނަމަ މިފްކޯ ކޮޅަށް ޖެހިދާނެ: ޕީސީބީ

އަންނަ އަހަރަށް ލާފަކާކުރާ ދައުލަތުގެ ބަޖެޓު ދިރާސާ ކޮމެޓީގައި ނިޒާރު(ކ) ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ: ފަޔާޒު މޫސާ

ބަނގުރޫޓުވުމާ ގާތަށް ގޮސްފައިވާ ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ލިމިޓެޑް ކޮމްޕެނީ (މިފްކޯ) އަށް ސަރުކާރުގެ ސިޔާސީ ނުފޫޒު ނުފޯރާ ކަމުގައިވާ ނަމަ އެ ކުންފުނި އަލުން ނަގާ ކޮޅަށް ޖެހޭނެ ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރިޓައިޒޭޝަން ބޯޑު(ޕީސީބީ) އިން ބުނެފި އެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާ ކުރާ ކޮމެޓީގައި މިފްކޯގެ ހާލަތާ ގުޅޭ ގޮތުން ކޮމަންޑޫ ދާއިރާގެ މެންބަރު އަހްމަދު ނާޝިދު ކުރެއްވި ސުވާލުގެ ޖަވާބުގައި، ޕީސީބީގެ ރައީސް މުހައްމަދު ނިޒާރު ވިދާޅުވީ މިފްކޯ ޕްރައިވަޓައިޒް ކުރުމަށް އެ ބޭފުޅުން މީގެ ކުރިން ވާނީ ލަފާ ދެއްވާފައި ކަމަށެވެ. އަދި ސަރުކާރުން އެ ކުންފުނި ހިންގަން ބޭނުން ނަމަ ފައިދާގައި ވެސް މިފްކޯ ހިންގި ދާނެ ކަން ނިޒާރު ފާހަގަކުރެއްވި އެވެ.

އަންނަ އަހަރަށް ލާފަކާކުރާ ދައުލަތުގެ ބަޖެޓު ދިރާސާ ކޮމެޓީގެ ބައްދަލުވުމުގެ ތެރެއިން --- ސަން ފޮޓޯ: ފަޔާޒު މޫސާ

"އެކަމު ސަރުކާރުގެ އިންފުލުއަންސް ޕޮލިޓިކަލް އިންފްލުއަންޒް ކުޑަކުރެވިއްޖެ ކަމުގައި ވަންޏާ އަޅުގަނޑަށް ވެސް ވަރަށް ޔަގީން އަޅުގަނޑަށް ވެސް އެތަން ކޮޅަށް ޖަހާލެވިދާނެ،" ނިޒާރު ވިދާޅުވި އެވެ.

އެހެނިހެން މަސްކުންފުނިތަކާ ހިލާފަށް މިފްކޯ އިން މަސް ގަންނަމުން ދަނީ މާކެޓް ވެލިއު އަށް ނުބަލައި ސަރުކާރުން ކަނޑައަޅާ ރޭޓެއްގައި ކަން ނިޒާރު ފާހަގަކުރެއްވި އެވެ. ނަތީޖާއަކަށް ވަނީ މިފްކޯގައި ކެޕޭސިޓީ ނެތް ނަމަވެސް މަސްވެރިން ގެންނަ ވަރަށް މަސް ގަންނަން ޖެހުން ކަމަށް ނިޒާރު ވިދާޅުވި އެވެ.

ސަރުކާރުން މިފްކޯ ދޫކޮށްލުމަށް ފަހު، ކާޑަށް ސަބްސިޑީދޭ އުސޫލުން ގާނޫނެއް ނުވަތަ ގަވާއިދެ ހެދުމަށް ފަހު މަސް ގަންނަ ފަރާތްތަކަށް ސަބްސިޑީ ދީގެން ސަރުކާރުން ކަނޑައަޅާ ރޭޓެއްގައި މަސްވެރިން އަތުން މަސް ގަނެވިދާނެ ކަން ނިޒާރު ފާހަގަކުރެއްވި އެވެ.

"ސަރުކާރުގެ ޕޮލިސީ މޭކާސްއަށް ޕޮލިޝީ ޑިސިޝަނެއް މޭކް ކުރެވިއްޖެއްޔާ މި ކުންފުންޏަކީ ރީ ސްޓްރަކްޗާ ކޮށްގެން ހަމަ ޕްރޮފިޓް މޭކް ކުރެވިދާނެ ކުންފުންޏެއް ވިޔަފާރީ އުސޫލުން،" ނިޒާރު ވިދާޅުވި އެވެ.

މިފްކޯގެ މާލީ ހާލަތު ގޯސްވެ އެ ކުންފުނި ބަނގުރޫޓު ވެދާނެ ކަމުގެ ބިރު ހީވެފައި ވަނިކޮށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ އެސްޓީއޯގެ ދަށަށް މިފްކޯ ބަދަލުކޮށްފަ އެވެ.

މިފްކޯ ހަރުދަނާކޮށް މާލީ ހާލަތު ރަނގަޅު ކުރުމަށް 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް 141،546،211 މިލިއަން ރުފިޔާ ކެޕިޓަލްގެ ގޮތުގައި ދީފައިވާ ކަމަށް މީގެ ކުރިން ފިނޭންސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި މިފްކޯ ހިންގުމަށް އެސްޓީއޯ އަށް 90 މިލިއަން ރުފިޔާ ދިނުމަށް ވަނީ ބެޖެޓު ކޮށްފަ އެވެ.

comment ކޮމެންޓް