ކޮމަންވެލްތާ އަލުން ގުޅުމަށް ކެބިނެޓުން ފާސްކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއް ކުރިއަށް ދަނީ -- ފޮޓޯ/ ރައީސް އޮފީސް

ދިވެހިރާއްޖެއިން ކޮމަންވެލްތު އޮފް ނޭޝަންސްއާ އަލުން ގުޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓުން މިއަދު ފާސްކޮށްފިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކެބިނެޓުން މިއަދު ވަނީ ކޮމަންވެލްތާ އަލުން ގުޅުމަށް ނިންމައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހަޅަން ފާސްކޮށްފައި ކަމަށެވެ.

ކޮމަންވެލްތާ ރާއްޖެ އަލުން ގުޅުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭން ވައުދެކެވެ. އަދި ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު ނެރުއްވި ފުރަތަމަ 100 ދުވަހުގެ އެޖެންޑާގައި ބުނެފައިވާ ގޮތުން، ސަރުކާރުގެ ފުރަތަމަ ހަފްތާ ތެރޭގައި ކުރާނެ ކަމެކެވެ.

ކޮމަންވެލްތު ޖަމިއްޔާއިން ރާއްޖެ ވަކިވީ ރައީސް އަބްދުﷲ ޔާމީނުގެ 2016 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އެ ސަރުކާރުން ބުނަމުން ދިޔައީ ކޮމަންވެލްތުން ރާއްޖެއަށް ނުފޫޒު ފޯރުވަމުން ގެންދާ ކަމަށެވެ.

https://sun.mv/80780

އޭރުގެ ކެބިނެޓުން ނިންމީ ކޮމަންވެލްތުން އެތެރޭގެ ކަންކަމަށާއި ރާއްޖޭގެ މިނިވަންކަމަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރިކަމަށާއި، އެކަމުގެ ނޭދެވޭ އަސަރު ރާއްޖޭގެ އިގްތިސާދަށާއި އިޖުތިމާއީ ހަމަޖެހުމަށް ކުރިމަތިވަމުން ދިޔަ ކަމަށެވެ.

އަދި އެ ސަރުކާރުން ރާއްޖޭގެ ދުސްތޫރީ އަދި ގާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށް ކުރަމުން އައި މަސައްކަތް ކޮމަންވެލްތުން ބަލައިނުގަތްކަމަށްވެސް އޭރުގެ ކެބިނެޓުން ނިންމިއެވެ.

comment ކޮމެންޓް