ރައީސް ސޯލިޙުގެ ފުރަތަމަ ދުވަހު އައްޑޫ ސިޓީ ކައުންސިލަރުންނާއި މެމްބަރުންނާ އެކު!

ރައީސް އިބޫ އައްޑޫ ސިޓީ ކައުންސިލަރުންނާ އެކު --- ފޮޓޯ/ ރޮޒައިނާ ޓްވިޓާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސް ރަސްމީ ގޮތުން އޮފީހަށް ނުކުމެ ވަޑައިގެން ފުރަތަމަ ބޭއްވި ބައްދަލުވުން އައްޑޫ ސިޓީގެ ކައުންސިލަރުންނާއި މެމްބަރުންނާ އެކު ކުރިއަށް ގެންގޮސްފި އެވެ.

ރައީސް ސޯލިހުގެ ވެރިކަމުގައި އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އައްޑޫ ސިޓީއަށް ކަމަށް އެމަނިކުފާނު ނިސްބަތްވާ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

މިއަދު އޮފީހަށް ވަޑައިގެން އެންމެ ފުރަތަމަ ބޭއްވި ރަސްމީ ބައްދަލުވުން އައްޑޫ ސިޓީގެ ކައުންސިލަރުންނާ އައްޑޫ ސިޓީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންނާ އެކު ރައީސް ވަނީ ބާއްވައިފަ އެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވީ އިބޫގެ ވެރިކަމުގައި އައްޑޫ ތަރައްގީ ކުރައްވާނެ ކަމާމެދު އޭނާ ޝައްކު ނުކުރައްވާ ކަމަށެވެ.

އިބޫގެ ސަރުކާރުން ކެބިނެޓް އެކުލަވާ އިރު އައްޑޫ ސިޓީގެ ބޭފުޅަކު ކެބިނެޓަށް އައްޔަން ކުރައްވާފައި ނުވާތީ އައްޑޫ މީހުން ދަނީ ފާޑު ކިޔަމުންނެވެ. ކެބިނެޓުގައި އައްޑޫ ސިޓީގެ ބޭފުޅަކު ނެތަސް، އިބޫގެ ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި އައްޑޫ ސިޓީއަށް ބައެއް ކަންކަން ކޮށްދެއްވާނެ ކަމަށް ވަނީ ވައުދުވެވަޑައިގެންފަ އެވެ.

އެގޮތުން އައްޑޫ ސިޓީ ސްކުއެޔަރ އަލުން ހަދައި ކުލަގަދަ ރަސްމިއްޔާތަކާ އެކު ކޯއްޓޭއަށް ގައުމީ ދިދަ، ވެރިކަމުގެ 100 ދުވަހުގެ ތެރޭގައި ނަގަން ވަނީ ނިންމާފަ އެވެ.

އަދި ރައީސް ސޯލިހުގެ ވެރިކަމުގައި އައްޑޫ ސިޓީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމާއި ފެނާއި ނަރުދަމާ ހުރިހާ ރަށެއްގައި އެޅުމަށް ވެސް ވަނީ ވަައުދުވެ ވަޑައިގެންފަ އެވެ.

މިވެރިކަމުގައި އައްޑޫއަށް ގިނަ ތަރައްގީތަކެއް ގެންނަން ޖެހޭ ކަމަށް ވިދާޅުވެ ނަޝީދު ވަނީ ލިސްޓެއް ވެސް ވިދާޅުވެފަ އެވެ.

އައްޑޫއަށް ގެންނަޖެހޭ ތަރައްގީ ކަމަށް ނަޝީދު ވިދާޅުވީ

  • އައްޑޫގެ އެއާޕޯޓު ފުރިހަމަ އިންޓަނޭޝަނަލް އެއާޕޯޓަކަށް ބަދަލުވާން ޖެހޭ
  • އައްޑޫގެ ބަނދަރު އިންޓަނޭޝަނަލް ބަނދަރަކަށް ބަދަލުވާން ޖެހޭ
  • ޓުއަރިޒަމްގެ ވިޔަފާރި ފުޅާވާން ޖެހޭ
  • އައްޑޫގެ ބޭރު ފަޅުގައި އިތުރު ތިން ރަށެއް އުފައްދަން ޖެހޭ
  • ރަށު ތެރޭގައި ޓުއަރިޒަމް ޒޯންތައް ގާއިމް ކުރަން ޖެހޭ
  • ފެނާއި ނަރުދަމާ އަދި މަގުތައް ކޮންމެހެން ހަދަން ޖެހޭ
  • އައްޑޫގައި ހިންގާ ސަރުކާރު ކުންފުނިތަކުގެ ވިޔަފާރީގައި އައްޑޫ ރައްޔިތުންގެ ހިއްސާ އޮންނަން ޖެހޭ
  • ގިނަ ހޮސްޕިޓަލުތައް އަޅަން ޖެހޭ

ނަޝީދު ވިދާޅުވީ މުޅި ރާއްޖޭގެ ތަރައްގީ ގުޅިފައި އޮތް އެންމެ މުހިންމު އެއް ތަނަކީ އައްޑޫ ސިޓީ ކަމަށެވެ. އެހެންވީމަ އައްޑޫ ސިޓީގައި ހިންގާ ސަރުކާރު ކުންފުނިތަކުގެ ވިޔަފާރިއަކީ މާދުރުގައި އޮންނަ މިނިސްޓްރީއެއްގެ ބެލުމުގެ ދަށުން ހިންގާ ތަނަކަށް ވާން ނުޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އަމިއްލައަށް ކުންފުނިތައް ހިންގުމަކީ އައްޑޫ ރައްޔިތުންނަށް ނުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

comment ކޮމެންޓް