ނިމާލަށް އެންމެ ބުރަ މަސައްކަތެއް ކުރެވުނު ފިލްމަކީ "ސިޓީ"!

އަހުމަދު ނިމާލް "ފިލްމީ އުދަރެސް" ޕްރޮގްރާމްގައި....

ފިލްމީ ކެރިޔަރުގައި މިހާތަނަށް އާދެވުނު އިރު އެންމެ ބުރަ މަސައްކަތެއް ކުރެވުނީ ދިވެހި ފިލްމު "ސިޓީ"ގައި ކަމަށް އެ ފިލްމުގެ ލީޑު ރޯލުން ފެނިގެންދިޔަ އަހުމަދު ނިމާލް ބުނެފިއެވެ.

ޓީވީއެމްއިން ރޭ ގެނެސްދިން "ފިލްމީ އުދަރެސް" ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ޑައިރެކްޓަރު އަދި އެކްޓަރު ނިމާލް ބުނީ، އެ ފިލްމަކީ އޭނާ މަސައްކަތް ކުރި ފިލްމުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފިލްމު ކަމަށެވެ.

1990 ވަނަ އަހަރު ބެލުންތެރިންނާ ހަމަޔަށް އައިސްފައިވާ ލޯބީގެ ފިލްމު "ސިޓީ"އާ ބެހޭގޮތުން ނިމާލް ބުނީ ފިލްމުގެ މަންޒަރުތައް ނެގުމަށް ބުރަ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި ޝޫޓިންގައި ދެމަހެއްހާ ދުވަސް ވޭތުވެގެން ދިޔަ ކަމަށެވެ.

"ޝޫޓިން ދެމިގެންދިޔަ ދެ މަހެއްހާ ދުވަހަށް، ބައެއް ލަވަތައް ޝޫޓް ކުރަން އޭގެ ތެރެއިން އެއް މަސްވަރު،" އެ ޕްރޮގްރާމްގައި ނިމާލް ބުންޏެވެ.

"ސިޓީ" ގެ މަންޒަރެއްގައި ނިމާލް...

"ސީޓީ"ގައި ހިމެނޭ ލަވަ ތަކުގެ ތެރެއިން "މުޅި ޖާން ހިތާ" އެ ލަވަ ވާނީ މިހާރުވެސް ބެލުންތެރިންގެ މެދުގައި މަގުބޫލު އެއް ލަވަ އަށެވެ. ނިމާލް ބުނީ އެ ލަވައަކީ ވަރަށް ހާއްސަ ލަވައެއް ކަމަށެވެ.

" ރަމީޒާ އާއެކު ނަށާލަން ޖެހުނު ލަވައެއް އެއީ، އެކަމަކު ނިމާލް މީ ނަށާ މީހެއް ނޫނެއްނު، ދެން އެލަވަ ހާއްސަވާ ކަމަކީ ރާއްޖޭގެ ފަސް އަތޮޅެއްގެ ފަސް ރަށެއްގަ އެ ލަވައިގެ މަންޒަރުތައް ނެގިން،" ފިލްމާ ބެހޭގޮތުން ވާހަކަ ދައްކަމުން ނިމާލް ބުންޏެވެ.

ނިމާލް އަމިއްލައަށް ޑައިރެކްޝަން ހަދާފައިވާ "ސިޓީ" އަކީ އޭނާގެ އަމިއްލަ ވާހަކައެއްގެ މައްޗަށް ހަދާފައިވާ އަސަރުގަދަ ފިލްމެކެވެ. "ސިޓީ" އަކީ މިހާރުވެސް ގިނަ ބައެއްގެ މެދުގައި މަގުބޫލު ފިލްމެއްކަން ފާހަކޮށްލެވެއެވެ.

"އެއީ ރައްޓެއްސަކަށް ދިމާވި ހާދިސާ އަކަށް ހަދާފައިވާ ފިލްމެއް، އޭނަ އެ ވާހަކަތައް ކިޔަދިން ހިސާބުން ފިލްމެއްގެ ގޮތުގައި ގެންނަން ނިންމިން،" ނިމާލް ބުންޏެވެ.

"ސިޓީ" ގެ މަންޒަރެއްގައި ރަމީޒާ...

ނިމާލްގެ ފިލްމެއް އަންނަ އަހަރު ބެލުންތެރިންނާ ހަމަޔަށް އަންނާނެ ކަމުގެ އުންމީދެއް ނިމާލް ވަނީ ދީފައެވެ. ފިލްމުގެ ނަން ހާމަކޮށްފައި ނުވާއިރު އެ ފިލްމުގެ ކާސްޓުންވެސް އަދި އިއުލާނުކޮށްފައެއް ނުވެއެވެ.

ނިމާލް ބުނީ، އެ ފިލްމުގެ ޕްރޮޑިއުސަރާއި ފިލްމުގެ ކާސްޓުން އަދި ފިލްމުގެ ނަން ހާމަ ކުރަން ވަރަށް އަވަހަށް ހަފްލާއެއް ބާއްވާނެ ކަމަށެވެ. މިހާރު ފިލްމުގެ ގިނަ މަންޒަރުތައް ޝޫޓްކޮށްފައިވާ އެ ފިލްމުން ނިމާލްގެ ދަރިފުޅު ޖުމައްޔިލް ނިމާލް، މަރިޔަމް އައްޒަ އަދި އަބްދުﷲ މުއާޒު ފެންނާނެ ކަމުގެ އަޑުތަކެއް މީގެ ކުރިން ވަނީ ފެތުރިފައެވެ.

comment ކޮމެންޓް