މެލޭ އިންޑިއާ އަދި ލަންކާގައި އާސަންދައިގެ ހިދުމަތް ދެނީ

ނޮވެމްބަރ 17، 2018: ރާއްޖޭގެ 7 ވަނަ ރައީސްކަމުގެ ހުވާ އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވުމަށް ރަސްމީ ބޯޅަ ދަނޑުގައި ބޭއްވި ބޮޑު ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 90 ދުވަހުގެ ތެރޭގައި، މެލޭޝިއާ، ސްރީލަންކާ އަދި އިންޑިއާގައި އާސަންދައިގެ ހިދުމަތް ދޭން ނިންމައިފި އެވެ.

އެގައުމުތަކުގައި އާސަންދައިގެ ހިދުމަތް ދޭން ފަށަން ނިންމާފައިވާ ކަން ހާމަކޮށްފައި ވަނީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ކަނޑައަޅާފައިވާ ކަންކަން ހިމަނައި ނެރުނު ފޮތުގަ އެވެ. އެ ގައުމުތަކުގައި އާސަންދައިގެ ހިދުމަތް ފަށާނެ ކަމަށް ބުނި ނަމަވެސް، އެކަމުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.

މެލޭޝިއާ އަކީ މީގެ ކުރިން އާސަންދައިގެ ހިދުމަތް ލިބޭ ގައުމެއް ނޫނެވެ. އިންޑިއާ އަދި ލަންކާއިން އާސަންދަ ލިބެނީ އިމަޖެންސީ ހާލަތްތަކުގައި އެކަންޏެވެ.

ސިއްހީ ދާއިރާ ހަރުދަނާ ކުރައްވަން ރައީސް އިބޫ ގެންގުޅުއްވާ ސިޔާސަތުތަކުގެ ތެރޭގައި ނަފްސާނީ ބަލިތައް ވެސް އާސަންދައިގެ ދަށުން ކަވަރު ކުރެވޭނެ ގޮތް ހެދުމުގެ ސިޔާސަތު ހިމެނެ އެވެ. އެމަނިކުފާނު އިއްޔެ ރައީސް ކަމުގެ ހުވާ ކުރެއްވުމަށް ފަހު ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ވަނީ އެކަން 100 ދުވަސް ތެރޭގައި ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

"ނޭޝަނަލް މެންޓަލް ހެލްތް އިންސްޓިޓިއުޓް އުފައްދައި ނަފްސާނީ ބަލިތަކަށް ދެވޭ ފަރުވާއަށް އާސަންދަ ލިބޭނޭ އިންތިޒާމު ހަމަޖެހިގެންދާނެ،" ރައީސް އިބޫ ވިދާޅުވި އެވެ.

އޭގެ އިތުރުން އެމަނިކުފާނުގެ ވިދާޅުވީ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ދޭން ފަށާނެ ކަމަށެވެ.

މެލޭޝިއާ، ލަންކާ އަދި އިންޑިއާ އަކީ އެންމެ ގިނަ އަދަދަކަށް ދިވެހިން ދިރިއުޅޭ ގައުމުތައްކަން ފާހަގަކޮށްލެވެ އެވެ. އަދި ދިވެހިން ބޭސްފަރުވާއަށް އެންމެ ގިނައިން ގޮސް އުޅެނީ ވެސް މި ގައުމުތަކަށެވެ.

comment ކޮމެންޓް