"102 ނޮޓް އައުޓް" ޗައިނާގެ ސިނަމާތަކަށް!

ޗައިނާ ބަހުން ތައްޔާރުކޮށްފައިވާ "102 ނޮޓް އައުޓް"ގެ ޕޯސްޓަރެއް...

އުމޭޝް ޝުކްލާ ޑައިރެކްޓްކޮށް މެއި މަހު ރިލީޒް ކުރި "102 ނޮޓް އައުޓް" ޗައިނާގެ ސިނަމާތަކުގައި އަޅުވަން ނިންމައިފި އެވެ.

އެ ފިލްމު ޗައިނާގައި ދައްކަން ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 30 ވަނަ ދުވަހުން ފެށިގެންނެވެ. މިހާރު ވަނީ އެ ފިލްމު ޕްރޮމޯޓް ކުރުމަށް ޗައިނާ ބަހުން ތައްޔާރުކޮށްފައިވާ ޕޯސްޓަރުތަކެއް ވެސް އާންމުކޮށްފަ އެވެ.

އަމީތާބް ބައްޗަން އާއި ރިޝީ ކަޕޫރު ލީޑު ރޯލު ކުޅެފައިވާ އެ ފިލްމުން ދައްކުވައި ދެނީ އުމުރުން ދުވަސްވީ ބައްޕަ އަކާއި އުމުރުން ދުވަސްވީ ފިރިހެން ދަރިއެއްގެ ދިރިއުޅުމެވެ. އެ ފިލްމަކީ މަޖާ ކަންތައްތަކެއް ވެސް ހިމެނޭ ފިލްމެކެވެ.

"102 ނޮޓް އައުޓް" އަކީ އިންޑިއާގެ ސިނަމާތަކުގައި ދައްކައިގެން ވެސް ރަނގަޅު އާމްދަނީ އެއް ލިބުނު ފިލްމެކެވެ. ތިރީސް ފަސް ކަރޯޑު ރުޕީސް ހަރަދުކޮށްގެން ހަދާފައިވާ އެ ފިލްމަށް 76.68 ކްރޯޑް ރުޕީސްގެ އާމްދަނީއެއް ލިބުނެވެ.

ޗައިނާގައި ފިލްމު އަޅުވަން ފައްކާވަމުން އަންނަ އިރު ފާހަގަކޮށްލެވޭ ކަމަކީ މިހާރަކަށް އައިސް ބޮލީވުޑް ފިލްމުތައް އެންމެ ގިނައިން އަޅުވާ އެއް ގައުމަކީ ޗައިނާ ކަމެވެ.

comment ކޮމެންޓް