ކުޅިވަރު ފެސްޓިވަލްގެ ދުވުމަށް ސިނަމާލެ ބްރިޖުގެ އެއްފަޅި ބަންދުކުރަނީ

ސިނަމާލެ ބުރިޖުގައި ސިފައިން ސެކިއުރިޓީ ބަލަހައްޓަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ އުފަލުގައި މިއަދާއި މާދަމާ ކުރިއަށް ގެންދާ "ދުޅަހެޔޮ ހަށިހެޔޮ އީދު" ސްޕޯޓްސް ފެސްޓިވަލްގެ ތެރެއިން ބާއްވާ ދުވުމަކަށް ސިނަމާލެ ބްރިޖުގެ އެއްފަޅި މިއަދު ހަވީރު ބަންދުކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

ދުޅަހެޔޮ ހަށިހެޔޮ އީދުގެ ތެރެއިން ބާއްވާ "ސިނަމާލެ ބްރިޖު ރަން" އޮންނާނީ މިއަދު ހަވީރު 4:00 ގައެވެ.

ޓްރެފިކް ޕޮލިސްއިން މިއަދު ބުނި ގޮތުގައި މިއަދު ބަންދުކުރުމަށް ހަމަޖެހިފައިވަނީ ސިނަމާލެ ބްރިޖުގެ ދެކުނު ފަޅިއެވެ. އެއީ ހުޅުމާލެއިން މާލެއަށް ދުއްވާ ފަޅިއެވެ. އެ ފަޅި ބަންދުކުރުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހު 3:00 އިން ހަވީރު 4:30 ގެ ނިޔަލަށް ކަމަށް ޓްރެފިކް ފުލުހުން ބުންޏެވެ.

އަދި މާލެއިން ހުޅުމާލެއަށް ދަތުރުކުރާ، ބްރިޖުގެ އުތުރު ފަޅި ދެ ލޭނުގެ ތެރެއިން އެއް ލޭނު، ހުޅުމާލެއިން މާލެއަށް ދަތުރުކުރާ އުޅަނދުތަކަށް އެވަގުތު ހާއްސަކުރާނެކަމަށް ޓްރެފިކް ޕޮލިސްއިން ބުންޏެވެ.

ދުޅަހެޔޮ ހަށިހެޔޮ އީދު ކުޅިވަރު ފެސްޓިވަލްގެ ފުރަތަމަ އިވެންޓަކީ މިއަދު މެންދުރު 2:00 ގައި ފަށާ ބީޗު ވޮލީ މެޗެވެ. އެއަށްފަހު ރާޅާއެޅުމާއި ބޮޑީބޯޑިންގްގެ ހަރަކާތްތަކާއި، ސްކޭޓިންގް އަދި ފެތުންވެސް އޮންނާނެއެވެ.

ދުޅަހެޔޮ ހަށިހެޔޮ އީދު ކުޅިވަރު ފެސްޓިވަލްގެ މިއަދުގެ ހަރަކާތްތައް ނިންމާލުމަށް ހަމަޖެހިފައިވަނީ 5:30 ގައި ޓްރެކު ސަރަހައްދުންނެވެ. އަދި މިއަދުގެ ހަރަކާތްތައް ނިންމާލުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވާނެއެވެ.

comment ކޮމެންޓް