މައްސަލަ ހައްލުކުރުމަށް ސިރިސޭނާއާއި ސިޔާސީ ޕާޓީތައް މިއަދު މަޝްވަރާއަށް

ރައީސް ސިރިސޭނާ -- ފޮޓޯ: އޭޕީ

ސްރީލަންކާއަށް ދިމާވެފައިވާ ސިޔާސީ މައްސަލަ ހައްލުކުރެއްވުމަށް، އެ ގައުމުގެ ސިޔާސީ ޕާޓީތަކާ މަޝްވަރާކުރެއްވުމަށް ރައީސް މައިތިރިޕާލާ ސިރިސޭނާ ނިންމަވައިފި އެވެ.

ލަންކާގެ ސިޔާސީ މަސްރަހު ހޫނުވީ ބޮޑުވަޒީރުގެ މަގާމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ މިދިޔަ މަހު 26 ވަނަ ދުވަހު ވަކިކޮށް އެ މަގާމަށް ކުރީގެ ރައީސް މަހިންދަ ރާޖަޕްކްސަ އައްޔަންކުރި ހިސާބުންނެވެ.

ރައީސް ސިރިސޭނާގެ މީޑީއާ ޑިވިޝަނުންް ބުނީ މިއަދު ހަވީރު އެމަނިކުފާނު ސްރީލަންކާގެ ސިޔާސީ ޕާޓީތަކާ މަޝްވަރާތަކެއް ބޭއްވުމަށް ނިންމަވާފައިވާ ކަމަށާއި، އެ މަޝްވަރާގައި ބައިވެރިވުމުގެ ދައުވަތު ޕާލަމެންޓުގެ ރައީސް ކަރު ޖަޔަސޫރިޔާއަށް ވެސް އަރުވާފައިވާ ކަމަށެވެ.

ރައީސް ސިރިސޭނާ ވަނީ އެގައުމުގެ ޕާލަމެންޓު އުވާލައްވައިފައެވެ. އެހެެން ނަމަވެސް މިދިޔަ އަންގާރަ ދުވަހު ސުޕްރީމް ކޯޓުން ވަނީ އެ ނިންމުން ބާތިލުކޮށް، ޖެނުއަރީ މަހު އާންމު އިންތިހާބެއް ބޭއްވުމަށް ކުރަމުންދާ ތައްޔާރީތައް ހުއްޓާލުމަށް ވަގުތީ އަމުރެއް ނެރެފައެވެ.

އޭގެ ފަހުން ބޮޑުވަޒީރު ރާޖަޕަކްސަގެ އިތުބާރު ނެތް ކަމަށް ދެ ފަހަރެއްގެ މަތިން ގާނޫނު ހަދާ މަޖިލީހުން ފާސް ކުރިއެވެ. ނަމަވެސް އެ ވޯޓު ގާނޫނާ ހިލާފުކަމަށް ވިދާޅުވެ، ރައީސް ސިރިސޭނާ އެ ނިންމުންތައް ގަބޫލުފުޅެއް ނުކުރައްވައެވެ.

comment ކޮމެންޓް