ނަތަންޔާހޫގެ ސަރުކާރު ސަލާމަތް ކުރުމަށްޓަކައި ބައިވެރިންނަށް އޭނާ އާދޭސް ކުރައްވަނީ

އިސްރާއީލުގެ ހަރުކަށި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ

އިސްރާއީލުގެ ދިފާއީ ވަޒީރު އިވިގިޑޯރ ލިބަމެން މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކޯލިޝަން ސަރުކާރު ރޫޅިދާނެކަމުގެ ބިރު ހީވެފައިވަނިކޮށް އެ ސަރުކާރު ދެމެހެއްޓުމަށް މަސައްކަތް ކޮށްދިނުމަށް ނަތަންޔާހޫ މިހާރުވަނީ އޭނާގެ ބައިވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ.

ނަތަންޔާހޫ ވިދާޅުވީ ލިބަމެން މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ކޯލިޝަން ބަލިކަށިވެފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށާއި، ނަމަވެސް ސަރުކާރު ވެއްޓި އަވަސް އިންތިޚާބަކަށް ދިޔުމަށްވުރެ ކޯލިޝަންގެ މުއްދަތު ހަމަކުރުން ހުރިހާ ފަރާތްތަކަށްވެސް މަސްލަޙަތު ބޮޑުވާނެކަމުގައެވެ. އަދި ކޯލިޝަން ރޫޅުމުގެ މަލާމާތް ކޯލިޝަންގައި ހިމެނޭ ވަކި ލީޑަރެއްގެ ބޮލުގައި އަޅުވަން ބޭނުންނުވާ ކަމަށާއި ހުރިހާ ލީޑަރުންވެސް ކެތްތެރިކަން އިސްކޮށް ގޮތްދޫކޮށް ދޫދިނުމަށް ކޯލިޝަންގެ ބައިވެރިންގެ ކިބައިން ނަތަންޔާހޫ އެދިވަޑައިގެންނެވިއެވެ.

ނަތަންޔާހޫގެ ކޯލިޝަންގެ އެންމެ ބޮޑު ބައިވެރިވާ އިވިގިޑޯރ ލިބަމެން އިސްތިއުފާ ދެއްވީ އިސްރާއީލުން ޣައްޒާއާ ދެކޮޅަށްފެށި އުދުވާން ހުއްޓާލުމަށް ނަތަންޔާހޫ ނިންމެވި ނިންމެވުމާމެދު ހިތްހަމަ ޖެހިވަޑައިނުގެން އެކަމާ ދެކޮޅަށް ފާޑުވިދާޅުވުމަށްފަހުއެވެ. އޭނާގެ ހަރުކަށި ޒަޔަނިސްޓް ފިކުރުގެ ޕާޓީ ކަމަށްވާ ޖުވިޝް ހޯމް ޕާޓީ ކޯލިޝަނުން ވަކިވެއްޖެނަމަ އިސްރާއީލުގެ ޕާލަމެންޓްގައި ނަތަންޔާހޫގެ ކޯލިޝަނަށް ލިބޭނީ އެންމެ ގޮނޑިއެއްގެ އަޣްލަބިއްޔަތެވެ. އެހާ ކުޑަ އަޣްލަބިއްޔަތަކުން ސަރުކާރު ދެމެހެއްޓުމަކީ ވާނެކަމެއްނޫނެވެ.

އަނެއްކޮޅުން ނަތަންޔާހޫގެ ކޯލިޝަންގައި ހިމެނޭ ދެވަނައަށް އެންމެ ވަރުގަދަ ޕާޓީ އެއްކަމަށްވާ "ކުލަނު ޕާޓީ" ގެ ރައީސް މޯޝޭ ކަހްލޯން ވަނީ ޣައްޒާގައި ހަރަކާތްތެރިވާ ފަލަސްތީނުގެ މުޖާހިދުންނަށް ނަތަންޔާހޫ ދޫދެއްވާކަމަށް ވިދާޅުވެ އަވަސް އިންތިޚާބަކަށް ދިޔުމަށް ގޮވާލައްވާފައެވެ. ކަލްހޯން ހުންނަވަނީ ނަތަންޔާހޫގެ ކޯލިޝަން ސަރުކާރުގެ މާލީ ވަޒީރު ކަމުގެ މަގާމުގައެވެ. އޭނާގެ ޕާޓީގެ 10 ގޮނޑި ކޯލިޝަންގައި ހިއްސާކުރާއިރު އެޕާޓީ ތަނަންޔާހޫގެ ކޯލިޝަނުން ވަކިވި ނަމަވެސް ކޯލިޝަން ރޫޅި ނަތަންޔާހޫގެ ސަރުކާރު ވަގުތުން ވެއްޓިގެންދާނެއެވެ.

ނަތަންޔާހޫ މިހާރު މަސައްކަތް ކުރައްވަނީ "ކުލަނު ޕާޓީ" ގެ ރައީސް މޯޝޭ ކަހްލޯން އެދުނު ކޮންމެ ކަމެއް ކޮށްދީގެންނަމަވެސް އޭނާގެ ޕާޓީ ކޯލިޝަނުން ވަކިވިޔަ ނުދިނުމަށެވެ. ނަމަވެސް އިސްރާއީލުގެ ސިޔާސީ މަސްރަހުގައި މިހާރު ވާދަވެރިކަން ހުރިގޮތުން ކަހްލޯން ރުއްސައިގެން ކޯލިޝަންގެ އެހެން ބައިވެރިން ނުރުއްސޭނެއެވެ. އަދި ހުރިހާ ފަރާތްތަކެއް އެދޭކަންކަން އެއްވަގުތަކު ނަތަންޔާހޫ އަށް ކޮށެއްވެސް ނުދެއްވޭނެއެވެ. އެހެންކަމުން ނަތަންޔާހޫގެ ކޯލިޝަން ވެއްޓުމުން ސަލާމަތް ނުކުރެވޭނެކަން މިހާރުވަނީ ގާތްގަނޑަކަށް ކަށަވަރު ވެފައެވެ.

އިސްރާއީލުން މިދިޔަ ހަފްތާގެ ހޯމަދުވަހު ޣައްޒާއާ ދެކޮޅަށް ފެށި ކުއްލި އުދުވާނަށް ރައްދު ދިނުމުގެ ގޮތުން ފަލަސްތީނުގެ މުޖާހިދުން އިސްރާއީލަށް 300 އަށްވުރެ ގިނަ ރޮކެޓުން ޙަމަލާދީ އިސްރާއީލުގެ ޔަހޫދީ އާބާދީތަކަށް ބޮޑެތި ގެއްލުންތަކެއް ދިނުމުންވެސް ނަތަންޔާހޫ ވަނީ އުދުވާން ފުޅާކުރުމުގެ ބަދަލުގައި މުޖާހިދުން ދެކެ ޖެހިލުންވެވަޑައިގެން އިތުރު ޙަމަލާތައް ދިނުން ހުއްޓާލައްވާފައެވެ.

ހަމަލާތައް ފެށުނީ އިސްރާއީލު ސިފައިންގެ ބަޔަކު އެއްގަމުމަގުން ޣައްޒާއަށް ސިއްރިޔާތުގައި ވަދެގަނެ އުދުވާނީ ހަމަލާތަކެއްދީ ފަލަސްތީނުގެ 8 މީހަކު ޝަހީދުކޮށްލުމާ ގުޅިގެންނެވެ. ޣައްޒާއަށް ވެދެގަތް އިސްރާއީލު ބާރުތަކާ ދެކޮޅަށް ފަލަސްތީނުގެ މުޖާހިދުން ކުއްލިގޮތަކަށް ނުކުމެ އިސްރާއީލުގެ ބާރުތަކުގެ ކޮމާންޑަރު މަރާލުމުން މަގްސަދު ހާސިލްނުކުރެވި އިސްރާއީލުގެ ބާރުތަކަށްވަނީ ޣައްޒާއިން ފައިބައިގެން ދާންޖެހިފައެވެ.

އެ އުދުވާންގައި އިސްރާއީލުން ފަލަސްތީނުގެ 8 މީހުން ޝަހީދުކޮށްލީވެސް އިސްރާއީލުގެ އެތެރޭން އަލުން އަސްކަރީ ހެލިކޮޕްޓަރުތަކެއް ޣައްޒާގެ ވައިގެ ސަރަހައްދަށް ފޮނުވައިގެން އެހެލިކޮޕްޓަރުތައް ވައިގެ މަގުން ދިން ޙަމަލާތަލެއްގައެވެ. ޣައްޒާއަށް ވަދެގަތް ބާރުތަކުން ދިން ޙަމަލާތަކެއްގައެއް ނޫނެވެ.

ޣައްޒާއަށް ވަދެގަތް އިސްރާއީލުގެ ބާރުތައް މުޖާހިދުންގެ އަތްދަށުގައި ޙިސާރު ވެފައިވަނިކޮށް އެމީހުން މިނިވަންކޮށްގެން ގެންދިޔައީވެސް އެ ހެލިކޮޕްޓަރުތަކުގެ އެހީގައެވެ. އޭރު އިސްރާއީލުގެ ބާރުތަކުގެ ކޮމާންޑަރު ކަމަށްވާ އިސްރާއީލު ސިފައިންގެ ޖެނެރަލް ވަނީ މުޖާހިދުންގެ ޙަމަލާތަކުގައި މަރާލާފައެވެ. އެހެންކަމުން މުޖާހިދުންގެ ބަޔަކު ރަހީނު ކޮށްގެން ބޮޑު ކަންތައްގަނޑެއް ހިންގުމަށް އިސްރާއީލުގެ ބާރުތަކުން ކުރި މަސައްކަތްވަނީ އިސްރާއީލުގެ ބާރުގަދަ ލަޝްކަރުތައް ލަދުގަތްވަރުގެ ބޮޑު ނާކާމިޔާބަކަށް ވެގެން ގޮސްފައެވެ.

މިމައްސަލާގައި އިސްތިއުފާ ދެއްވި ދިފާއީ ވަޒީރު އިވިގިޑޯރ ލިބަމެންގެ ޖުވިޝް ހޯމް ޕާޓީ ރުއްސުމަށާއި އެޕާޓީ ކޯލިޝަންގައި ބޭއްވުމަށްޓަކައި ނަތަންޔާހޫ މިހާރު ގެންދަވަނީ އެޕާޓީގެ ދެވަނަ ވެރިޔާ ކަމަށްވާ ކޯލިޝަން ސަރުކާރުގެ ތައުލީމާބެހޭ ވަޒީރު ނަފްތަލީ ބެނެޓާގެ ރުހުން ހޯދުމަށްޓަކައި އޭނާއާ މަޝްވަރާ ކުރައްވަމުންނެވެ. ބެނެޓާ ވަނީ އޭނާގެ ޕާޓީގެ އެހެން ބޭފުޅަކަށް ތައުލީމާބެހޭ ވަޒީރުކަން ދީފައި އޭނާއަށް ދިފާއި ވަޒީރުކަން ދީފިނަމަ ކޯލިޝަންގައި ދެމި އޮންނާނެ ކަމަށާ އެނޫން ހާލަތެއްގައި ކޯލިޝަނުން ވަކިވާނެކަމުގެ އިންޒާރު ނަތަންޔާހޫ އަށް ދެއްވާފައެވެ.

ނަމަވެސް ކޯލިޝަންގައި ހިމެނޭ ދެވަނައަށް އެންމެ ވަރުގަދަ ޕާޓީ ކަމަށްވާ "ކުލަނު ޕާޓީ" ގެ ރައީސް މޯޝޭ ކަހްލޯން އެކަމަށް ދެކޮޅު ހައްދަވައެވެ. މިއާއެކު ކޯލިޝަން ގެ ބައިވެރިން ރުއްސުމަކީ ނަތަންޔާހޫއަށް ދެން ކުރެއްވޭނެ ކަމަކަށް ނުވާތީ އޭނާގެ ކޯލިޝަން ސަރުކާރު ވެއްޓުމަކީ ވަރަށް ގާތްކަމެކެވެ. އަދި އެނޫން ހައްލެއް މިވަގުތު އިސްރާއީލުގެ ސިޔާސީ މަސްރަހަށް ނެތް ކަމަށް އިސްރާއީލުގެ ނޫސްތައް ބުނެއެވެ.

comment ކޮމެންޓް