ދަތުރުފަތުރުގެ ދާއިރާއިން ފުރަތަމަ 100 ދުވަހުގެ ތެރޭ މުހިއްމު ކަންތައްތަކެއް

ސިނަމާލެ ބުރިޖުގައި އެމްޕީއެލްގެ ބަހުގެ ހިދުމަތް ކުރިއަށް ދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ދަތުރުފަތުރުގެ ދާއިރާ އިން މުހިއްމު ކަންތައްތަކެއް ފުރިހަމަ ކޮށްދިނުމަށް ނިންމައިިފއެވެ.

އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހު ކުރުމަށް ނިންމާފައިވާ ކަންތަކަށް ބަލާއިރު ފުރަތަމަ ހަތް ދުވަހުގެ ތެރޭގައި ޓެކްސީ ބޯޑުގެ ފީ ކަނޑާލުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. މީގެ އިތުރުން މި މުއްދަތުގެ ތެރޭގައި މާލެ ފަޅުތެރޭން ދައުލަތުގެ ބޭނުމަށް ނަގާފައިހުރި ބައެއް ސަރަހައްދުތައް އާންމުންނަށް ލުއިފަސޭހަވާނެ ގޮތަށް ހުޅުވާލަންވެސް ވަނީ ނިންމައިފައެވެ. އާ ސަރުކާރުގެ ފުރަތަމަ ހަފްތާ ތެރޭގައި މާލޭ މަގުތަކުގައި ބެނުން ނުކޮށް ހުންނަ ވެހިކަލްތައް ގަވާއިދުން ނަގަން ފަށަންވެސް ވަނީ ނިންމައިފައެވެ.

ދަތުރުފަތުރުގެ ދާއިރާއިން ކުރަން ނިންމާފައިވާ މުހިއްމު އެހެން ކަންތަކުގެ ތެރޭގައި އެތެރޭގެ އުދުހުންތަކުގެ އަގު މިހާރަށް ވުރެ ކުޑަކުރުމަސް ވަނީ ނިންމައިފައެވެ. އެކަން ހާސިލް ކުރުމަށް ކަނޑައަޅާފައިވަނީ ސަރުކާރުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި މާލެ އާއި ހުޅުމާލެ އާއި ދެމެދު ދުއްވާ ބަސް މާލެ އާއި ހުޅުމާލޭގެ އެކި ހިސާބުތަކަށް މަޑުކުރުމަށް ބަސް ސްޓޮޕްތައް ހަދަން ވެސް ވަނީ ނިންމައިފައެވެ.

މީގެ އިތުރުން މާލޭގެ އެކި މަގުތަކުގައި ލޯޑިން އަންލޯޑިން ސަރަހައްދެއް ކަނޑައަޅައި މާލޭގައި ސައިކަލާއި، ކާރަށާއި، ޕިކްއަޕް އަދި ލޮރީތަކަށް ޕާކިން އޭރިއާ ކަނޑައަޅަނަވެސް ވަނީ ނިންމައިފައެވެ. ސަރުކާރުގެ ފުރަތަމަ ތިން މަސްދުވަސް ތެރޭގައި އެއާޕޯޓު މުވައްޒަފުންނަށް ހިލޭ ސައިކަލު ޕާކު ކުރެވޭނެ ސަރަހައްދެއް ކަނޑައަޅައި އެއްގަމު ދަތުރު ފަތުރުގެ ގާނޫނު ހަރުދަނާ ކުރަންވެސް ވަނީ ނިންމައިފައެވެ.

ސަރުކާރުގެ ރިޔާސީ ވައުދުތަކުގެ ތެރޭގައި ހިމެނޭ އެއްރަށުން އަނެއް ރަށަށް ދާން ބޭނުންވާ ފަސިންޖަރުންނަށް މުޅި ރާއްޖޭގެ
ދަތުރުފަތުރުގެ ވިޔުގަ އެކުލެވިފާވާ ގޮތް އެޕެއް މެދުވެރިކޮށް ތާވަލެއްގައި ފެންނާނެހެން ބެހެއްޓުމުގެ ވައުދު ސަރުކާރުގެ ފުރަތަމަ 90 ދުވަސްތެރޭ ހާސިލް ކުރަން ވަނީ ކަނޑައަޅައިފައެވެ. މި މުއްދަތުގައި މާލޭގެ މަގުތައް އެނެލައިޒްކޮށް ހުޅުވަންޖެހޭ މަގުތައް ހުޅުވުމަށްވެސް ވަނީ ނިންމައިފައެވެ.

ސަރުކާރުގެ ފުރަތަމަ 90 ދުވަސްތެރޭގައި މާލޭގައި މިނީ ބަހުގެ ހިދުމަތް ތައާރަފުކުރަންވެސް ވަނީ ނިންމައިފައެވެ.

ފުރަތަމަަ 100 ދުވަހުގެ ތެރޭގައި ދަތުރުފަތުރުގެ ދާއިރާ އިން މުހިއްމު ކަންތައްތަކެއް ހާސިލުކުރުމަށް ކަނޑައަޅާފައިވާއިރު މި ސަރުކާރުގެ ދަތުރުފަތުރާ ބެހޭ ވަޒީރަކީ އާއިޝަތު ނަހުލާ އެވެ.

comment ކޮމެންޓް