ގްރީން ޓެކްސް ހޭދަކުރާނީ ތިމާވެށީގެ ކަންކަމަށް އެކަނި: ރައީސް ސޯލިހު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުވާކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެމަނިކުފާނު ވާހަކަ ދައްކަވަނީ---

ގްރީން ޓެކްސްގެ ގޮތުގައި ރާއްޖޭގައި ނަގާ ފައިސާ ހޭދަކުރާނީ ތިމާވެށި ހިމާޔަތްކުރުމާ ގުޅުންހުރި މަސައްކަތްތަކަށް އެކަނިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާކުރެއްވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ގައުމާ މުހާތަބުކުރައްވައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވަނީ ފުރަތަމަ 100 ދުވަހުގެ ބައެއް ޕްލޭންތައް ހާމަކުރައްވާފައެވެ.

އެގޮތުން ތިމާވެއްޓާ ގުޅުންހުރި ބައެއް ކަންކަންވެސް ރައީސް ސޯލިހު ހާމަކުރެއްވިއެވެ.

ދެހާސް ފަނަރަވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން "ގްރީން ޓެކްސް"ގެ ނަމުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ހިދުމަތްދޭ ރިސޯޓު، ހޮޓެލް އަދި ސަފާރީތަކުގައި ތިބޭ ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް ރެއަކަށް ހަ ޑޮލަރު ނަގައެވެ. އަދި ގެސްޓްހައުސްތަކުން ޓޫރިސްޓެއްގެ ބޮލަކަށް ރެއަކަށް ތިން ޑޮލަރު ގްރީން ޓެކްސްގެ ގޮތުގައި ނަގައެވެ.

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި، ގްރީން ޓެކްސްގެ ފައިސާ ބޭނުންކުރާނީ ހަމައެކަނި ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތްތަކަށްކަން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކަށަވަރުކުރައްވާނެއެވެ.

"ގްރީން ޓެކްސްގެ ގޮތުގައި، ނެގޭ ފައިސާ އަޅުގަނޑުމެން ހޭދަކުރާނީ ހަމައެކަނި ތިމާވެށި ޙިމާޔަތްކުރުމާ ގުޅުންހުރި މަސައްކަތްތަކަށް،" ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ދުނިޔެ ހޫނުވުމުން ތިމާވެށްޓަށް އަންނަ ބަދަލުތަކުން ދުނިޔެ ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގައި، ދިވެހިރާއްޖެ ވެގެންދަނީ ޖަޒީރާ ގައުމުތަކުގެ ލީޑަރަކަށް ކަމަށެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ދިވެހީންނަށް ލިބިފައިވަނީ އަޖައިބެއް ފަދަ ގުދުރަތީ މުއްސަނދިކަމެއް ކަމަށާއި، ތަރައްގީގެ ނަމުގައި ތިމާވެށި ސުންނާފަތިކުރުމަކީ ހިޔާނާތެއް ކަމަށެވެ.

"އެތަކެއް ހާސް އަހަރު ވަންދެން އެއް ޖީލުން އަނެއް ޖީލަށް މި އަމާނާތް ވާސިލުކޮށްދީފައި މި ވަނީ ރައްކާތެރިކަމާއެކު. ތަރައްގީގެ ނަމުގައި، ރާއްޖޭގެ މި ގުދުރަތީ ވެށި ސުންނާފަތި ކުރުމަކީ، އަޅުގަނޑުމެންގެ ދަރީންނާއި، ދަރީންގެ ދަރީންނަށް ވެވޭ ބޮޑުވެގެންވާ ހިޔާނާތަކަށް މެނުވީ ނުވާނެ." ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައިވެސް ކަނޑައެޅޭ ރަށްރަށާއި، ފަޅުފަޅާއި، ކަނޑޫފާ ހިމެނޭގޮތުން ތިމާވެށި ހިމާޔަތް ކުރުމަށް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ ޕްރޮގްރާމެއް ފަށައިގެން ކުރިއަށް ގެންދިޔުން ކަމަށެވެ. އަދި ވިދާޅުވީ ރާއްޖެއަށް ގެނެވޭ ތަރައްގީއަކީވެސް ތިމާވެށްޓާ އެއްކީލިކޮށް ގެނެވޭ ތަރައްޤީއަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

comment ކޮމެންޓް