ޕެންޝަން ފަންޑުގެ ފައިސާއިން ހައްޖަށް ދެވޭނެ ގޮތް ހަމަޖައްސާނަން: ރައީސް ސޯލިހު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުންނާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްގެ ދެކަނބަލުން، ހުވާކުރުމުގެ ރަސްމިއްޔާތަށް ވަޑައިގަންނަވަނީ --

ފަރުޟު ހައްޖު އަދާކުރުމަށްޓަކައި ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކުރެވޭ ގޮތް ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހަމަޖައްސައިދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ މަގާމާ މިއަދު ހަވާލުވެވަޑައިގެންނެވި އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި، މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ގައުމާ މުހާތަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ވަނީ، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރައްވަން އެމަނިކުފާނު ވިސްނަވާފައިވާ މުހިންމު ބައެއް ކަންކަން ހާމަކުރައްވާފައެވެ.

އެމަނިކުފާނު ކުރައްވާނެކަމަށް ވިދާޅުވި ކަންކަމުގެ ތެރޭގައި ހައްޖުގެ އަޅުކަމަށް ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކުރެވޭނެ ގޮތް ހަމަޖައްސައިދިނުން ހިމެނެއެވެ.

"ފަރުޟު ޙައްޖުގެ އަޅުކަމަށް ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކުރެވޭނޭ ގޮތް ހަމަޖެހިގެންދާނެ،" ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.

ފުރަތަމަ 100 ދުވަހު މިކަން ކުރައްވާނެކަމަށް ރައީސް ސޯލިހު ވައުދުވެވަޑައިގެންފައިވާ އިރު، ޕެންޝަން ފަންޑުގެ ފައިސާ މިފަދައިން ބޭނުންކުރެވޭނީ ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނެސްގެންނެވެ.

ޕެންޝަން ފަންޑުގައި ހުރި ފައިސާ މިވަގުތު ބޭނުންކުރެވެނީ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްތަކަށް ކޮލެޓަރަލައިޒްކުރެވޭނެ ސްކީމެއްގައި އެކަންޏެވެ. އެކަން އެގޮތަސް ހަމަޖެއްސީ ޕެންޝަނާ ބެހޭ ގާނޫނަށް 2016 ވަނަ އަހަރު ގެނައި އިސްލާހަކާ ގުޅިގެންނެވެ.

comment ކޮމެންޓް