ނޭޝަންސް ލީގުގެ ދެވަނަ ޑިވިޝަނަށް ޖަރުމަނު ރެލިގޭޓު ވެއްޖެ

ޖަރުމަނު ފުޓުބޯޅަ ޓީމުގެ ކޯޗް ޖޯކިމް ލޯވް---

ޔޫރަޕުގެ ގައުމުތަކުގެ މެދުގައި ކުޅޭ ޔޫއެފާ ނޭޝަންސް ލީގުގެ ދެވަނަ ބުރަށް ފުޓުބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި ގިނަ ބަޔަކު ދެކޭ ޖަރުމަނު ވިލާތް ރެލިގޭޓު ވެއްޖެ އެވެ.

ވޯލްޑް ކަޕާއި ޔޫރޯ ފުޓުބޯޅަ މުބާރާތް ނޯންނަ އަހަރުތަކުގައި ބާއްވާ ޔޫއެފާ ނޭޝަންސް ލީގަކީ ޔޫރަޕުގެ ގައުމުތަކަށް ހާއްސަ ފުޓުބޯޅަ މުބާރާތެކެވެ. ތިން ޓީމުގެ ގްރޫޕުތަކަށް ބަހާލައިގެން ކުރިއަށްގެންދާ އެ މުބާރާތުގެ ގްރޫޕުތަކުގެ އެއްވަނަ ޓީމު އަންނަ އަހަރު އޮންނަ ފައިނަލް ބުރަކަށް ދަތުރު ކުރާނެ އެވެ. ގްރޫޕުތަކުގެ ފުލަށް ދާ ޓީމުތައް ދެވަނަ ޑިވިޝަނަށް ރެލިގޭޓު ވާނެ އެވެ.

ޖަރުމަނު ހިމެނުނީ ފްރާންސާއި ނެދަލޭންޑްސްއާ އެއް ގްރޫޕެއްގަ އެވެ. އެ ގްރޫޕުގެ އެއްވަނާގައި ފްރާންސް އޮތީ ހަތް ޕޮއިންޓާ އެކު އެވެ. ދެވަނާގައި ނެދަލޭންޑްސް އޮތީ ހަ ޕޮއިންޓާ އެކު އެވެ. ޖަރުމަނަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.

ރޭ އެ ގްރޫޕުގައި ނެދަލޭންޑްސް އާއި ފްރާންސް ބައްދަލު ކުރި މެޗު ނެދަލޭންޑްސް އިން 2-0ގެ ނަތީޖާއިން ކާމިޔާބުކޮށްފަ އެވެ. އެއާ އެކު ދެވަނަ ބުރަށް ދަތުރު ކުރުމުގެ ފުރުސަތު ޖަރުމަނަށް ގެއްލި އެ ޓީމު ވަނީ ރެލިގޭޓު ވެފަ އެވެ.

ރޭގެ މެޗުގައި ނެދަލޭންޑްސް އަށް ގޯލު ޖަހައިދިނީ ޖޯޖޮނިއޯ ވިޔަނާލްޑަމް އާއި މެމްފިސް ޑިޕާއި އެވެ.

ނޭޝަންސް ލީގުގެ ދެވަނަ ޑިވިޝަނަށް ޖަރުމަނު ރެލިގޭޓު ވެފައިވާ އިރު މި އަހަރު ރަޝިއާގައި ބޭއްވި ވޯލްޑް ކަޕުގެ ގްރޫޕް ސްޓޭޖުން ވެސް އެ ޓީމު ވަނީ ކަޓާފަ އެވެ. ވޯލްޑް ކަޕަށް މިފަހަރު ކޮލިފައި ނުވާ ނެދަލޭންޑްސްގެ ފަރާތުން ފަހަކަށް އައިސް އަންނަނީ މޮޅު ކުޅުމެއް ފެންނަމުންނެވެ. އަދި އެ ޓިމުން އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ.

ދެން އޮންނަ ނޭޝަންސް ލީގު މުބާރާތުގެ ޑިވިޝަންތަކަށް ޓީމުތައް ރޭންކްކުރެވޭނީ މި އަހަރުގެ މުބާރާތުންނެވެ.

comment ކޮމެންޓް