އެއްވެސް ހާލެއްގައި ބައިބައިވުމަށް ޖާގަ ދީގެން ނުވާނެ: ހުތުބާ

މީގެ ކުރިން މާލޭގައި ބޭއްވި ފިތުރު އީދު ނަމާދުގެ ޖަމާއަތެއްގައި ބައިވެރިވުމަށްފަހު ބަޔަކު މަގުމަތީގައި ހިނގާފައި ދަނީ --ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

އެއްބަޔަކު އަނެއް ބަޔަކަށް އެހިތެރިވުމަކީ ދުނިޔޭގައި އިންސާނުން ލެއްވުމުގެ ހިކުމަތް ފުރިހަމަވާ ކަމެއް ކަމަށާއި، އެއްވެސް ހާލެއްގައި ބައިބައިވުމާއި ދެކޮޅުވެރިވުމަށް ޖާގަ ދިގެން ނުވާނެ ކަމަށް މިއަދު ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދު ރާއްޖޭގެ މިސްކިތްތަކުން އިއްވާފައިވާ ހުތުބާ ބިނާކޮށްފައިވާނީ "އިސްލާމްދީނަކީ އެއްބައިވަންތަ ދިީން" މި މައުޟޫއުގެ މައްޗަށެވެ.

ހުކުރު ހުތުބާގައި ބުނެފައިވަނީ އިސްލާމްދީނަކީ އެއްބައިވަންތަ، އެކަކު އަނެކަކަށް އޯގާތެރިވެ ރަހުމްކުރުމަށް ގޮވާލާ ދީން ކަމަށެވެ. އަދި ދޭދޭ ފަރުދުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، އިސްލާމީ އުންމަތުގެ ކޮންމެ ފަރުދަކުވެސް އޭނާގެ ދުލާއި، އަތް އެހެން މީހުންނަށް އުނދަގޫވާފަދަ ކަންކަމުން ރައްކާތެރިކުރުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ.

ކީރިތި ޤުރުއާނުގައި މާތްﷲ އިސްލާމީ އުއްމަތުގެ އަފުރާދުން ސިފަކުރައްވާފައިވަނީ އެއްބަޑު އެއްބަފާ އަޚުންގެ ގޮތުގައި ކަމަށާއި އަދި ކީރިތި ރަސޫލާވެސް އެއްބަނޑު އެއްބަފާ އަހުވަންތަކަމުގެ ގުޅުން ބަދަހިކުރުމަށް ވަރަށް ބާރުއަޅުއްވާކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

ހުތުބާގައި ބުނެފައިވަނީ މުސްލިމުން އުޅެންވީ ގޮތާއި އެކަކު އަނެކަކަށް މުއާމަލާތް ކުރަންވީ ރީތި ގޮތްތަށް މާތްﷲ އަދި އެކަލާނގެ ރަސޫލާ ވަނީ އަންގަވާފައި ކަމަށާއި ލާބަޔާ މަންފާ ހުރީ އެގޮތް ދޫކޮށްނުލައި ކުރިއަށް ދިޔުމުން ކަމަށެވެ. އަދި އެކަންތައް ދޫކޮށްފި މީހާއަށް ވާނީ ގެއްލުމާ ހަލާކުކަން ހުތުބާގައި ބުނެފައި ވެއެވެ.

"މުސްލިމުންގެ މެދުގައި ދެކޮޅުވެރިކަމާއި، ފިރުނަ ފަސާދަ އުފެއްދުމަކީ، މުޖްތަމައު ބައިބައި ވެގެންދާނޭ ކަމެއް. އެކަކު އަނެކަށް، އެއްބަޔަކު އަނެއްބަޔަކަށް ނަފްރަތުވެ އެކުވެިރިކަމުގެ ގުޅުން ކެނޑިގެންދާނޭ ކަމެއް. އެއީ އިސްލާމްދީން ހުއްދަ ކުރާ ކަަމެއް ނޫން. އެއީ އެކަމުގެ ގެއްލުން މުޅި މުޖްތަމައަށް ފޯރާނެތީ،" ހުތުބާގައި ބުނެފައިވެއެވެ.

comment ކޮމެންޓް