މިފްކޯއަށް ދިން 50 މިލިއަނަށް ގަތް މުދާ ނުލިބޭ: ކޮމިޓީ

15 ނޮވެމްބަރު 2018: ޓްރާންސިޝަން ކޮމިޓީގެ ސަރުކާރުގެ ކުންފުނިތަކާ ބެހޭ ސަބްކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުުމުގެ ތެރެއިން-- ސަން ފޮޓޯ: އަހްމަދު އަވްޝަމް އިލްޔާސް

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ލިމިޓެޑް ކޮމްޕެނީ (މިފްކޯ) އަށް ސަރުކާރުން އެހީގެ ގޮތުގައި ދިން 50 މިލިއަން ރުފިޔާއަށް ގަތް މުދާ އަދިވެސް ނުލިބޭ ކަމަށް ޓްރާންސިޝަން ކޮމިޓީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ އެ ލޯނަކީ މަސް ގަތުމަށް އެހީތެރިވުމަށް އުފައްދާފައިވާ ފަންޑަށް ސަރުކާރުން ލާފައިވާ 50 މިލިޔަން ރުފިޔާ ކަމަށެވެ. ލޯނު ދިނުމަށް ފިނޭންސުން މިފްކޯއާ އެކު ސޮއިކުރީ މިދިޔަ ސެޕްޓެމްބަރުގެ ތެރޭގަ އެވެ. އެ ލޯނު ދީފައި ވަނީ ބައިބަޔަށް ބަހާލައިގެންނެވެ.

ޓްރާންސިޝަން ކޮމިޓީގެ ސަރުކާރުގެ ކުންފުނިތަކާ ބެހޭ ސަބްކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުުމެއްގައި އެ ކޮމިޓީގެ މެމްބަރު އަދި އެސްޓިއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ، އެކަމުގައި ވެސް ކޮރަޕްޝަންގެ ކަންތައްތަކެއް ފާހަގަ ކުރުވުނު ކަމަށެވެ.

އެގޮތުން މިފްކޯއިން ދިން 50 މިލިއަން ރުފިޔާއަށް ތަކެތި ގަތުމަށް ފައިސާ ދައްކާފައިވާ ކަމަށާއި އެ ފައިސާއަށް ގަތް ތަކެތި ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އާޒިމް ސިފަ ކުރެއްވީ އެއީ ކޮރަޕްޝަން ހިމެނޭ ކަމެއްގެ ގޮތުގަ އެވެ.

އޭގެ އިތުރުން އާޒިމް ވިދާޅުވީ، އެސްޓިއޯ އިން ބޭންކުތަކުން ނަގާފައިވާ ލޯންތަކުގެ އިންޓްރެސްޓަށް އެކަނިވެސް 180 މިލިއަން ރުފިޔާ އަރާ ކަމަށެވެ. އާޒިމް ވިދާޅުވި ގޮތުގައި އެ އިންޓްރެސްޓު އެރި ލޯނުތައް ނަގަން އެސްޓީއޯއަށް ޖެހުނީ ސަރުކާރުން އެ ކުންފުންޏަށް ދޭން ޖެހޭ 2.5 ބިލިއަން ރުފިޔާ ދައްކާފައި ނުވާތީ އެވެ.

އާޒިމް ވިދާޅުވީ އެފަދަ މައްސަލަތައް ފެންމަތި ވަނީ އެކަން ހުއްޓުވާނެ ގާނޫނެއް އުފައްދާފައި ނުވާތީ ކަމަށެވެ.

"ސަރުކާރުގެ ކުންފުނިތަކުގައި އޮތީ ކޮރަޕްޝަނާއި ވައްކަން ވަރަށް ބޮޑަށް އަށަގަނެފައި. އެކަންކަމަށް ކުންފުނިތަކުގެ އިސް ވެރިންނާއި، ބޯޑު މެމްބަރުން ޒިންމާވާން ޖެހޭނެ. އެކަމަކު މިހާރު މިވާ ގޮތަކީ މިކަންކަން ހިންގާފައި މި ދަނީ. އެޒިންމާއިން ރެކި ނުގަނެވޭނެ ގޮތެއް ހެދުމަށްޓަކައި ގާނޫނެއް އެކަމަށް ބޭނުންވޭ،" އާޒިމް ވިދާޅުވި އެވެ.

ޓްރާންސިޝަން ކޮމިޓީން މިއަދު ބޭއްވި އެހެން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ ސަރުކާރުގެ ކުންފުނިތަކުން ގަވާއިދާ ހިލާށް ގިނަ އަދަދެއްގެ މުވައްޒަފުން ނަގާފައިވާ ކަމަށް ބުނެފަ އެވެ. އަދި އެކަމުގެ ސަބަބުން ކުންފުނިތަކަށް ލިބޭ ފައިދާ ވެސް ވަރަށް ބޮޑުތަން ދަށްވެފައިވާ ކަމަށް ކޮމިޓީން ބުންޏެވެ.

comment ކޮމެންޓް