ބައިޗުން ބުޓިއާގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފައްދަނީ

އިންޑިއާގެ ކުރީގެ ކެޕްޓަން ބައިޗުން ބުޓިއާ--

އިންޑިއާގެ ކުރީގެ ފުޓުބޯޅަ ކެޕްޓަން ބައިޗުން ބުޓިއާގެ ބަޔޮޕިކް ހެދުމުގެ މަސައްކަތް ޑައިރެކްޓަރު އާނަންދު ކުމާރު ފަށައިފިއެވެ.

އާނަންދު މިހާރު ވަނީ ފިލްމުގެ ކޮންސެޕްޓު ތައްޔާރުކޮށް ނިންމައިފައެވެ. ބުޓިއާގެ އަމިއްލަ ދިރިއުޅުމާއި ފުޓުބޯޅަ ކެރިއަރުގެ މުހިންމު ވާހަކަތައް ފިލްމުގައި ފެނިގެންދާނެކަން ޔަގީންވާއިރު، އާނަންދު މިހާރު މަސައްކަތް ކުރަމުން އަންނަނީ ޑައިރެކްޓަރެއް ފައިނަލް ކުރުމަށެވެ.

ބަޔޮޕިކް އާ ގުޅޭގޮތުން ބުޓިއާ ބުނީ އޭނާގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފައްދާތީ ވަރަށް ބޮޑަށް އުފާވާ ކަމަށާއި، އޭނާގެ ވާހަކަ އާނަންދު އެންމެ ފުރިހަމައަށް ގެނެސްދޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ.

ބުޓިއާ ބުނީ އޭނާ އަކީ ކުޑަ އަވަށަކަށް ނިސްބަތްވާ މީހެއް ނަމަވެސް އެންމެ ކުޑައިރުން ފެށިގެން ވެސް އޭނާ ދެކެމުން އައީ ބޮޑެތި ހުވަފެން ތަކެއް ކަމަށެވެ. އެގޮތުން ގައުމީ ޓީމަށް ކުޅުމުގެ އިތުރުން އަމިއްލަ ފުޓުބޯޅަ ކްލަބެއް ހިންގަން އޭނާ އަބަދުވެސް ބޭނުންވާ ކަމަށެވެ.

މީގެ ކުރިންވެސް ކުޅިވަރުގައި ފާހަގަކޮށްލެވޭ ބައެއް މީހުންގެ ބަޔޮޕިކްތައް ވަނީ ފެނިގެން ގޮސްފައެވެ. އޭގެ ތެރޭގައި މިލްކާ ސިންގ، މޭރީ ކޮމް، މަހިންދުރަ ސިންގ ދޯނީ އަދި ސަންދީޕް ސިންގ ފަދަ ތަރިން ހިމެނެއެވެ. ނަމަވެސް އިނޑިއާގެ ފުޓުބޯޅަ ކުޅުންތެރިޔަކަށް އަދި ބަޔޮޕިކް އެއް ހަދައިފައެއް ނުވެއެވެ.

އާންނަދު ބުނީ ފުޓުބޯޅަ ކުޅުންތެރިއެއްގެ ބަޔޮޕިކް ހަދަން ޚިޔާލު އައީ ނިމިގެން ދިޔަ ވޯލްޑް ކަޕުގެ ތެރެއިން ކަމަށެވެ. މިހާރު އިންޑިއާގެ ޒުވާން ޖީލަށް ކުރިކެޓަށް ވުރެ ބޮޑަށް ކަމުދަނީ ފުޓުބޯޅަ ކަމަށާއި، ޒުވާނުން ގަޔާވާ ކަމަކަށް ފިލްމެއް ހެދުން މުހިންމު ކަމަށް އޭނާ ބުންޏެވެ.

ބުޓިއާގެ ހަޔާތަށް ފިލްމެއް އުފައްދަން ނިންމީ އޭނާއަކީ ހުރިހާ ގޮތަކުން ވެސް ޒުވާނުންނަށް ނަމޫނާ އަކަށް ވާތީ ކަމަށް އާނަންދު ބުންޏެވެ.

ބުޓިއާގެ ބަޔޮޕިކްގެ ވާހަކަ ލިޔާނީ 'ސަރްކާރް'، 'ރެއިޑް' އަދި 'ޕޫރްނާ' ފަދަ ފިލްމުތަކުގެ ވާހަކަ ލިޔެފައިވާ ޕްރަޝާންތު ޕާންޑޭ އެވެ.

comment ކޮމެންޓް