ވެލެޒިނީ މިނިވަންކޮށް އާއިލާއާ ހަވާލުކޮށްފި

ވެލެޒިނީ: ފުލުހުން ވަނީ މިހާރު އޭނާ މިނިވަން ކޮށްފައި -- ސަން ފައިލް ފޮޓޯ

ފުލުހުން ރޭ ހައްޔަރުކުރި ޖުޑިޝަލް ސާވިސް ކޮމިޝަންގެ ކުރީގެ މެމްބަރު، އައިޝަތު ވެލެޒިނީ މިނިވަންކޮށް އާއިލާއާ ހަވާލުކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ.

ވެލެޒިނީ މިއަދު ހެނދުނު ނަފްސާނީ ބަލީގެ ޑޮކްޓަރަކަަށް ދައްކައި، މެންދުރު ފަހު ވަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފަ އެވެ.

ފުލުހުން ބުނީ ވެލެޒިނީ އެޑްމިޓްކޮށްގެން ފަރުވާ ކުރުމަށް ޑޮކްޓަރު ލަފާދެއްވާފައިވާތީ، އޭނާ ފުލުހުންގެ ބަންދުން ދޫކޮށް އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ.

އަދި ފުލުހުންގެ ބަންދުން ދޫކޮށްލިޔަސް ގާނޫނީގޮތުން ކުރަން ޖެހޭ ކަންކަން ކުރަމުން ދާނެ ކަމަށް ފުލުހުން ބުންޏެވެ.

ވެލެޒިނީ ހައްޔަރުކުރުމުން އެކަމަށް ފާޑުކިޔައި، ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ބުނަމުން ދަނީ އޭނާއަކީ ސިކުނޑީގެ މައްސަލަ ހުންނަ މީހެއް ކަމަށާއި ވެލެޒިނީ ބަންދުން ދޫކޮށް ފަރުވާ ދޭން ޖެހޭ ކަމަށެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ވެލެޒިނީ ހައްޔަރުކޮށްފައި ވަނީ ސޯޝަލް މީޑިއާގައި އިސްލާމް ދީނަށް ފުރައްސާރަކޮށް، އެ ދީނަށް "ތައުހީނު" ކުރި ކަމުގެ ތުހުމަތުގައި ކަމަށެވެ.

އެ މައްސަލާގައި އޭނާއަށް ގާނޫނީ ގޮތުން ލިބެން ޖެހޭ އެންމެހާ ހައްގުތައް ކަށަވަރުކޮށް، އަދި އޭނާގެ ސިއްހީ ހާލަތަށް ރިޔާޔަތްކޮށް އޭނާއަށް ދޭންޖެހޭ ސިއްހީ ފަރުވާއެއްވާ ނަމަ އެ ފަރުވާއެއް ލިބިދެވޭނެ އިންތިޒާމް އެ އިދާރާއިން ހަމަޖައްސާނެ ކަމުގެ ޔަގީން ކަން ދޭ ކަމަށް ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

comment ކޮމެންޓް