ސައުދީ ސަފީރަކަށް އެމެރިކާގެ ކުރީގެ ޖެނަރަލަކު ހަމަޖައްސައިފި

އެމެރިކާއިން ސައުދީ އަރަބިއާއަށް ކަނޑައަޅާފައިވާ އާ ސަފީރު ވާ ޖޯން އަބީޒައިދު -- ފޮޓޯ: އީޕީއޭ

ވޮޝިންޓަން (ނޮވެމްބަރު 14): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ސައުދީ އަރަބިއާއަށް އާ ސަފީރަކު ކަނޑައަޅުއްވައިފި އެވެ.

އެމެރިކާ އަސްކަރިއްޔާގެ ޖެނެރަލެއް ކަމަށްވާ ޖޯން އަބީޒައިދަކީ، މެދުއިރުމަތީގެ ކަންތައްތައް ބަލަހައްޓާ ޔޫއެސް ސެންޓްރަލް ކޮމާންޑުގައި 2003 އިން 2007އަށް އިސްކޮށް ހުންނެވި ފަރާތެކެވެ.

އެމެރިކާގެ މިލިޓަރީ އެކަޑަމީން ގްރެޖުއޭޓު ވުމަށް ފަހު އަބީޒައިދު ވަނީ އުރުދުންގައި އަރަބި ކިޔަވަން ސްކޮލާޝިޕެއް ހާސިލުކޮށްފަ އެވެ. އަދި އޭނާ ވަނީ ހާވާޑް ޔުނިވާސިޓީގެ މިޑްލް އީސްޓާން ސްޓަޑީސް އިން މާސްޓާސް ހާސިލުކޮށްފަ އެވެ. އޭނާގެ ތީސިސް ހަދާފައި ވަނީ ސައުދީ އަރަބިއާއިން ހަތިޔާރު ހޯދާ ސިޔާސަތާ ބެހޭ ގޮތުންނެވެ.

އަބީޒައިދު ސައުދީ އަރަބިއާގެ ސަފީރު ކަމަށް އައްޔަން ކޮށްފައި ވަނީ މީގެ ކުރިން އެމަގާމުގައި ހުންނެވި ޖޯސެފް ވެސްޓްފަލް އިސްތިއުފާ ދެއްވިތާ ގާތްގަނޑަކަށް ދެ އަހަރުވީ ފަހުންނެވެ.

މިދިޔަ އަހަރު އެމެރިކާގެ ވެރިކަމަށް ވަޑައިގެންނެވުމާ އެކު ރައީސް ޓްރަމްޕް ވަނީ ސައުދީއާ އެކު ވަރަށް ގާތް ގުޅުމެއް ގާއިމު ކުރައްވާފަ އެވެ. އެގޮތުން ސައުދީއަށް 110 ބިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކުމުގެ އެއްބަސްވުމެއްވެސް ހަދައިފަ އެވެ.

ނަމަވެސް ތުރުކީގައި ހުންނަ ސައުދީ އަރަބިއާގެ ކޮންސިއުލޭޓު ތެރޭގައި ނޫސްވެރިޔާ ޖަމާލް ހާޝުގްޖީ މަރާލި މައްސަލައިގައި ޓްރަމްޕަށް ވަނީ ސައުދީއަށް ފާޑު ވިދާޅުވާން މަޖުބޫރުވެފަ އެވެ.

comment ކޮމެންޓް