ޕްރެސް ޕާސް ކެންސަލް ކުރުމުން ޓްރަމްއާ ދެކޮޅަށް ސީއެންއެން އިން ދައުވާކޮށްފި

މިދިޔަ ހަފްތާގައި ވައިޓް ހައުސްގައި އޮތް ޕްރެސް ކޮންފަރެންސުގައި ސީއެންއެންގެ ނޫސްވެރިޔާ ޖިމް އަކޯސްޓާގެ މައިކް އަތުލަނީ -- ފޮޓޯ: ރޮއިޓާސް

ވޮޝިންޓަން (ނޮވެމްބަރު 14): އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ސީއެންއެންގެ ނޫސްވެރިޔާ ޖިމް އަކޯސްޓާގެ ވައިޓް ހައުސް ޕްރެސް ޕާސް ކެންސަލް ކުރި މައްސަލަ އެނޫހުން ކޯޓަށް ހުށަހަޅައިފި އެވެ.

ސީއެންއެން އިން ވަނީ އަކޯސްޓާ ވައިޓް ހައުސްއަށް ވަނުން ހުއްޓުވުމަކީ ނޫސްވެރިކަމުގެ މިނިވަން ކަމަށް ހުރަސް އެޅުން ކަމަށް ބުނެފަ އެވެ.

ވައިޓް ހައުސްއިން ވަނީ ސީއެންއެންއިން ޝަކުވާ ކުރަނީ ސަމާލުކަން ހޯދުމަށް ކަމަށާއި ސަރުކާރު ދިފާއު ކުރާނެ ކަމަށް ބުނެފަ އެވެ.

މިދިޔަ ހަފްތާގެ ބުދަ ދުވަހު ވައިޓް ހައުސްގައި އޮތް ޕްރެސް ކޮންފަރެންސެއްގައި ރައީސް ޓްރަމްޕާއި އަކޯސްޓާއާ ދެމެދު ދެބަސްވުމެއް އުފެދުނެވެ.

އެގޮތުން އެމެރިކާއަށް ހިޖްރަކުރުމަށް ޓަކައި މެކްސިކޯ ހުރަސްކޮށް ރެފިއުޖީން އަންނަނީ އެ ގައުމަށް "އަރައިގަތުމަށް" ކަމަށް ޓްރަމްޕް ވިދާޅުވި ވިދާޅުވުމާ ބެހޭ ގޮތުން އަކޯސްޓާ ސުވާލު ކުރި އެވެ. އަދި އެއީ ސައްހަ މައުލޫމާތެއް ނޫން ކަމަށް ބުނެފަ އެވެ.

ނަމަވެސް ރައީސް ޓްރަމްޕް ވަނީ، ޓްރަމްޕް ދެކިވަޑައިގަންނަވާ ގޮތުގައި އެއީ އެމެރިކާއަށް އަރައިގަންނަ ބަޔެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ގައުމު ހިންގުމުގެ ޒިންމާ ރައީސަށް ދޫކޮށްލުމަށާއި އަކޯސްޓާ ސީއެންއެން ހިންގުމައިގެން ކުރިއަށް ދިޔުމަށް އެދިވަޑައިގެންފަ އެވެ.

އޭގެ ފަހުން ރައީސް ޓްރަމްޕް ވަނީ އަކޯސްޓާގެ ސުވާލުތަކަށް ޖަވާބު ދިނުން ނިމުނީ ކަމަށް ވިދާޅުވެފަ އެވެ. އެއާއެކު ވައިޓް ހައުސްގެ މުވައްޒަފަކު ވަނީ އަކޯސްޓާގެ މައިކު އަތުލަން މަސައްކަތްކޮށްފަ އެވެ.

ނަމަވެސް އަކޯސްޓާ ވަނީ މައިކް ދިނުމަށް ދެކޮޅު ހަދައި އިތުރު ސުވާލެއް ކޮށްފަ އެވެ. އޭގެ ސަބަބުން ޓްރަމްޕް ވަނީ އަކޯސްޓާ އަކީ "އަދަބުކުޑަ" ނޫސްވެރިއެއް ކަމަށާއި، ސީއެންއެންއިން ލަދު ގަންނަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ޓްރަމްޕްގެ ޕްރެސް ސެކްރެޓަރީ ސާރާ ސޭންޑާސް ވިދާޅުވި ގޮތުގައި އަކޯސްޓާގެ ހުއްދަ ސަސްޕެންޑު ކުރީ، ވައިޓް ހަައުސްގެ މުވައްޒަފެއްގެ ގަޔަށް އަކޯސްޓާ އަތް ލުމުންނެވެ.

ނަމަވެސް އަކޯސްޓާ ވަނީ އެތުހުމަތު ދޮގުކޮށްފަ އެވެ.

comment ކޮމެންޓް