އެލް ޗާޕޯގެ ޝަރީއަތުގައި މެކްސިކޯގެ ރައީސުންގެ މައްޗަށް ރިޝްވަތުގެ ތުހުމަތު

މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާ ގުޅިގެން ހައްޔަރުކޮށްފައި އެލް ޗާޕޯ -- ފޮޓޯ: އޭއެފްޕީ

ނިއު ޔޯކް (ނޮވެމްބަރު 14): ދުނިޔޭގެ ފެންވަރުގައި މަސްތުވާތަކެތީގެ ވިޔަފާރި ކޮށްފައިވާ މެކްސިކޯގެ ހުއާކިން "އެލް ޗާޕޯ" ގުޒްމަންގެ ޝަރީއަތް ފަށައިފި އެވެ.

މެކްސިކޯއިން އެމެރިކާއާ ހަވާލުކޮށްފައިވާ އެލް ޗާޕޯގެ ޝަރީއަތް އިއްޔެ ފެށީ ނިއު ޔޯކުގެ ކޯޓެއްގަ އެވެ. އޭނާގެ މައްޗަށް ވަނީ މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑަރިން އާއި މަނާ ހަތިޔާރު ގެންގުޅުން ފަދަ 17 ދައުވާއެއް ކޮށްފަ އެވެ. އެދައުވާތައް ސާބިތުވެއްޖެ ނަމަ އެލް ޗާޕޯ އުމުރަށް ޖަލަށް ލާން ހުކުމް ކުރާނެ އެވެ.

އިއްޔެގެ ޝަރީއަތުގައި އެލް ޗާޕޯގެ ވަކީލު ވަނީ އޭނާ ހިންގާ ކަމަށް ބެލެވޭ ސިނަލޯއާ ކާޓެލްގެ އަސްލު ލީޑަރަކީ އިސްމާއިލް "އެލް މާޔޯ" ޒަމްބާޑާ ކިޔާ މީހެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ޒަމްބާޑާ މެކްސިކޯގައި މިނިވަންކަމާ އެކު އުޅެމުންދާ ކަމަށާއި، އޭގެ ސަބަބަކީ އޭނާ އެގައުމުގެ ރައީސަށާއި ކުރީގެ ރައީސަށް ރިޝްވަތު ދީފައި ވާތީ ކަމަށް ވިދާޅުވެފަ އެވެ.

"އަސްލު ލީޑަރުން މެކްސިކޯގައި މިނިވަންކަމާއެކު ދިރިއުޅޭ އިރު [އަލް ޗާޕޯ]އަކީ ލީޑަރު ކަމަށް ވަނީ ބުނެފައި. އަސްލު އޭނާ އެއްވެސް ކަމެއް ކޮންޓުރޯލެއް ނުކުރެ. އެކަން ކުރަނީ މާޔޯ ޒަމްބާޑާ. [ޒަމްބާޑާ] ވަނީ އެންމެންނަށް ރިޝްވަތު ދީފައި. އޭގެ ތެރޭގައި [މެކްސިކޯގެ] ރައިސާއި ކުރީގެ ރައީސް ހިމެނޭ،" ވަކީލު ޖެފްރީ ލިޗްމަން ވިދާޅުވި އެވެ.

ނަމަވެސް މެކްސިކޯގެ ރައީސް ޕެންޔާ ނިއޭޓޯ އާއި ކުރީގެ ރައީސް ފެލިޕޯ ކަލްދެރޮން ވަނީ އެތުހުމަތުތައް ދޮގު ކުރައްވައިފަ އެވެ.

އެލް ޗާޕޯ ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން އޭނާ ހައްޔަރުކޮށްފައި ހުރި ޖަލުން ފިލާފަ އެވެ. މެކްސިކޯގެ ޖަލަކުން އޭނާ އެންމެ ފުރަތަމަ ފިލީ 2001 ވަނަ އަހަރުގަ އެވެ. އޭގެ 13 އަހަރު ފަހުން އޭނާ ހައްޔަރު ކުރުމުން އެ އަހަރު ތެރޭގައި އޭނާ އަނެއްކާ ވެސް ޖަލުން ފިލި އެވެ. އެލް ޗާޕޯ އެންމެ ފަހުން ހައްޔަރު ކުރީ އޭގެ ހަމަސް ފަހުން 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ.

comment ކޮމެންޓް