އައިސްކްރީމް ބައިސްކަލު ހުއްޓުވުމުން 4 ލައްކަ ރުފިޔާ ދޭން ހުކުމްކޮށްފި

ހައިކޯޓު --- ސަން ފައިލް ފޮޓޯ/ އިޙްތިޝާމް މުޙައްމަދު

އައިސް ކްރީމް ބައިސްކަލުތަކެއްގައި އައިސްކްރީމް ވިއްކުމުގެ ވިޔަފާރި މީހަކު ކުރަމުން ދަނިކޮށް، މާލޭ ސިޓީ ކައުންސިލުން އެކަން ގާނޫނާ ޚިލާފަށް ހުއްޓުވި ކަމަށް ބުނެ، ގެއްލުމުގެ ބަދަލަށް އެ މީހާއަށް ހަތަރު ލައްކައެއްހާ ރުފިޔާ ދެއްކުމަށް ހައި ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.

މާލޭގައި އައިސްކްރީމް ބައިސްކަލުތަކެއްގައި މީހަކު އައިސްކްރީމް ވިއްކުމުގެ ވިޔަފާރި ކުރަމުން ދަނިކޮށް 2011 ވަނަ އަހަރު ޖުލައިގައި އޭރުގެ މާލޭ ސިޓީ ކައުންސިލުން ވަނީ އެކަން ހުއްޓުވައިފައެވެ.

އެމީހާ ސިވިލް ކޯޓަށް، އޭނާގެ ވިޔަފާރި ހުއްޓުވުމުން އެކަމުގެ ބަދަލު ހޯދުމަށް އެކޯޓަށް ހުށަހެޅީ 2012 ވަނަ އަހަރުއެވެ.

ސިވިލް ކޯޓުގެ ހުކުމްގައި ބުނެފައިވަނީ އެ ވިޔަފާރި ހުއްޓާލަން އެންގުމުގެ ބާރު ސިޓީ ކައުންސިލަށް ނޯންނާނެ ކަމަށާއި ނަމަވެސް ބަދަލު ނަގައިދެވެން ނެތް ކަމަށެވެ.

ސިވިލް ކޯޓުން ކުރި ހުކުމް އޭނާ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އޭނާ އެދިފައިވަނީ 1.1 މިލިއަން ރުފިޔާ ގެއްލުމުގެ ބަދަލަށް ނަގައިދިނުމަށެވެ.

ނަމަވެސް އިއްޔެ ހައިކޯޓުން އެމައްސަލަ އިސްތިއުނާފް ކޮށް ކުރި ހުކުމްގައި ބުނެފައިވަނީ އޭނާއަށް ގެއްލުމުގެ ބަދަލަށް 405،000 ރުފިޔާ ދިނުމަށެވެ.

ހައި ކޯޓުގެ ހުކުމުގައި ވަނީ ހުށަހެޅި ހެކިތަކަށް ބަލާއިރު އެ މިންވަރަށް އޭނާއަށް ގެއްލުން ލިބުނު ކަން ޝަރީއަތަށް ގަބޫލު ނުކުރެވޭތީ އޭނާގެ ދައުވާގައި އެދިފައިވާ މިންވަރަށް ބަދަލެއް އެފަރާތަށް ނަގައިދޭން ޖެހޭކަމަށް މިމައްސަލަ ބެލި ފަނޑިޔާރުންނަށް ނުފެންނަ ކަމަށެވެ.

ނަމަވެސް ބަދަލުގެ ގޮތުގައި އެކަށީގެންވާ އަދުލުވެރި މިންވަރުގެ ބަދަލެއް އެ ފަރާތަށް ލިބެންޖެހޭނެކަމަށް ޝަރީއަތަށް ގަބޫލު ކުރެވޭތީ، އޭނާ އެ ވިޔަފާރި ކުރި އިރު ދުވާލަކަށް ލިބުނު އާމްދަނީ ރޭޓުން 90 ދުވަހަށް ވާ ފައިސާ ބަދަލުގެ ގޮތުގައި ނަގައި ދިނުމަށެވެ.

އެހެން ކަމުން ވިޔަފާރި ހުއްޓާލަން ޖެހުމުގެ ސަބަބުން އޭނާއަށް ލިބިގެންދިޔަ މާލީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ޖުލައި 2011 އިން ފެށިގެން، 22 ފެބްރުވަރީ 2012ގެ ނިޔަލަށް ހިނގާދިޔަ މުއްދަތަށް އެ މަސައްކަތްކުރިނަމަ އެފަރާތަށް ލިބޭނެ އާމްދަނީ ހޯދުމަށް އެދިފައިވާއިރު، އޭނާއަށް އައިސްކްރީމް ވިއްކުމުގެ މަސައްކަތް ކުރަމުންދިޔަ ދުވަސް ވަރު އެވްރެޖްކޮށް ދުވާލަކަށް ލިބިފައިވާ އާމްދަނީއާ އެއްވަރުގެ ޢަދަދެއް ކަމަށްވާ 4،500 ރުފިޔާގެ ރޭޓުން 90 ނުވަދިހަ ދުވަހަށް ޖުމްލަ -/405000 ރުފިޔާ ބަދަލުގެ ގޮތުގައި ނަގައިދިނު މަށް މިމައްސަލަ ބެލި ފަނޑިޔާރުންނަށް އެއްބަސްވެފައިވާ ކަމަށް ހުކުމްގައި ބުނެފައި ވެއެވެ.

އެ މައްސަލަ ބެއްލެވީ އިސްފަނޑިޔާރު ޝުޖާޢު ޢުސްމާނާއި ފަނޑިޔާރު ޝުޢައިބު ހުސައިން ޒަކަރިއްޔާ، އަދި ފަނޑިޔާރު ޙުސައިން ޝަހީދެވެ.

comment ކޮމެންޓް