ޖޯ ކޯލް ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

އިންގްލޭންޑް އަދި ޗެލްސީގެ ކުރީގެ މިޑްފީލްޑަރު ޖޯ ކޯލް ވަނީ އުމުރުން 37 އަހަރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފައި-- ފޮޓޯ: ގެޓީ

ކުރިން އިނގިރޭސިވިލާތުގެ ގައުމީ ފުޓްބޯޅަ ޓީމަށާއި ޗެލްސީއަށް ކުޅުނު މިޑްފީލްޑަރު ޖޯ ކޯލް، އުމުރުން 37 އަހަރުގައި ފުޓްބޯޅަ ކުޅުން ހުއްޓާލައިފިއެވެ.

ވެސްޓްހޭމްގެ ޔޫތު ސިސްޓަމްގެ ތެރޭން ފުޓްބޯޅަ ކެރިއަރު ފެށި، ކޯލް ވަނީ، 2016 ވަނަ އަހަރުން ޔުނައިޓެޑް ސޮކަރ ލީގުގެ ކްލަބެއް ކަމަށްވާ ޓަމްބާ ބޭ ރޯޑީޒްއަށް ބަދަލުވުމުގެ ކުރީން، ޗެލްސީ، ލިވަޕޫލް، ލިލް، އެސްޓަން ވިލާ، އަދި ކޮވެންޓްރީ ސިޓީއަށް ކުޅެފައެވެ.

ކޯލް ވަނީ، 2001 އިން 2010އާ ހަމައަށް އޭނާ އިންގްލޭންޑް ޓީމުގައި ހޭދަކުރި މުއްދަތުގެ ތެރޭގައި އެޓީމަށް، 56 މެޗު ކުޅެ، 10 ލަނޑު ޖަހައިދީފައެވެ.

ކޯލް ބުނީ، ކުރިއަށް އޮތް ދުވަސްތަކުގައިވެސް އޭނާ ފެނިގެންދާން ބޭނުންވަނީ ޕްރޮފެޝަނަލް މަސައްކަތުގައި ކަމަށެވެ.

އުމުރުން 17 އަހަރުގައި ވެސްޓްހޭމްއަށް ކުޅެންފެށި ކޯލް ވަނީ، އޭގެ ހަތަރު އަހަރު ފަހުން އެ ކްލަބުގެ ކެޕްޓަންކަންވެސް ކޮށްފައެވެ.

ކޯލް ޗެލްސީއާ ގުޅުނީ، 2003 ވަނަ އަހަރުއެވެ. އެގޮތުން އޭނާ ސްޓެމްފޯޑް ބްރިޖްގައި ހޭދަކުރި 7 ސީޒަންގެ ތެރޭގައި، ޕްރިމިއަރ ލީގު 3 ފަހަރު، އެފްއޭކަޕް 2 ފަހަރު އަދި 2007-08ގެ ޗެމްޕިއަންސް ލީގު ފައިނަލްގައި ކުޅެފައި ވެއެވެ. އަދި ލީގު ކަޕާއި ކޮމިއުނިޓީ ޝީލްޑްވެސް އޭނާ ޗެލްސީއާއެކު ހޯދިއެވެ.

ކޯލް ބުނީ، އޭނާގެ ފުޓްބޯޅަ ހަޔާތުގައި އެންމެ ފާހަގަކޮށްލެވޭ ދުވަސްތަކެއް ހޭދަކުރީ ޗެލްސީގައި ކަމަށެވެ. އަދި އެޓީމުގައި ހޯދި ޓްރޮފީތަކާއި އެހެނިހެން ކާމިޔާބީތައް ދުވަހަކުވެސް ހަނދާން ނުނެތޭނޭކަމަށެވެ.

ކޯލް ވަނީ، އޭނާގެ ކްލަބު ކެރިއަރުގައި 7 ކްލަބެއްގައި ޖުމުލަ 714 މެޗު ކުޅެ، 104 ލަނޑު ކާމިޔާބުކޮށްފައެވެ.

comment ކޮމެންޓް