ޑެމްބެލޭއަށް ލިވަޕޫލުން 85 މިލިއަން ޕައުންޑް ހުށަހަޅަނީ!

ބާސެލޯނާއަށް ކުޅެމުން އަންނަ ފްރާންސް ފޯވާޑް އޮސްމާނޭ ޑެމްބެލޭ-- ފޮޓޯ: އޭއެފްޕީ

ބާސެލޯނާއަށް ކުޅެމުން އަންނަ ފްރާންސް ތަރި އޮސްމާނޭ ޑެމްބެލޭ، ކުރިއަށް އޮތް ޖެނުއަރީ ޓްރާންސްފަރގައި ކްލަބް ރެކޯޑް ފީއަކަށް ގަންނަން ލިވަޕޫލުން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ކުރިން ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅުނު، މިހާރު އުމުރުން 21 އަހަރުގެ ޑެމްބެލޭއަށް ބާސާގައި ރަނގަޅު ފޯމެއްގައި ކުޅެވެމުން ނުދިޔަ ނަމަވެސް، ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ގަބޫލުކުރާ ގޮތުގައި މިވަގުތު އޭނާގެ ޓީމަށް ޑެމްބެލޭ ފަދަ ކުޅުންތެރިއަކު ގެނައުމަކީ ވަރަށް މުހިއްމު ކަމެކެވެ.

އެހެން ކަމުން، ޑޯޓްމަންޑުގައި ކްލޮޕްގެ އިރުޝާދުގެ ދަށުން މޮޅުކުޅުމެއް ދައްކާފައިވާ ޑެމްބެލޭ ލިވަޕޫލަށް ގެނައުމަށް، 85 މިލިއަން ޕައުންޑް ހުށަހަޅަން ކްލޮޕް ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ ލިވަޕޫލްގެ ކްލަބް ރެކޯޑް އަގަކަށް ވެގެންދާނެއެވެ.

ލިވަޕޫލުގެ މިހާރުގެ ކްލަބް ރެކޯޑު ފީއަކީ، 75 މިލިއަން ޕައުންޑެވެ. ކްލަބް ރެކޯޑު ފީއަކަށް މިދިޔަ ސީޒަންގައި ލިވަޕޫލުން ގަނެފައި ވަނީ ސައުތުހެމްޓަންއަށް ކުރިން ކުޅުނު ނެދަލޭންޑްސް ޑިފެންޑަރު ވާޖިލް ވެން ޑައިކްއެވެ.

ލިވަޕޫލުން ޑެމްބެލޭ ގަތުމަށް ތައްޔާރުވަމުން ދާއިރު، ބާސާއިން އެންމެ ފަހުން ކުޅުނު މެޗަށް، އެޓީމުގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ނެގި ސްކޮޑުގައިވެސް ޑެމްބެލޭއަށް ފުރުސަތު ދީފައެއް ނުވެއެވެ. ސަބަބެއް ކަމަށް ވަނީ، އޭނާ "ފަނިވެގެން"ނެވެ.

މީގެ އިތުރުން، ފްރާންސްގެ ކޯޗު ޑިޑީއެ ޑީޝޯމްވެސް ވަނީ، ޑެމްބެލޭއަކީ ފަރިތަކުރުންތަކަށް ގަޑިޖެހިގެން އަންނަ ކުޅުންތެރީންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއްކަން ފާހަގަކޮށްފައެވެ.

ނަމަވެސް، ކްލޮޕް ގަބޫލުކުރާ ގޮތުގައި، ނޭމާ ނެތްތަން ފޫބައްދަން 135 މިލިއަން ޕައުންޑުގެ ފީއަކަށް ބާސާއިން ގެންދިޔަ ފްރާންސްގެ ޒުވާން ތަރި ލިވަޕޫލަށް ގެނެވިއްޖެ ނަމަ، އެއީ މިފަހަރުގެ ލީގު ކާމިޔާބުކުރުމަށް އޭނާގެ ޓީމަށް ލިބިގެން ދާނޭ ވަރަށް ބޮޑު ހިތްވަރަކަށް ވެގެންދާނެއެވެ.

ޑެމްބެލޭ ވަނީ މި ސީޒަންގައި 6 ގޯލް ޖަހައި، 2 އެސިސްޓް ކޮށްފައެވެ. ނަމަވެސް އޭނާގެ ފޯމު ދަށްވާންފެށީ ކުޅިވަރުގެ އަޚްލާގު ދަށްވުމުގެ ސަބަބުންކަމަށް ފާޑުކިޔާ ފަރާތްތަކުން ބުނަމުންދެއެވެ.

ކްލޮޕް ވަނީ، ލިވަޕޫލް ވަރުގަދަކުރުމަށް މިސީޒަންގައި 177 މިލިއަން ޕައުންޑު ހޭދަކޮށްފައެވެ. އެގޮތުން އެޓީމަށް ގެނައި ކުޅުންތެރީންގެ ތެރޭގައި ވެން ޑައިކްގެ އިތުރުން އެލިސަން އާއި ނަބީކެއިޓާ ހިމެނެއެވެ.

comment ކޮމެންޓް