އަލްހާން ޖޭޕީއިން ވަކިވެ، އެމްޑީޕީއާ ގުޅިވަޑަައިގަތީ އަޅުގަނޑު ބުނެގެން: ގާސިމް

އަލްހާން އަދި ގާސިމް: ގާސިމް ވިދާޅުވަނީ އަލްހާން ކުރިން ޖޭޕީ އިން ވަކިވެ އެމްޑީޕީ އާ ގުޅުނީ އެނާ ވިދާޅުވެގެން ކަމަށް -- ސަން ފޮޓޯ/ފަޔާޒު މޫސާ

އެމްޑީޕީގެ ކުރީގެ ނައިބު ރައީސް، އަދި މިއަދު ޖުމްހޫރީ ޕަޓީއާ އަލަށް ގުޅިވަޑައިގެންނެވި އަލްހާން ފަހުމީ ކުރިން އެޕާޓީ އިން ވަކިވެ، އެމްޑީޕީއާ ގުޅިވަޑައިގަތީ އެ މަނިކުފާން ވިދާޅުވެގެން ކަމަށް އެ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިސްގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ގާސިމް މިހެން ވިދާޅުވީ، މިއަދު އެޕާޓީގެ އިދާރާ މާފަނު ކުނޫޒުގައި އަލްހާން ޖޭޕީ އަށް ސޮއި ކުރެއްވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެވެ.

ރައްޔިތުންގެ މަޖިލިސް މާމިގިލީ ދައިރާގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ ގާސިމް ވިދާޅުވީ އަލްހާނަކީ އެޕާޓީގައި ކުރިން ވެސް މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށާއި އެ ޕާޓީގެ ނައިބު ރައީސް ގެ މަގާމުގައި ހުންނަވަނިކޮށް އެ މަގާމުން އިސްތިއުފާ ދެއްވީ އެމަނިކުފާނު ވިދާޅުވެގެން ކަމަށެވެ. އަދި އެއަށްފަހު އިދިކޮޅު މައި ޕާޓީ އެމްޑީޕީއާ ގުޅިވަޑައިގަތުމަށް އަލްހާން ކިބައިން އެދިވަޑައިގަތް ކަމަށް ގާސިމް ވިދާޅުވިއެވެ.

"އަޅުގަނޑު ދެންނެވި ދެންނެވުމަކަށް އެމަނިކުފާނު އިސްތިއުފާ ދެއްވީ[ޖޭޕީގެ ނައިބު ރައީސް ކަމުން]. އެއީ އެއްގޮތަކަށް ވެސް [އަލްހާން] އާ އަޅުގަނޑާއި ނުވަތަ އަޅުގަނޑުމެން ޕާޓީ އާއެކު ޖެހުނު މައްސަލައަކުން ނޫން. އެހެން ދަންނަވާލަން ޖެހުނީ އެވަގުތު ޕާޓީ ތެރޭގެ މަސްލަހަތައް. އަޅުގަނޑު ދެންނެވިން އެމްޑީޕީއާ ގުޅިވަޑައިގަތުމަށް ވެސް،" އަލްހާން ކުރިން ޖޭޕީ އިން ވަކިވެ އެމްޑީޕީއާ ގުޅިވަޑައިގެންނެވި ސަބަބު ބަޔާން ކުރައްވާ ގާސިމް ވިދާޅު ވިއެވެ.

ޖޭޕީ ގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިސް ރައީސް ގާސިމް މިއަދު ބޭއްވި އަލްހާ އެ ޕާޓީ އަށް ސޮއި ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތައް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ސަން ފޮޓޯ/ފަޔާޒު މޫސާ

އެގޮތަށް އެދިވަޑައިގަތީ އަލްހާންގެ ސިޔާސީ މުސްތަގުބަލް އޮތުމަށް އެދޭތީކަމަށް ގާސިމް ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫން ގެ ޑީއާރުޕީ އިން ސިޔާސީ ހަޔާތް ފެއްޓެވި، އަލްހާން ފަހުމީ އެމްޑީޕީގެ ނައިބު ރައީސް ކަމުގައި ހުންނަވަނިކޮށް އެޕާޓީގެ ގައުމީ މަޖިލިސް އިން އަލްހާން އެ މަގާމުން ވަކިކޮށް ޕާޓީ އިން ވެސް ވަނީ އެނާ އޭރު ވަކިކޮށްފައެވެ. ފަހުން 2013 ވަނަ އަހަރު ޖޭޕީއާ ގުޅިވަޑައިގެން އެ ޕާޓީގެ ނައިބު ރައީސް ކަން ވެސް ކުރެއްވިއެވެ. އަދި އެފަހުން ޖެޕީގެ ނައިބު ރައީސް ކަމުން އިސްތިއުފާ ދެއްވުމަށް ފަހު، އެމްޑީޕީ އާ އަލުން ގުޅިވަޑައިގަތެވެ. ނަމަވެސް ފަހުން އެނާ އަނެއްކާވެސް 2016 ވަނަ އަހަރު އެމްޑީޕީ އިން އަލްހާން ވަކިކުރި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދައިރާގެ މެމްބަރުކަން ވެސް ކުރެއްވި، އަލްހާން ވަނީ މިދިޔަ ރިޔާސީ އިންތިހާބު ހަފްތާއަކަށް ވެފައި ވަނިކޮށް ވެރިކަން ކުރާ ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ. ނަމަވެސް ރިޔާސީ އިންތިހާބަށް ފަހު މާ ގިނަ ދުވަހެއް ނުވެ އަލްހާން އެ ޕާޓީ އިން ވަކިވެވަޑައިގަތެވެ.

comment ކޮމެންޓް