އެތައް އިރެއްވީފަހުން ނިދި ލޮލަށް ސަވާރުވިއެވެ. ޖެހި ބާރު ގުގުރަކާއިއެކު ކުޑަކޮށް ހަޅޭއްލަވައިގަނެފާ ނުކުމެގެން ދުއްވައިގަނެވުނީ މިކާލް ހުރިތަނަކަށް ދާންވެގެންނެވެ. އެދޮރާއި އަރާ ހަމަވެފައި ކުއްލިއަކަށް ޒުވާން ފިރިހެނެއްގެ ހުނުމުގެ އަޑު އިވުމުން ފިޔަވަޅުތައް ހުއްޓުނެވެ. ކުޑަކޮށް ހުޅުވިފައިވާ ދޮރުން އެތެރެއަށް ބަލައިލަން އުޅެފައިވެސް އޭނަ އަނބުރާލައިފިއެވެ. އޭރު މޭގަނޑު ތެޅޭވަރުން ބޭރަށް ނުކުމެދާނެފަދައެވެ. ދެވަނަ ގުގުރީގެ އަޑާއިއެކު ފޮތިތަކަށް ތޫނު އައްޔެއް އެޅިގެން ދިޔައެވެ. ދުއްވައިގަންނަން ހަދައިގެން ތަނެއްގައި ޖެހި ބޮޑުވާ އިނގިލިން ތަންގަނޑެއް ކަފައިގެން ދިޔައެވެ. ފައި ދަމަމުންގޮސް އެކޮޓަރީގެ ދޮރުގައި ބާރަކަށް ޓަކިދިނުމުން ނުކުތީ މިކާލްއެވެ. އެކަމަކު އެތެރެއަށް ލޯ ހިންގައިލިއިރު ޒުވާނަކު ކައުޗްގައި ލެޕް ހިފައިގެން އިންތަން ފެނުނެވެ. ކަފަލޮލީ ކައުޗަށް އަރާ އެ ޒުވާނާ ކައިރީ ނިކަން އަރާމުވެފައޮތެވެ.

"ލެޓްސް ކޯލް އިޓް އެ ނައިޓް. މާދަން ފެންނާނެ ދޯ..." މިކާލް ދޮރުމައްޗަށް އަރާފައި އެ ޒުވާނާއަށް ބުނެފައި ދޮރު ލައްޕާލައިފިއެވެ. އޭނަ ނިދަން އޮންނަނީވެސް މިގޭގަ ހެއްޔެވެ؟

"ބިރުންތަ ދޫނި." މިކާލް ހަޔާތީ ގެނެސް މޭގައި ޖައްސައިލީ ހިމާޔަތްދޭ ފަދަގޮތަކަށެވެ.

"ބިރުގަތީ ގުގުރާތީއެއް ނޫން. މިކާ ރޫމުން ފިރިހެނަކު ހޭއަޑު އިވުނީމަ. ދުއްވައިގަންނަން ހަދައިގެން ބޮޑުވާ އިނގިލި ހަލާކުވެއްޖެ. ބޭސްކޮޅެއް އަޅާލަދީފައި ބެންޑޭޖްކޮށްދީ މިކާ......" ހަޔާތީ ކޮރާފައި ހިގަންފެށުމުން މިކާލް ބަލާކަށް ނުހުރެ އަތްދަނޑިމައްޗަށް ނެގިއެވެ. ހަޔާތީ ކަރުގައި އަތް އަޅުވާލައިގެން ހިނިތުންވެލައިގެން ބަލަން އޮތެވެ.

"ފަތެއް އަދި ބުދެއްވެސް މި ކުއްޖާއަށް ވުރެ ބަރުކަން އެނގޭތަ؟ ތަންކޮޅެއް ގިނައިން ކައިބަލަ މައި މެޗްސްޓިކް ގާލް...." މިކާލް ދިމާކޮށްލުމުން ހަޔާތީ ދެފައި ތަޅައިގަތެވެ.

"ހީ...ދެޓް ޕާސަން އިން ދަ ރޫމް އިޒް ގޭ ތަ؟ " ހަޔާތީއަށް އަހައިލެވުނީ ވިސްނާވެސް ނުލައެވެ. އޭނަ ކޮންމެ އެއްޗެއް ކިޔަސް މިކާލް ރުޅި ނާންނާނެއެވެ. މިކާލްއަށް ރުޅި އަންނާކަށް ނުވެސް އެނގޭނެއެވެ. އެއަށްވުރެ މިކާލް މާ ހެޔޮވާނެއެވެ. ލޯބިވާނެއެވެ. އެހެން ކޮޓަރިއެއްގައި ބައެއް ރޭ ނިދާއިރު މިފަދަ އެއްޗެއް ހިތަކަށް ނާރައެވެ. މިކާލް ފަދަ ޒުވާނެއް ކުށެއްކޮށްފާނެ ކަމަކަށްވެސް ހިޔެއްނުކުރެއެވެ. ހަޔާތީ ކައިރީ މިކާލް ވަރެއް ނެތެވެ. އަނެއްކޮޅުން މިކާލްވެސް އެދެމީހުންނާއި ދޭތެރޭ ކުރާ އުއްމީދު ބޮޑެވެ. ހަޔާތީއަކީ އޭނަގެ ދިރިއުޅުމެވެ. އޭނަގެ ލޯތްބެވެ. މިކާލްއަށް މަޖާވިއެވެ. ހީލީ ކުޑަކޮށެވެ. އެނދުގައި ބައިންދާފައި ފަސްޓްއެއިޑް ފޮށި ހުޅުވަންދެން އޭނަ އިނީ ހިމޭނުންނެވެ.

"ބޭބީވެސް ކިޔާ އެއްޗެހި. އޭނަ ހާ ރަގަޅު ކުއްޖެއް ނުވެސް އުޅޭނެ. އާދު އަކީ ގާތް އެކުވެރިއެއް. ވީ އާ ޑުއިން އެ ސިކްރެޓް ޕްރޮޖެކްޓް. ޔޫ ޝުޑުންޓް ނޯ އެބައުޓް ދިސް.. ނޮޓް ނައު. ފަހުން އެނގޭނެ. ފަހުން ބުނާނަން. ޕްލީޒް ބީ ޕޭޝަންޓް. އަހަންނަށް އެނގޭ ތީ ހިތްވަރުގަދަ ކުއްޖެއްކަން. އެހެންވެ އެންމެ ބޮޑަށް ލޯބިވަނީ. އެނގެއެއްނު ލޯބިވާވަރު........." މިކާލް ބުނެލި އެއްޗަކުން ހަޔާތީގެ ހިތަށް ކުޑަ އުފާވެރިކަމެއް ލިބުނެވެ. އެގޮތަށް ލޯބިވާ ވާހަކަ ބުނުމުން ސްޓްރެސް ފިލާ ހާ އުފާވެރިކަން ހިތަށް ލިބޭނެއެވެ. ލޯބިވާ މީހާގެ ދުލުން އެހެން ބުނިނަމައެވެ. ހަޔާތީ ކަތި ނަޒަރަކުން ބަލާލާފައި ހިނިތުންވެލީއެވެ. މިކާލްގެ ޖުމްލައިގެ ކުރީގެ ވާހަކަތަކުން ޝައުގުވެރިކަން އިތުރުވިއެވެ. އެކޮޓަރީގައި އެމީހުން ހިންގަމުންދާ ސިއްރު ޕްރޮޖެކްޓެއް ބަލައިލާހިތްވިއެވެ. މިކާލް ކިޔަވައިގެން ހުރީ ކޮން ދާއިރާއަކުން ކަމެއް މިވީހާތަނަށް ބުނެފައެއް ނުވެއެވެ. އައިޓީ ބާވައެވެ. އެމީހުން މީހުންގެ ކޮމްޕިއުޓަރތަކެއް ހެކްކުރަނީ ބާވައެވެ. ކިތަންމެ ވަރަށް ސިކުނޑި ގޭނިޔަސް މިކާލް ނުބުނަންޏާ ނޭގޭނެ ނޫންހެއްޔެވެ؟ މިހާރުވެސް އެބުނީ އަދި ހަޔާތީއަށް އެނގިގެން ނުވާނެކަމުގައެވެ. މިކާލްވެސް ކުޑަކޮށް ގޮތްދޫނުކުރާ ބަޔެއް ހުންނާނެއެވެ. ބުނިބަހުގައި ހިފަހައްޓާނެއެވެ. ނަމަވެސް ކޮންމެފަދަ މަސައްކަތެއް ކޮށްގެންވެސް ގެއަށް ވައްދާ ފައިސާތައް މަދެއް ނޫނެވެ. އޭނައަށްޓަކާ އޮންލައިން ސައިޓެއް ހުޅުވާލަދީފިއެވެ. ކުރަންވީ ކޮންހާ ޝަކުވާއެއް ހެއްޔެވެ. ރަގަޅުގޮތަކީ ލިބޭ އެއްޗަކަށް ފުދިގެން ހުރުމެވެ.

ދެމީހުން އެކީ ކޮޓަރިއަށް ވަންއިރު ނިދާބޮކީގެ ފަނޑު އަލިން ކޮޓަރި ފެންވެރިފައިވާތީ ހިތްގައިމު ގޮތެއް ހުއްޓެވެ. ހަޔާތީ އެނދަށް އަރާފައި މިކާލް ކައިރީ އަންނަން އެދުނެވެ. ހަޔާތީ އެދުނީ އޭނަގެ ބުރަކަށީގައި އެކި ލަފުޒުތައް ލިޔެދިނުމަށެވެ. މިކާލް ބުނީ އޭނަ ލިޔާ ނަން ދިމާވާ ކޮންމެ ފަހަރަކު ހަދިޔާއެއް ދޭނެ ކަމުގައެވެ. ހަޔާތީ ލައިގެން ހުރި ތުނި ތުނި ނިދާހެދުމުގެ މަތިން މިކާލްގެ އިނގިލި ޖައްސާލުމުން ކުޑަކޮށް ހީލިކަރުވާގޮތްވެ ހީބިހި ނެގިއެވެ. އެންމެ ފުރަތަމަ ލިޔުނު ލަފުޒަކީ "މައި މެޗްސްޓިކް ގާލް" އެވެ. އެ ލަފުޒު އެހާ ފަސޭހައިން ދިމާކުރުމުން ހައިރާންވެ ހަދިޔާއެއް ދޭނެކަމުގައި ބުނެފައި މިކާލް އެ ގޭމުގައި ކުރިއަށް ދިޔައެވެ. އެއީ ނިދަން އެނދަށް އަރާފައި ޅަ ލޯބިވެރިންނަށް މަޖާ ގޭމަކަށްވާނެކަން ޔަގީނެވެ. ޔަގީނުންވެސް މިކާލްއާއި ހަޔާތީއަށް އެކަންވީ މަޖާ އާ ތަޖުރިބާއަކަށެވެ. އަދި އެކަމުން ހަޔާތީއަށް ލިބޭ އަރާމަކުން ދެލޯ މަރައިލެވި ނިދި ލޮލަށް ސަވާރުވިއެވެ. ހަޔާތީ ފޮނި ނިންޖަކަށް ގެނބުމުން މިކާލް ބާލީސްތަކެއް ހިފައިގެން ގޮސް ސޯފާގައި ހަށިގަނޑު ދަމާލުމަށްފަހު ނިދަން މަސައްކަތްކުރިއެވެ.

އެދެމީހުންގެ ކައިވެންޏަށް މިހާ ދުވަސްވީއިރު ދެމީހުން އަދިވެސް ނިދަނީ ދެތާނގައެވެ. ދެމީހުންނަށްވެސް އިސްވެ ކުރިއަށް ފިޔަވަޅެއް އަޅަން ނުކެރެނީއެވެ. އެނޫނިއްޔާ ދެމީހުން އުޅެނީ އެހާ ލޯބިންނެވެ. ނަމަވެސް ދެލޯބިވެރިން ފަދައިންނެވެ. ދެމަފިރިންގެ ގާތް ގުޅުމަކަށްދާން މިކާލް ފަސްޖެހޭއިރު ހަޔާތީ އުޅެނީ ހަމަ ކުޑަކުއްޖެއްހެންނެވެ. އެހާ މައުސޫމެވެ. މިކާލް އާއިއެކު ލޯބިވެރިންހެން އުޅުނީމަ ހަޔާތީއަށް ފުދުނީއެވެ. އޭނަ ނިދެންދެން އިސްތަށިގަނޑާއި ކުޅެލާ ނޫނީ ފައި މަސާޖްކޮށްލަދިނަސް ހަޔާތީއަށް ހުރިހާ ލޯތްބެއްލިބި ހަމަވީއެވެ. މިރޭވެސް އާ ސަކަރާތެއް ޖެހީއެވެ. ކުޑަކުދިން ބޭނުންވާ ކަހަލަ އަމަލުތަކެވެ. ހަޔާތީގެ މައުސޫމްކަމުންނާއިއެކު މިކާލްގެ މިޒާޖުގެ ސަބަބުން އެންމެ ކައިރީގައިވާއިރު އަދިވެސް އެންމެ ދުރެވެ.

އިރުއެރިއިރު ތޫފާން ތަންކޮޅެއް މައިތިރިވެ ވާރޭ ހުއްޓާލައިފިއެވެ. ނަމަވެސް ވައިޖެހޭލެއް ބާރެވެ. ފިނި ފަތިހަކަށްވިޔަސް މިކާލް ނަމާދަށް މިސްކިތަށް ދަމުން ހަޔާތީއަށް ގޮވިއެވެ. ކަންނެތްކަމާއިއެކުގައިވެސް ހަޔާތީ ވުޟޫކޮށްލައިގެން ނަމާދުކޮށްލައިފިއެވެ. އަވަސް އަރުވައިގެން ނަމާދުކޮށްލި ގޮތަށް ފުންމައިގެން އެރީ އެނދަށެވެ. ފިނިގަދަކަމުން ރަޖާދަށުން ނިކުންނަ ހިތެއްނުވިއެވެ. އެލާމްކޮށްގެން އޮތުމުން އޮފީހަށްދާ ގަޑިއަށް އެލާމް އަޅައިލިއެވެ. އަވަސްވެގަތީ ހެދުނު ނާސްތާ ތައްޔާރުކޮށްލުމަށެވެ. ކަބަޑް ހުޅުވާލާފައި ނެގީ ޕޭންކޭކުހަދާ ފުޅިއެކެވެ. ފަސޭހައިން ތައްޔާރުކޮށްލެވޭނެކަހަލަ ޕޭންކޭކެވެ. ބިސްގަނޑަކާއި ސެންޑްވިޗްވެސް ތައްޔާރުކޮށްލައިފިއެވެ. މިކާލްއާއިއެކު ނޫނީ ހެނދުނު ސައި ނުބޮވޭނެއެވެ. ދެމީހުންވެސް ވެފައިވާ ވައުދެކެވެ. ހުރިހާ ގަޑިއެއްގައި ކާންޖެހޭނީ އެކީގައެވެ. މިކާލް އަށް ކޮފީއެއް ހަދާލަދީފައި ޕޭންކޭކަށް މޭޕްލް ސިރަޕް އަޅާލަދިނެވެ. އޭނަވެސް ސަޔާއިއެކު ރަގަޅަށް ނާސްތާ ކޮށްލިއެވެ.

"މިކާވެސް އަހަރެމެންނާއިއެކު މަސައްކަތް ކުރަންފަށަންވީނު. މިސްވެއޭ. އެއްތާކު އުޅެންޏާ އަބަދު ކުރިމަތީ ފެންނަން އިންނާނެނަމަ....... " ސައިކަލަށް އަރާފައި ހަޔާތީ އަހާލައިފިއެވެ.

"ހެހެ........" މިކާލް ހުނުމަކުން ފުއްދައިލީއެވެ.

މިކާލްގެ މިހިރަ ސިއްރުވެރިކަމެކެވެ. އޭނަ ގިނައިން ބަލާތީވެސް ލަދުން އުޅެއެވެ. މިކާލް ބުނާގޮތުން އޭނަ އެންމެ ރުޅި އަންނަ ސިފައަކީ މީހުން ނަޒަރެވެ. އެއްވެސް މީހަކު އެއްވެސް ސިފައެއްގައި އޭނަގެ މޫނަށް ބަލާކަށް އޭނަ ނޭދެއެވެ. އެއީވެސް މިކާލްގެ ތަފާތު ސިފައެކެވެ. އެހެން މީހުން އުފައުވަނީ ގިނަ މީހުން ބެލިވަރަކަށެވެ. ހަޔާތީ ބުނަނީ މިކާލް ރީތިކަމުން އެންމެންވެސް ބަލާނެކަމަށެވެ. އަދި އޭނައާއި އެހެން މީހުން އަޅުވާކިޔޭނެގޮތެއް ނެތްކަމުގައެވެ. މިކާލްއަކީ އޭނަގެއެވެ. އޭނަ ބޭނުންވަރަކަށް ބެލޭނެއެވެ.

"އައިޓީ ހަދާފައި ކޮމްޕިއުޓަރުން ސޮފްޓްވެއާ އެއް އުފައްދަނީތަ؟ " ހަޔާތީ ދެވަނަ ސުވާލުކުރިއެވެ. އެ ސުވާލުވެސް މިކާލްއަށް އިވުނުކަމަކަށް ނެހެދިއެވެ.

"މްމްމް. ބޭބީ އަދި އެ އެއްނޫނޭ. ކުރީ ދުވަހު ބުނީމެއްނު ރައިޓާއެއް ނުލިބިގެން އުޅޭ ވާހަކަ. އަހަރެންގެ ފްރެންޑެއްގެ ކޮއްކޮއެއް ވަރަށް ރީތިކޮށް ވާހަކަ ލިޔާކަމަށް އޭނަ ބުނި. ސާމްޕަލްއެއް ފޮނުވަން ބުނަންވީ ދޯ." މިކާލް ހީލާފައި ބުނެލިއެވެ.

"މިކާ ކުޅަދާނަ އިނގޭ. އެވޯޑެއްދޭ ވަރުވޭ. ވާހަކަ ބަދަލުކުރަން ތިވަރެއްނެތް. އެކަމަކު މިކާ ކައިރިން އަހަރެންވެސް އެބަކިޔަވަން......." ހަޔާތީ ހީލިއެވެ. ހަޔާތީ އެ ކުއްޖާއާއި ބެހޭގޮތުން ސުވާލުކުރިއެވެ. ވަރަށް އަވަހަށް ލިޔުންތެރިއެއް ބޭނުންވާކަމަށާއި އެކުއްޖާގެ ސީވީއެއް މެއިލްކޮށްލަދޭން އެދުނެވެ.

"މި އާދެވުނީ ބޭބީގެ އޮފީހަށް. މެންދުރަށް އަންނާނަން ބަލާ......" ސައިކަލް މަޑުކޮށްލަމުން މިކާލް ބުނެލިއެވެ.

"އެއްކަލަ ރެސްޓޯރެންޓުން ތަންދޫރީ ޗިކަންއާއި ނާން ގެންނާނީ. ސޯ މެންދުރަށް ނުކައްކާ ހަމަޖެހޭނެއްނު..............................." މިކާލްގެ އެ ޖުމްލައިން ހަޔާތީއަށް ހިނިތުންވެވުނެވެ. އެނބުނި ރެސްޓޯރެންޓްގައި ހުންނަ ކުކުޅު ކުޅިކަމާއި މީރުކަމުން ދަހިވާވަރުވެއެވެ. ބައެއްދުވަހު މެންދުރު ގެއަށް ގޮސް ކައްކަން އުދަގޫވާތީ މިކާލް ހަޔާތީ ބޭނުންތާކުން ކާއެއްޗެހި އޯޑަރުކޮށްގެން ކެއުން ގެނުވައެވެ. ކުކުޅު ކަހަލަ އެއްޗެހި މީރުކޮށް ހަދާކަށް އޭނައަކަށް ނޭގެއެވެ. ކައްކަން ދަސްވިނަމައޭ ހަޔާތީ ހިތަށް އެރިފަހަރު މަދެއްނޫނެވެ. ރެސިޕީތައް ބަލައިގެން ކައްކަން އުޅުނަސް ވަގުތު އޮންނަނީ ނުވެފައެވެ.

އެޗްއެމް އޮފީސް އިމާރާތް ހުންނަނީ އެ އިމާރާތުގެ ފަސްވަނަ ބައިގައެވެ. އަލަށް ހުޅުވުވިތަނެއްކަމުން އަދި ކާމިޔާބުގެ އެންމެ އުހާއި ހަމަޔަށް ފޯރަން ދުވަސް ނަގާނެއެވެ. ފައިސާތައް ލިބޭނެ ގޮތެއް ހޯދަން ފުރަތަމަ އެބަޖެހެއެވެ. ސްޕޮންސަރުކުރާނެ ފަރާތެއް ވެސް ވާނެކަމުގެ ޔަގީންކަން މިކާލް ދެއެވެ. އިސްތިހާރުތަކާއި ސްޕޮންސަރުކުރާނެ ފަރާތްތައް ވެއްޖެއްޔާ ދާދި ފަސޭހައިން ކުރިއަރައިގެން ހިނގައިދާނެއެވެ. އަދި އެގޮތަށް ފައިސާ ލިބޭނެ ވަސީލަތެއް ނެތެވެ. މުވައްޒަފުންނަށް މުސާރަދެނީ މިކާލްގެ ޖީބުންނެވެ. އެކަމާއި ހަޔާތީ ވިސްނިޔަސް އެކަމެއް އޭނަގެ މޫނުމަތިން ދައްކާނުލައެވެ. އަބަދާއަބަދު ހީހީ އުފާވެރިކޮށް އުޅޭ އަންހެންކުއްޖެކެވެ. ނަމަވެސް މިކާލް ހަޔާތީއާއި ދިމާއިދިކޮޅެވެ. އެހެންމީހުންނާއި ގުޅޭގޮތެއް ނުހުންނަތާ ލަދުރަކިކަމުގެ މިސާލު ޖަހަންޏާ އެއީ މިކާލްއެވެ. ހަޔާތީގެ އެކުވެރިން ވާހަކަދައްކަން މަސައްކަތްކުރިޔަސް ހުނުމަކުން ފުއްދައިލާނީއެވެ. ވަކި ބަޔަކާ ނޫނީ މިކާލްއަށް އަނގައިން ނުބުނެވޭނެއެވެ.

އޮފީހަށް ވަދެ ސަލާމް ގޮވާލުމާއެކު އެންމެ ކުރިން އޭނަގެ އެކުވެރިޔާ ސަޖަލް ގޮވާލައިފިއެވެ. އަތުން އިޝާރާތްކުރީ ކައިރިއަށް އައުމަށެވެ. އޭނަ އިނީ ކޮމްޕިއުޓަރ ހުޅުވާލައިގެން މަސައްކަތެއްގައެވެ. ސަޖަލް ދެއްކީ ޒުވާނެއްގެ ފޮޓޯއެކެވެ.

"ބޮން ގޮއްވައިގެން ފުލުހުން މީނަ ހައްޔަރުކޮށްފި. އަހުމަދު އާއިދު އޯ ކިޔަނީ...."

އެޒުވާނާގެ މޫނު ފެނުމާއިއެކު ހަޔާތީއަށް އަޑެއް ލައްވައިލެވުނެވެ. ހިތް ރޭހެއް ޖެހިއެވެ. ކިތަންމެ ވަރަކަށް ސިހުން ލިބުނުނަމަވެސް އެކަން ސިއްރުކުރަން ހަޔާތީ މަސައްކަތްކުރިއެވެ. އާއިދު އޭނައަށް ފެނުނީ ކުރީރޭ ދަންވަރު މިކާލް ކޮޓަރިންނެވެ. މިކާލްގެ އެންމެ ގާތް އެކުވެރިއެކެވެ. ޓެރަރިސްޓުންކަމަށް ހަޔާތީ ދެކޭ މީހުންނާއި ދެކޮޅަށް ވާހަކަދެއްކުމުން މިކާލް ހިތްހަމަނުޖެހުމުގެ ސިއްރަކީ އެއީއެވެ. މިކާލްގެ އެކުވެރި އާއިދު ވަނީ ޕާކުގައި އެއްޗެއް ގޮއްވާލާފައެވެ. އާއިދުގެ ބުޅި އިސްތަށިގަނޑާއި ވަރުގަދަ ބުމައިގެ ސަބަބުން ވަގުތުން ފާހަގަކުރެވޭނެފަދަ މޫނެކެވެ. ޓެރަރިސްޓަކާއި އޭނަގެ މިކާލް އެކުވެރިކަން ބާއްވަންވެއްޖެއްޔާ ފުލުހުން މިކާލްއާއިމެދު ޝައްކުގެ ލޮލަކުން ދެކެން ފަށާނެއެވެ. ހައްޔަރުކުރާކަށްވެސް ފަހަތަކަށް ނުޖެހޭނެއެވެ. މިކާލްގެ ސަލާމަތަށްޓަކާ ކުރެވެން އޮތްހާ ކަމެއް އޭނަ ކުރާނެއެވެ.

މިކާލް ހަޔާތީ ބަލާ އައިސްފަ ބުނީ ސައިކަލަށް ކަމެއް ދިމާވެގެން ގަރާޖަށް ލާފައި އައީކަމުގައެވެ. އެހެންވެ ކުކުޅު ގަންނާކަށް ނުދެވުނެވެ. ހަޔާތީ މިކާލްގެ އަތުގައި ހިފަން އަތް ކައިރިކޮށްލުމުން އާއްމުކޮށް ހަދާހެން އަތްދުރުކޮށްލަން އުޅުނެވެ. ދެން ހީލާފައި އަތުގައި ހިފަހައްޓަމުން އިނގިލިތައް މަހާލައިފިއެވެ. ފިނިވެފައި އެ އަތްތިލައިގެ ބީހިލުން އަރާމެވެ. އެކަނި އެ އިހުސާސެއް ނޫނެވެ. ރައްކާތެރިކަންވެސް ލިބެއެވެ. ފައި ފުރޮޅާލިޔަސް ހިމާޔަތް ދޭން މިކާލް މިހިރީ އެންމެ ކައިރީގައެވެ.

"މިއަދު ރެސްޓޯރެންޓަކަށް ގޮސް ކާލައިގެން ގެއަށް ދަމާ.." މިކާލް ޚިޔާލެއް ދިނެވެ.

މޫދުގައި ހަދާފައި ހުރި ރެސްޓޯރެންޓެއްގެ މަތީބައިގާ ކަނޑުފެންނަ ހިސާބުގައި ދެމީހުން އިށީނެވެ. އޯޑަރުކުރަން ދާން ޖެހުމުން މިކާލްއަށް އެކަން ނުވާނެކަން އެނގި ހަޔާތީ ހިނި އައެވެ. ދުވަހަކު ބިލް ކޮބާހެއްޔޭވެސް އަހާ ނުލާނެއެވެ. އެކަހަލަ ކަންތައްތަކުގައި ފިރިހެނެއްގެ ރޯލުވެސް ކުޅެނީ ހަޔާތީއެވެ. މިކާލް އަންހެންކުއްޖެކޭ ތަފާތެއްނެތެވެ. ނަސީބަކުން ރަނޑު ސިފައެއް މޫނުމަތިން ނުފެނެއެވެ. އޯޑަރުކޮށްލާފައި ކާއެއްޗެއްސަށް އިންތިޒާރުކުރިއިރު ހަޔާތީ މިކާލްގެ އަތްމަތީ އަތްބޭއްވިއެވެ. މީހުން އެތާ މަދުކަމުން ނަސީބަކުން އަތް ދުރުކޮށެއް ނުލިއެވެ.

"މިކާއަށް އެނގޭތަ؟ އާދު؟ "

"ކީއްވެ ނޭނގެންވީ. ބޭބީ ބުނަން ތިއުޅޭ އެއްޗެއް އެނގިއްޖެ. އެ މޮޔަ ފުލުހުން އާދު އެރެސްޓްކުރީ އޭނަގެ އެއްވެސް ކުށެއްނެތި. ހީ ޑިޑްންޓް ޑޫ އިޓް. އާދު ބޮން ގޮއްވި ގަޑީގައި އެހެން ލާފައި ދިޔުމުން ކެމެރާއަށް އަރާފަޔޯ ހުރީ. ކޮންމެ މީހަކުވެސް އެހެން ގޮސްދާނެ ހަމަ. މަވެސް ހިނގައިދާނަން ދޯ އެހެން ލާފައި އެކަމަކު އޭގެ މާނައަކީ އަހަރެންނެއް ނޫން ދޯ ބޮން ގޮއްވައިލީ. އާދު ނުކުރާ ކުށެއްގައި ހައްޔަރުކުރީމަ އަދި އެމީހުން ރިގްރެޓްކުރާނީ. ނެހެދޭނެ އެއްވެސް އެއްޗެއް... މާ ފޮނި ބޮޑުވެގެން އުޅެނީ. އަހަރެމެން ރިވެންޖް ނަގަން ވެއްޖެއްޔާ ރީއްޗެއްވެސް ނުވާނެ ދޯ......." މިކާލް މިވަރަށް ހަރުކަށިކޮށް ބަޔަކާ ބެހޭގޮތުން ވާހަކަދެއްކި ފުރަތަމަ ފަހަރެވެ. އެކުވެރިންނަށްޓަކާ މިކާލް ކޮންމެފަދަ ގުރުބާނީއެއްވެސް ވެދާނެއެވެ.

"ހޫމް އާދުގެ ފޮޓޯ ފެންނައިރަށް އެނގިއްޖެ. އެރޭ އޮފީސްބައިން އޭނަ ފެނުނީ...."

"އޭނަ ދާދި އަވަހަށް މިނިވަންވާނެ. އެމީހުންނަކަށް އެގޮތަށް ކުށެއްނެތް މީހުން ހައްޔަރުކޮށްގެނެއް ނޫޅެވޭނެ. ޒާތީވެ ޖައްސާލާފައި އެތިބީ. އެރެސްޓްކޮށް ހިފަހައްޓަންޖެހެނީކީ އާދުމެންނެއްނޫން. އެއަށްވުރެ ބޮޑެތި ކުށްވެރިން ދޫކޮށްލައިގެން މަގުތައްމަތީ ހަމަނުޖެހުން ހިންގުވަން. ސީރިޔަސްލީ މިކަން ހުއްޓެން އެބަޖެހޭ. ސަރުކާރުވެސް ދެން މާ ދޯހަޅީ. އެހެން އުޅެންޏާ ވައްޓާލަން ޖެހިދާނެ. ވީ އާ ވޮޗިން ކްލޯޒްލީ.........." މިކާލްގެ ފަހު ޖުމްލައިގާ ވީ އިންޒާރުގެ ރާގުން އޭނަގެ އަތުން ހީބިހި ހަލުވައިލިއެވެ. މިކާލްގެ ތުންފަތްމަތީ އަބަދު ހުންނަ ފަނޑު ހިނިތުންވުމުގެ އަސަރެއް މިއަދަކު ނެތެވެ. އަބަދުވެސް އަލި މޫނެއްގެ ވެރިއެކެވެ. ރުޅިގަދަވިޔަސް ދެލޮލުން އެކަމެއް ނުދައްކައެވެ. ހަމައެކަނި އެގެނީ އަޑުންނެވެ. ނަމަވެސް މިއަދު ހާދަ ރުޅިގަދަވެފައެވެ. ސަރުކާރަށްވެސް ފާޑުކިޔައިފިއެވެ.

ހަޔާތީ ތާއީދުކުރަނީ މިހާރު އޮތް ސަރުކާރަށެވެ. ރައީސްވެސް ހިތް ހެވެވެ. ހިނިތުންވެލާއިރު އެހާ ހިތްހެޔޮގޮތެއް ހުރެއެވެ. ވަރުގަދަ ޝަޚުސިއްޔަތެކެވެ. ދެން ހުރީ ފަސްޓްލޭޑީއެވެ. ފަސްޓްލޭޑީގެ އުޅުމާއި ހެދުންއަޅާފައި ހުންނަގޮތް އޭނައަށް ކަމުދެއެވެ. ޝާހީ ގޮތެއްހުރެއެވެ. އިނގިރޭސި ޝާހީ އާއިލާމީހުން ހެދުން އަޅާއުޅޭގޮތާއި މާ ބޮޑު ތަފާތެއްނެތެވެ. އެގޮތަށް ބޯ ފޮތިން ފަހާފައި ހުންނަ ކުރު ހެދުން އަޅާފައި އިސްތަށިގަނޑުވެސް އެގޮތަށް ހަދާފައި އޮތުމުން އޭނަ ލޭޑީ ޑައާނާމެން ކޮޕީކުރަނީއޭވެސް ކިޔައެވެ. އިދިކޮޅު މީހުން އެކަމާ ހަޖޫ ޖަހައެވެ. ދީނާއި ގުޅުވައިގެންނެވެ. ކޮންމެގޮތެއްވިޔަސް އޭނައަށް ތާއީދުކުރެވެން އޮތީ މިހާރުގެ ސަރުކާރަށެވެ. އިދިކޮޅު ޕާޓީގައި އަމްރާން އަބަދުލްއަޒީޒު ހުރިހާ ހިނދެއްގައި އޭނަ ފަހަރެއްގައިވެސް އިދިކޮޅަކާ ނުގުޅޭނެއެވެ. އެމީހުންގެ ސިޔާސަތު މާ ބޮޑަށް ކަޑައީއެވެ. އަމްރާންގެ ހުންނަ ބޮޑާކަމާއި ކިބުރުވެރިކަމުން ވެރިކަން ލިބިއްޖެއްޔާ ކިބުރުވެރިކަން އެތައް ދަރަޖައަކަށް އިތުރުވާނެއެވެ. ނޭގިނަމަވެސް ދުޢާވެސް ކުރެވެނީ އަމްރާންއަށް ވެރިކަމާއި ކައިރިއަށް ނާދެވުމަށެވެ. މިކާލްގެ ފިކުރު ހުންނަގޮތެއް މިހުރިހާ ދުވަހު ހަޔާތީއަށް އޮތީ ނޭނގިފައެވެ. މިހާރު ސަރުކާރުދެކެ ހިތްހަމަނުޖެހޭ ވާހަކަ ބުނުމުން ހިތް ގެނބުނުފަދަގޮތެއް ވިއެވެ. ތިމާގެ ފިރިމީހާގެ ނޫހެއްގައި ސަރުކާރާ އެއްކޮޅަށް ލިޔާއިރު މިކާލް ހިތްހަމަޖެހޭނެހެއްޔެވެ؟

"މިކާ ޔޫ ނީޑް ޓު ކާމް ޑައުން.. ރިލެކްސް ތީ ރުޅި އަންނަން އެނގޭ ކުއްޖެއްނޫން. އެހެން ފިރިހެނުންނާ ތަފާތު. ވަރަށް ތަފާތު. އިފް ހީޒް އިނޮސެންޓް ދޭ ވިލް ރިލީޒް ހިމް ސޫން. އަހަރެންގެ މިކާ ދެރަވާނެކަމެއް ނުވާނެ އިރާދަކުރެއްވިއްޔާ....މިކާ ނައު ސްމައިލް. ސްމައިލެއް ނެތިއްޔާ މިކާއަކާއި ނުގުޅޭ......... " ހަޔާތީ މިކާލްގެ ދެކޮލުގައި ހިފާލާފައި ދަމައިލިއެވެ. މިކާލް ހަޔާތީގެ އަތް ނަގާފައި މޭޒުމަތީ ބޭއްވިއެވެ. އެ ނުރުހިގެންނެވެ. ނަމަވެސް މިކާލް އެކަމެއް ނުދައްކައެވެ. ހަމަ އެ ޝުއޫރެވެ. ޕަބްލިކްގައި އެހެން އުޅުމުން މިކާލް ލަދުގަންނަކަން އޭނަގެ ހަރަކާތްތަކުން ދެނެގަނެވުނެވެ. މިކާލް ނަފްސާނީ ޑޮކްޓަރަކަށް ދައްކަން އެބަޖެހެއެވެ. ހުރިހާ އަންހެނުންތަކުގެ ތެރޭ އުޅެ ބޮޑުވީމަ ލަދުގަންނަނީހެއްޔެވެ؟

ދުވަސް ކޮޅެއް ފަހުން މިކާލްމެންނަށް އެމީހުންގެ ގެއަށް ބަދަލުވާން ތަޅުދަނޑިތައް ލިބުނެވެ. އަމިއްލަ ގެއެއް ލިބުނީއެވެ. މާލެއިން ގެއެއް ހުރުމަކީ ނަސީބެއްކަމަށް ނުދެކެ ދިވެއްސެއް ނުވާނެއެވެ. މިކާލްގެ ބައްޕައަށް ލިބިފައިވާ އެބިމުގެ ސަބަބުން ހުރިހާ ކުދިންނަށް އެވަނީ އަރާމުކޮށް މާލޭގައި އުޅެވޭނެ ފުރުސަތު ލިބުނީއެވެ. އެކަމާއި ހަޔާތީ ވެސް ހުރީ އިންތިހާއަށް އުފާވެފައެވެ. އަމިއްލަ ގެއޭ ކިޔާނެ ތަނެއް ލިބުމުން އެގެއަށް ވަނުމާއިއެކު އަމިއްލަ ވަންތަން އިހުސާސްކުރެވުނެވެ. އެދުވަސްކޮޅު ގެއަށް ފަރުނީޗަރު ވެއްދުމާއި އެމީހުންގެ ސާމާނު ވެއްދުމުގައި ނިކަން ބުރަ ދުވަސްކޮޅެކެވެ. މިކާލްގެ އެކުވެރިންގެ ތެރެއިން އާއިދުވެސް މިކާލްއާއިއެކު މަސައްކަތްތަކުގައި އުޅޭތަން ފެނުމުން އޭނަގެ ކުށެއްނެތްކަން އެނގިގެން ދޫކޮށްލީކަން އެނގުނެވެ. ހަޔާތީ ހިތްހަމަޖެހުނެވެ. މިކާލްއައިއެކު ބެޑްރޫމް ސެޓް ބަލައިލަން ހަޔާތީ ގޮސްފައި ޚިޔާރުކުރީ ވައިލެޓްނޫ އަދި ހުދު އެކުލެވޭ އެއްޗިއްސެވެ. ކުޑައިރުއްސުރެ އެކުލަ އޭނައަށް މާ ރީތީއެވެ. ހަޔާތީއަށް ކަމުދާ ކުލައަކަށްވުމުން މިކާލްވެސް އެކަމާއެއްޗެކޭ ނުބުނެ ގަތެވެ. ހުރިހާ ސާމާނުތައް އެއްކޮށް ގެއަށް ވެއްދުމަށްފަހު އެމީހުން ގެއަށް އައި ރޭ ފާހަގަކުރަންވެގެން ހަޔާތީ އައިސިން ކޭކެއް އެޅިއެވެ.

މިކާލްގެ ފްލޯގައި ދެ އެޕާޓްމެންޓެވެ. ކޮންމެ އެޕާޓްމެންޓެއްގައި ތިން ކޮޓަރިއެވެ. ކޮޓަރިތައް ބޮޑުވެފައި ހިތްފަސޭހައެވެ. ބެލްކަންޏާއިއެކު ޓެރެސްވެސް ފުޅާވެފައި ޕާޓީތައް ބާއްވަން އެންމެ އެކަށީގެންވާ ތަނަވަސް ތަނެކެވެ. ހަޔާތީ ޓެރެސް ކުޑަގޮތަކަށް ތައްޔާރުކޮށްލިއެވެ. އުއްބައްތިތަކާއި ފިނިފެންމާތަކުން ފަޅުފިލުވައިލުމުން އިޝްގީ މާހައުލެއްގެ ގޮތުގައި ފެނުނެވެ. ދެމީހުންނަށް ޑިނާ ތައްޔާރުކުރުވީ މީރުކޮށް ކައްކަން އެނގޭ ސަޖަލް ލައްވައެވެ. ސަޖަލް ހުންނަނީ އާއިދު ފެނުމުން ހިތްކިޔާ މޮޔަވާވަރުވެފައެވެ. އެހާ ރީތި ފިރިހެނަކު ނުދެކޭކަމުގައިވެސް ބުންޏެވެ. އެދުވަސްކޮޅު ހުރިހާ ނޫހެއްގައިހެން އާއިދުގެ ތަފާތު ފޮޓޯތައް ޖަހާފައިވާއިރު ހުރިހާ ފޮޓޯއެއް އޭނަ ކޮމްޕްގައި ރައްކާކުރިއެވެ. ފޮޓޯއަކަށް ބަލަހައްޓައިގެން ހުވަފެނަކަށް ގެއްލިފައި އިންނަ ކުއްޖެއްހެން އިނދެދާނެއެވެ. އެންމެ މަޖަލީ ސަޖަލް ދުނިޔެ ހުންނަމީހެއްކަން އާއިދުއަށް ނޭގޭކަމެވެ. އެހެނޭ ކިޔާފައި ހަޔާތީ ޖޯކުޖަހައެވެ. ސަޖަލް ތައްޔާރުކޮށްދިން ފިހެފައިވާ ކުކުޅާއި ބިރިޔާނި ސެލެޑް އަދި ފޮނި ކާއެއްޗެހިން ކުޑަ މޭޒު ފަޅުފިލުވައިލުމަށްފަހު އޭނަ މިކާލްގެ އިންތިޒާރުގައި އިނެވެ. މިކާލްއަށްޓަކާ އޭނަ އެރޭ ފުރިހަމައަށް މޭކަޕްކުރިއެވެ. ރަތްކުލައިގެ މިޑީ ހެދުމެއްލާފައި ތައްޔާރުވެލިއެވެ. އިސްތަށިގަނޑު އޮތީ ރީތި ސްޓައިލަކަށް ހަދާފައެވެ. އޭނަ އެދުނީ ފެންވަރާލައިގެން މިކާލް ޓެރެސްއަށް އައުމަށެވެ.

ޓެރެސް އަނދިރީގެ ތެރެއަށް ގެނބިފައި އޮތުމުން ތަރިތައް ފާޅުވާން ހުރިއިރު ކާއިނާތުވެސް އެމީހުންގެ އުފަލާއި ބައިވެރިވާފަދައެވެ. ފަލަކުގައި ހަނދު ހިނިތުންވެލައިގެން އިންއިރު ދަރުބާރުގައި ތަރިތައް ފިޔަޖަހާ މަންޒަރު ބަލާބަލާ ފޫއްސެއްނުވާނެއެވެ. ހަޔާތީ ގެއްލިފާ އިންދާ މިކާލް ސިޑިން އަރައިގެން އައެވެ. ކަޅުކުލައިގެ ގަމީހަކާއި ނޫ ޖިންސެއްގައި އޭނަގެ ހިޔަނިފެންނަލެއްވެސް ސްމާޓެވެ.

"ބޭބީ އިޒް ދެޓް ޔޫ....." މިކާލް ގޮވައިލިއެވެ.

"ނޫން ސަންތި މަރިޔަބު. ރަތް ހެދުމެއްގައި އިނީމަ މިކާއަށް ހަމަހީވީ އަރާ ކާލަފާނެހެން ދޯ......." ހަޔަތީ ތެދުވެގެން އައިސް މިކާލް އަތުގައި ހިފައިލިއެވެ.

"ހާދަ އަނދިރިކޮށްލައިގެން...." މިކާލް ހަޔާތީގެ ދެއަތްތިލަ ގެނެސް ތުންފަތުގައި ޖައްސާލިއެވެ. ލުއިކޮށް ބޮސްދިނެވެ. އަނދިރީގެ ތެރެއިންވެސް އެކަޅި ރަވައިގެ ރީތިކަމުން ހަޔާތީގެ ހިތް ތައުރީފުކުރިއެވެ.

"ކިހާ ރޮމެންޓިކް....." ހަޔާތީ މިކާލްގެ ގައިގާ ބައްދައިލިއެވެ. އަރުމާނީގެ މީރުވަސް ހަޔާތީގެ ނޭފަތުގައި ހަރުލުމުން އެތެރެއަށް ނޭފަތް ދަމާލެވިއްޖެއެވެ. ހަޔާތީ މިކާލްގެ އަތުގައި ހިފައިގެންގޮސް މޭޒުދޮށުގައި ބޭންދިއެވެ. އުއްބައްތިތައް ދިއްލައިލުމުން އޮރެންޖް އަލި މޫނަށް އެޅުމުން ދެމީހުންވެސް އަޖައިބުވާހާ ފުރިހަމައެވެ. މިކާލް ހަޔާތީގެ މޫނުގައި އަތް ބީއްސައިލިއެވެ. ޝުކުރު އަދާކުރިއެވެ. ކެއުމަށްފަހު ކޭކު ފަޅާފައި މިކާލްގެ މޫނުގައި ކޭކު އުނގުޅުމުން މިކާލްވެސް ހަޔަތީގެ އޮރެންޖް އަލިން ދިއްލިފައިވާ އޮމާން މޫނުގައި އައިސިންކޮޅެއް އުނގުޅައިލިއެވެ. އެ ސަކަރާތް ބަލަން ހުރެފައި ކޮންމެވެސް މީހަކު ކައިރިވެލިއެވެ. އެއީ މިކާލްގެ މަންމައެވެ.

"ކޮންކަމެއްތަ؟ "

"ސެލްބްރޭޓިން އޭ މަންމާ. ގެއަށް ބަދަލުވީމަ އެހެންވެ.."ޖަވާބުދިނީ ހަޔާތީއެވެ.

"ޓެރެސްގައި ހަޔާތީ ތިހާކުރު ހެދުމެއްލާފައި އުޅޭކަށް ނުވާނެ. ވަށައިގެން އުސް އިމާރާތްތައް ހުންނައިރު ކޮންމެމީހެއްގެ ލޮލުގައި އަޅައިގެންފާނެ. ތީ ރަގަޅުގޮތެއްނޫން. މީ ކޮޓަރިއެއް ނޫން ދޯ ހަޔާތީ. މަންމަ ހިތްހަމަނުޖެހޭ މިތާ ޕާޓީ ކުރުން. އަވަހަށް އެތެރެއަށް ވަދޭ............" މުފުތިހާ ނުރުހިފައި ހުރެ ދެއްކި ވާހަކަތަކުން ހަޔާތީ ގެ ސިކުނޑިއަށް ބާރުކޮށްލިއެވެ. މަންމަމެންގެ ގަވާއިދުތައް ދެން އޭނަގެ މައްޗަށް ފޯރާވަރު ބޮޑުވާނެކަން އެނގުނީއެވެ. ވަކި ފްލޯތަކެއްގައި އުޅުނަސް މުފުތިހާގެ ނުފޫޒް ފޯރާނެއެވެ. މިކާލް މަންމަ ބުނާހާގޮތަށް ހަދާނެއެވެ. މަންމަ ކޮންމެ އެއްޗެކޭ ބުންޏަސް އޭނަގެ ދިފާއުގައި ބަހެއް ނުބުނާނެއެވެ. ލަދުވެސް ގަތެވެ. ރަތް ކުލައިގެ ހެދުމުގެ ހިޔަނި މޫނަށް އެޅުނުފަދައެވެ. މުފުތިހާ ސިޑިން ފައިބައިގެން ދިޔަތަން ދެކެފާ ހަޔާތީ ތެދުވެ ދެފައި ތަޅައިގަތެވެ. މިކާލްއާއި ޝަކުވާކުރިއެވެ.

"މިކާ ކީއްވެ ރިޕްލައި ނުކުރީ؟ މިތަން ކިހާ އަނދިރި. އެހެންނޫނަސް އަހަރެމެންގޭގައި އަހަރެމެންނަށް މިނިވަންކަން އޮންނާނެ. މީހުންނެއް އެހާވަރުން އެހެން ގޭގައި އުޅޭ މީހުން ކުރާހާކަމެއް ބަލާނެތަ؟ މިގޭގެ އަނެއްކޮޅުގައި މިއޮތީ ޕާކެއް. އަނެއްފަރާތުގައިވެސް އޮފިއެލޭ ގަސްތައް ހުރީމަ ނިވާވެފައި މިހިސާބު އޮތީ. ޕްލީޒް ޓެލް މަންމާ. މިކާލް ބުނެބަލަ މިކާލްއަށް ފެންނަގޮތަށޭ އުޅޭނީ. މިކަހަލަ އަމިއްލަ ކަންތައްތަކާ ބެހުނީމަ ކިހާ އުދަގޫވާނެ. މަންމަ ހަމަ ކިޔަނީ ކަޅު ހެދުންލާށޭ. މިކާ ބުނެބަލަ. ކީއްކުރަން ކަޅު ހެދުން ލާންވީ؟ ކިހާ ދޫކޮށް ހެދުންތައް ހުންނަނީ. ތަންކޮޅެއް ސްޓައިލިޝްކަމަށް ގަބޫލުކުރަން އެކަމަކު ބުޑު ނިވާވާގޮތަށް ހެދުން އަޅަނީ. މިކާލްވެސް ނެތެއްނު ތުނބުޅި ޖަހާފައެއްވެސް..............." ހަޔާތީ ޝަކުވާފަތްޗެއް އަމުނައިލިއެވެ.

"އެކަމާ އަޅާނުލާ. މަންމަގެ މިޒާޖު. މަންމަ ދީނީ ވީމަ އެހެންވެސް ވާނެ ދޯ. ހިނގާ އެތެރެއަށް....." މިކާލް ހަޔާތީ އަތުގައި ހިފާލުމުން ހަޔާތީ ތުންފަތުގައި ދަތްއަޅައިލިއެވެ. ހިތަށް ބާރުކުރިޔަސް ލޮލުން އެންމެ ކަރުނަތިއްކެއްވެސް އޭނަ ވައްޓައެއްނުލާނެއެވެ. މައިދައިތަމެންނާއިއެކު ދިރިއުޅުން ފަސޭހަ ނުވާނެކަން ހަޔާތީއަށް ކޮންމެވެސް ވަރަކަށް އެނގެއެވެ. ހިންދީ ޑްރާމާތަކުން އެގޮތް ކިތަންމެހާވެސް ރަގަޅަށް ފެންނައިރު ކުރިން އުޅުނު އޮފީސްކުދިންވެސް އެކަހަލަ ވާހަކަތަކެއް ދައްކައެވެ. އޭނަ ހީކުރީ މިކާލްގެ މަންމަ ތަފާތުވާނެކަމުގައެވެ. ނަމަވެސް މަންމަ މަޑުމަޑުންގޮސް ނުފޫޒު ފަތުރަން ފަށައިފިއެވެ. އެކަމުން އޭނަގެ އުފާވެރިކަމަށް ގައިމު ހިޔަނި އެޅެންފަށައިފިއެވެ. އުފަލަކީ މިކާލް އޭނައަށް ހެދުން ބަދަލުކުރަން ނޫނީ އެހެން ކަމެއްކުރަން ބާރު ނާޅާކަމެވެ. ނަމަވެސް މިކާލްގެ މަންމަ ތަސްބީހައެއްހެން ކިޔަން ވެއްޖެއްޔާ އުދަގޫވެސް ވާނެ ނޫންހެއްޔެވެ؟

އެރޭ މުފުތިހާ މިކާލް އޭނަގެ ބަޔަށް ގެންގޮސްގެން ދެއްކީ މުޅިންވެސް ހަޔާތީގެ ވާހަކައެވެ. ކޮންމެ ގޮތެއް ހަދާފައިވެސް ހަޔާތީގެ ހެދުމުގެ ވައްޓަފާޅި ބަދަލުކުރުވުމަށާއި ދީނީ ކުއްޖަކަށް ހަދަން އަމުރުކުރިއެވެ. ނުބައި އަންބަކާއިއެކު އުޅެއްޖެއްޔާ ލިބޭ ދަރިން ސާލިހުވާނެ ގޮތެއް ނެތްކަމުގައި މަންމަ ބުނެލިއެވެ. މިކާލް ހުރިހާ ވާހަކަތަކެއް އަހަން އިނީ ކިޔަމަންތެރިކަމާއެކުގައެވެ. ހަޔާތީއަށް ވިސްނާދޭނެކަމަށާއި ރަގަޅުކުއްޖަކަށްވާނެ ކަމުގެ ޔަގީންކަން މިކާލް ދިނެވެ.

ހުކުރު ދުވަސްކަމުން ހަޔާތީއަށް ހޭލެވުނީ ތަންކޮޅެއް ލަހުންނެވެ. އޭނަ ނާސްތާ ތައްޔާކުރަން އުޅުނުއިރު މިކާލް އިނީ ލެޕް ހުޅުވާލައިގެން ކޮންމެވެސް މަސައްކަތެއްގައެވެ. ހަޔާތީ މިކާލްއަށް ކޮފީތަށްޓެއް ގެނެސް ކައިރީގައި ބަހައްޓާފައި ކުރަނީ ކޮންކަމެއްތޯ ބަލައިލަން ކައިރިވެލުމުން އަވަހަށް ލެޕް ލައްޕާލާފައި ހަޔާތީ ގެނެސް މޭގައި ޖައްސާ ބާރުކޮށްލިއެވެ.

"އެބައޮތް ވާހަކައެއް ބުނެލަން....." މިކާލް ހަޔާތީގެ އިސްތަށިގަނޑާއި ކުޅެލަމުން ދެން ބުނެލި އެއްޗަކުން މޮޅިވެރިވެ ހިތް ގެނބޭފަދަގޮތެއްވިއެވެ. ހިތާމަވެރި ޚަބަރެކެވެ. މިއޮތް ހެދުނާ މިކާލް އެކަހަލަ އެއްޗެއް ބުނަން ޖެހޭހެއްޔެވެ؟ ނަމަވެސް ހަޔާތީ ކިތަންމެ ދެރަވިޔަސް ލޮލުން ކަރުނަ އޮހޮރުވާނުލާނެއެވެ. އެއަށްވުރެ މާ ހިތްވަރުގަދަ އަންހެންކުއްޖެކެވެ.

(ނުނިމޭ...)

https://sun.mv/111357

comment ކޮމެންޓް