ލަލީގާ މިހާރު ކުރިއަށް ވުރެ ވާދަވެރި: މެސީ

މާރކާ އެވޯޑްސްގައި މެސީއަށް ވަނީ ޕިިޗީޗީ އެވޯޑާއި ޑެ ސްޓެފާނޯ އެވޯޑު ލިބިފައި---

ސްޕެނިޝް ލަލީގާ މިހާރު ކުރިއަށް ވުރެ ވާދަވެރިވެފައިވާ ކަމަށް ބާސެލޯނާގެ ތަރި، އާޖެންޓީނާގެ ލިއޮނަލް މެސީ ބުނެފި އެވެ.

މެސީ މިހެން ބުނީ ސްޕެއިންގެ "މާރކާ" މަޖައްލާގެ ފުޓުބޯޅަ އެވޯޑްސްގައި ވާހަކަ ދައްކަމުންނެވެ. އެ އެވޯޑްސްގައި މެސީއަށް ވަނީ މިދިޔަ ސީޒަނުގައި ލީގުގައި އެންމެ ގިނަ ގޯލު ޖަހާފައިވާތީ، މި އަހަރުގެ ޕިޗީޗީ އެވޯޑް ލިބިފަ އެވެ. އަދި ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ޑި ސްޓެފާނޯ އެވޯޑު ވެސް އޭނާއަށް ވަނީ ލިބިފަ އެވެ.

އެ ހަފްލާފައި ވާހަކަ ދައްކަމުން މެސީ ބުނީ، ލީގު ވާދަވެރިވެފައި ވުމަކީ ރަނގަަޅު ކަމެއް ކަމަށެވެ. އަދި އެއްވެސް މެޗެއް މިހާރު ފަސޭހަ ނޫން ކަމަށާއި، ކޮންމެ ޓީމަކަށް ވެސް ބޮޑެތި ޓީމުަތަކާ ދެކޮޅަށް ނުކުމެ މޮޅުވެވިދާނެ ކަމަށް އޭނާ ބުންޏެވެ. މެސީ ބުނީ އޭނާގެ އުންމީދަކީ ލީގު ވާދަވެރިކަން ދެމިއޮންނާނެ ކަމަށް ކަމަށެވެ.

މެސީ މިހެން ބުނެފައިވާއިރު، ބާސެލޯނާ އެންމެ ފަހުން ކުޅުނު މެޗުގައި ވަނީ ރެއާލް ބެޓިސް އަތުން ބަލިވެފަ އެވެ. ބާސާ ބެޓިސް އަތުން ބަލިވީ 4-3ގެ ނަތީޖާއިންނެވެ.

އެވޯޑު ހަފްލާގައި މެސީ އިތުރަށް ބުނީ އޭނާއަށް މުހިންމީ ރީތި ގޯލު ޖެހުން ނޫން ކަމަށެވެ. އަދި ރީތި ގޯލެއް ޖެހުމަށް ވުރެ އޭނާ ހިތްހަމަ ޖެހެނީ މުހިންމު ގޯލެއް ޖެހުމުން ކަމަށް މެސީ ބުންޏެވެ.

މާރކާގެ ފުޓްބޯޅަ އެވޯޑްސްގައި ލަލީގާގެ އެންމެ މޮޅު ކީޕަރަށް ދޭ ޒަމޯރާ ޓްރޮފީ ލިބުނީ އެތްލެޓިކޯގެ ޔާން އޮބްލަކް އަށެވެ. އެންމެ ގިނަ ގޯލު ޖެހި ސްޕެއިންގެ ކުޅުންތެރިޔާއަށްދޭ ޒައްރާ އެވޯޑު ލިބުނީ އިއާގޯ އަސްޕާސް އަށެވެ. އެންމެ މޮޅު ކޯޗަށް ދޭ މިގުއެލް މުނޯޒް ޓްރޮފީ ލިބުނީ ވެލެންސިއާގެ ކޯޗް މާސެލީނިއޯ އަށެވެ.

comment ކޮމެންޓް