ގެބޯންގެ ރައީސްގެ ހާލު ސީރިއަސް، ނަމަވެސް ހާލު އަންނަނީ ރަނގަޅުވަމުން

ގެބޯންގެ ރައީސް އަލީ ބޮންގޯ ގެންދަވަނީ ސައުދީ އަރަބިއާއިން ފަރުވާ ހޯއްދަވަމުން -- ފޮޓޯ: ރޮއިޓާސް

ލިބްރެވިލް (ނޮވެމްބަރު 12): ގެބޯންގެ ރައީސް އަލީ ބޮންގޯގެ ބަލި ހާލަތު ސީރިއަސް ނަމަވެސް މިހާރު ހާލު ރަނގަޅުވަމުން އަންނަ ކަމަށް ރައީސްގެ ތަރުޖަމާނު ވިދާޅުވެއްޖެ އެވެ.

ތަރުޖަމާނު އައިކީ ނޫއޯނީ ވިދާޅުވި ގޮތުގައި ރައީސް ބޮންގޯ ހޮސްޕިޓަލުގައި އެޑްމިޓު ކުރީ ބޯއެނބުރުމުގެ ސަބަބުންނެވެ. އަދި މިހާރު ރައީސަށް ރަނގަޅަށް ހަރަކާތް ކުރެވޭ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ.

މިދިޔަ މަހުން ފެށިގެން ސައުދީ އަރަބިއާއިން ފަރުވާ ހޯއްދަވަމުން ގެންދަވާ ރައީސް ބޮންގޯއަށް ސްޓްރޯކެއް ޖެހިފައިވާ ކަމަށް މީގެ ކުރިން ހަބަރު ފެތުރުނެވެ. ނަމަވެސް އެގައުމުގެ ސަރުކާރުން ވަނީ އެރިޕޯޓުތައް ދޮގުކޮށްފަ އެވެ.

އަދި ތަރުޖަމާނު ނުއޯނީ ވަނީ ރައީސް ބޮންގޯ މިހާރުވެސް ގެންދަވަނީ ގައުމު ހިންގުމުގެ ޒިންމާތައް އަދާ ކުރައްވަމުން ކަމަށް ވިދާޅުވެފަ އެވެ.

މިދިޔަ ހުކުރު ދުވަހުގެ ގެބޯންގެ ނޫހަކުން ވަނީ އެގައުމު މިހާރު އޮތީ 'އޮޓޯޕައިލެޓް'ގައި ކަމަށާއި ގައުމު ހިންގުން ވަގުތީ ގޮތުން ބޮޑުވަޒީރާ ހަވާލު ކުރަން ޖެހޭ ކަމަށް ރިޕޯޓުކޮށްފަ އެވެ. އޭގެ ސަބަބުން އެނޫސް ވަނީ ތިން މަހަށް ސަސްޕެންޑު ކޮށްފަ އެވެ.

ރައީސް ބޮންގޯގެ ސިއްހީ ހާލަތާ ބެހޭ ގޮތުން ސަރުކާރުން ރަސްމީ ގޮތެއްގައި ވާހަކަ ނުދައްކާތީ އެގައުމުގެ ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެފަ އެވެ. އަދި ކުރީގެ ރައީސް އަދި އަލީ ބޮންގޯގެ ބައްޕާފުޅު އުމަރު ބޮންގޯ އަވަހާރަވީ އިރުވެސް ސަރުކާރުން އަމަލު ކުރީ އެފަދައިން ކަމަށް ގިނަ ބަޔަކު ވަނީ ބުނެފަ އެވެ.

ކުރީގެ ރައީސް އުމަރު ބޮންގޯ އަވަހާރަވީ 2009 ވަނަ އަހަރު އޭނާގެ އަނބިކަނބަލުން އަވަހާރަވުމުން، އެކަމުގެ ހިތާމައިގައި ކަމަށް ވިދާޅުވެ ސްޕެއިންއަށް ވަޑައިގެންނެވި ފަހުންނެވެ. ނަމަވެސް އޭރު ބައެއް މީޑިއާތަކުން ވަނީ ބޮންގޯ ގެންދެވީ ބާސެލޯނާގައި ކެންސަރަށް ފަރުވާ ހޯއްދަވަމުން ކަމަށް ރިޕޯޓުކޮށްފަ އެވެ.

އަދި ސްޕެއިންނަށް ވަޑައިގެންނެވިތާ އެއް މަސް ފަހުން ބޮންގޯ އަވަހާރަވިކަން ގެބޯންގެ ސަރުކާރުން އިއުލާން ކުރީ، އޭނާ އަވަހާރަވިކަން ފްރާންސުގެ ނޫހަކުން ރިޕޯޓު ކުރިތާ އެއް ދުވަސް ފަހުންނެވެ.

ގުޅޭ ޓެގު
comment ކޮމެންޓް