ރޮހިންގާ މުސްލިމުންގެ ތެރެއިން ދެ ހާހަށްވުރެ ގިނަ މީހުން އެނބުރި ގައުމަށްދަނީ

ރޮހިންގާ ރެފިއުޖީން --

ނޭޕިޑަވް (ނޮވެމްބަރު 12) : ބަންގްލަދޭޝް ގެ ސަރަހައްދީ ރޮނގު ކައިރީގައި ތިބި ރޮހިންގާ މުސްލިމުން ރެފިއުޖީންގެ ގެ ތެރެއިން 2،000 އަށް ގިނަ މީހުން އަނބުރައި ގައުމަށް ގެނައުމަށް ތައްޔާރުވަމުންދާކަން މިޔަންމާ ސަރުކާރުން ހާމަކޮށްފިއެވެ.

މިޔަންމާގެ މަސްއޫލުވެރިން ވިދާޅުވީ ބަންގްލަދޭޝް ގެ ކޮކްސް ބާޒާރު ސަރަހައްދުގައި ތިބި ރޮހިންގާ ރެފިއުޖީންގެ އެތަށް ލައްކަ ބައެއްގެ ތެރެއިން 2،000 އަށް ވުރެ ގިނަ މީހުން އަނބުރައި ގައުމަށް ގެނައުމަށް ބަންގްލަދޭޝް ސަރުކާރާއެކު އެއްބަސްވުމަކަށް އާދެވިފައިވާކަމަށާ އެ އެއްބަސްވުމާ އެއްގޮތަށް ރޮހިންގާ މީހުން އަނބުރައި ގައުމަށް ގެނައުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމުގައެވެ.

މި 2،000 މީހުން އަނބުރައި ގައުމަށް ގެންނަނީ އެމީހުންނަށް ގެދޮރު ބިނާކޮށްދީފައިކަން ނުވަތަ ނޫންކަން އަދި އެމީހުން ވަޒަންވެރިކުރުވަނީ އެމީހުންގެ ސަރަހައްދު ކަމަށްވާ ރަކީން ސްޓޭޓްގައިކަން ނުވަތަ ނޫންކަންވެސް ސާފުވެފައެއް ނުވެއެވެ. ބަންގްލަދޭޝްއިން ބުނެފައިވަނީ އެގައުމުގައި ދިރިއުޅޭ ރޮހިންގާ ރެފިއުޖީން އެނބުރި އެމީހުންގެ ވަޒަނަށް ދިޔުމަށް ދިޔުމަށް މަޖްބޫރުނުކުރާ ކަމަށާ އަދި އެކަމަށް ބާރުވެސް ނާޅާ ކަމުގައެވެ. ދާންބޭނުންވާ ބަޔަކު އެނބުރި ގައުމަށްދަނީ އެމީހުންގެ އަމިއްލަ އިހުތިޔާރުގައި ކަމަށްވެސް ބަންގްލަދޭޝްއިން ބުނެއެވެ.

އދ. އިން ވަނީ ރޮހިންގާ މުސްލިމުން އެނބުރި މިޔަންމާއަށް ދިޔުމަކީ އަދިވެސް ރައްކާތެރި ކަމެއްނޫންކަމުގެ އިންޒާރު ދީފައެވެ. ސަބަބަކީ ރޮހިންގާ މުސްލިމުންނަށް ރަށްވެހިކަމުގެ ހައްގު ދިނުމަށް މިޔަންމާ ސަރުކާރުން އަދިވެސް ދެކޮޅު ހެދުމާ އަދި މިޔަންމާގެ ހައްދުފަހަނަޅާފައިވާ ބުޑިސްޓުން ރޮހިންގާއިން އެނބުރި ގައުމަށް އައުމަށް ދެކޮޅު ހަދާތީއެވެ. ރޮހިންގާ މުސްލިމުންގެ އަމިއްލަ ވަޒަންކަމަށްވާ ރަކީން ސްޓޭޓްގައިވެސް މިހާރު ވަޒަންވެރިވެގެން އުޅެނީ ހައްދުފަހަނަޅާފައިވާ ބުޑިސްޓުން ކަމަށްވާތީ ރޮހިންގާއިން އެސަރަހައްދަށް އެނބުރި ދިޔުމަކީ ރައްކާތެރިކަމެއް ނޫންކަމަށް އދ. ގެ މަސްއޫލުވެރިން ވިދާޅުވެއެވެ.

މިޔަންމާ ސަރުކާރުންވަނީ އެނބުރި ވަޒަނަށް ރުޖޫއަވާ ރޮހިންގާ މީހުންނަށް ރައްކާތެރިކަން ދޭނެ ކަމަށް ބުނެފައެވެ. ނަމަވެސް އެ މީހުންނަށް ކުރިންވެސް އަނިޔާވެރިވީ އަދި ލާއިންސާނީ ޖަރީމާތައް ކުރިމަތިވީ މިޔަންމާގެ ސިފައިންނާއި ހަރުކަށި ބުޑިސްޓުންގެ ފަރާތުން ކަމަށްވާތީ އެފަރާތްތަކަށް އިތުބާރުކޮށްގެން އަލުން އެނބުރި ގައުމަށް ދިޔުމަކީ ރައްކާތެރިކަމެއް ނޫންކަމަށް އދ. އިން ބުނެއެވެ.

މިޔަންމާގެ ސިފައިންނާއި ހަރުކަށި ބުޑިސްޓުން ގެ ފަރާތުން ކުރިމަތިވި ލާއިންސާނީ އަމަލުތަކަށް ކެތްނުކުރެވިގެން ރެފިއުޖީންގެ ގޮތުގައި ރޮހިންގާއިންގެ 500،000 އަށްވުރެ ގިނަ މީހުން އަވަށްޓެރި ބަންގްލަދޭޝްއަށް މިދިޔަ އަހަރު ހިޖުރަކޮށްފައި ވެއެވެ. އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލުން ވަނީ ރޮހިންގާއިންނާ ދެކޮޅަށް މިޔަންމާގެ ސިފައިންނާއި ހަރުކަށި ބުޑިސްޓުން ހިންގާފައިވަނީ އެމީހުންގެ ނަސްލު ނައްތާލުމުގެ ޖަރީމާތަކެއް ކަމަށް ސިފަކޮށް އެކަން ބަލައި ތަހްގީގް ކުރުމުގެ ފުރްސަތު ދިނުމަށް ގޮވާލާފައެވެ. ނަމަވެސް މިޔަންމާއިން ވަނީ އެކަމަށް އިންކާރުކޮށްފައެވެ. (ރޮއިޓާސް)

comment ކޮމެންޓް