ތިން ދުވަހުން "ތަގްސް އޮފް ހިންދުސްތާން"އަށް 100 ކުރޯޑު!

ތަގްސް އޮފް ހިންދުސްތާންގެ ޕޯސްޓަރެއް---

ވިޖޭ ކްރިޝްނާ ޑައިރެކްޓްކޮށް އުފައްދާފައިވާ ފިލްމު "ތަގްސް އޮފް ހިންދުސްތާން"އަށް ތިން ދުވަހުގެ ތެރޭގައި 100 ކުރޯޑު ލިބިއްޖެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރިލީޒްކުރިއިރު އެ ފިލްމު ވެގެން ދިޔައީ ފިލްމު އެޅުވި ދުވަހުވެސް އެންމެ ބޮޑު އާމްދަނީއެއް ލިބުނުއެއް ފިލްމަށެވެ. އެގޮތުން އެ ދުވަހު ސިނަމާތަކުން ފިލްމަށް ވަނީ 50.75 ކުރޯޑު ރުޕީސް ލިބިފައެވެ.

އޭގެ އިތުރުން ހުކުރު ދުވަހު 28.25 ކްރޯޑު ރުޕީސްގެ އާމްދަނީއެއް ފިލްމަށް ލިބިފައިވާއިރު ހޮނިހިރު ދުވަހު ވަނީ 22.75 ކްރޯޑު ރުޕީސް ލިބިފައެވެ.

މި ފިލްމަށް 100 ކުރޯޑު ހަމަވިނަމަވެސް ކްރިޓީކުންނަށާއި ބެލުންތެރިންނަށްވެސް އެ ފިލްމު އެހާ ކަމަކު ނުދިޔައެވެ. އެގޮތުން ބޮލީވުޑްގެ މަޝްހޫރު ކްރިޓީކް ތަރަން އާދަޝް ވަނީ އެ ފިލްމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ވަރުގަދަ ދެ ސުޕަސްޓާރުން އެކުގައި ހަރަކާތެރިވި ފިލްމެއް ނަމަވެސް މި ފިލްމުގައި މާ ހާއްސަކަމެއް ނުފެނުކަމަށް ގިނަ ކްރިޓީކުން ފާހަގަކުރިއިރު މި ފިލްމަށް 300 ކްރޯޑް ހަރަދު ކުރުމަކީ ބޭކާރުކަމެއް ކަމަށްވެސް އެމީހުން ވަނީ ބުނެފައެވެ.

އާމިރުއާއި ބޮލީވުޑްގެ ލެޖެންޑް އަމީތާބު ބައްޗަން އެކުގައި ފެނިގެންދާ އެ ފިލްމުގައި އަންހެންގެ ތަރިންގެ ގޮތުގައި ފެނިގެންދާނީ ކެޓްރީނާ ކައިފް އަދި ފާތިމާ ސަނާ ޝެއިހް އެވެ.

comment ކޮމެންޓް