ގައުމިއްޔަތުގެ ފިކުރަކީ ބިރެއް: ފަރަންސޭސި ރައީސް

އާމިސްޓިސް ޑޭގެ އިހްތިފާލްތަކުގައި މެކްރޯން ވާހަކަ ދައްކަވަނީ

ޕެރިސް (ނޮވެމްބަރު 12): ދުނިޔޭގެ ބައެއް ގައުމުތަކުގައި މިހާރު ފެތުރެމުންދާ ގައުމިއްޔަތުގެ ހައްދު ފަހަނަޅާފައިވާ ފިކުރަކީ ބިރެއްކަމަށް ފަރަންސޭސި ރައީސް އެންމަނުއެލް މެކްރޯން ސިފަ ކުރައްވައިފިއެވެ.

ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމަ ނިމުމަކަށް ގެނައި ސުލްޙައިގެ އެއްބަސްވުމަށް އެއްގަރުނު ފުރުން (އާމިސްޓިސްޑޭ) ފާހަގަ ކުރުމުގެ ގޮތުން ފަރަންސޭސިވިލާތުގައި ކުރިޔަށްދާ އިޙްތިފާލްތަކުގައި ތަގްރީރު ކުރައްވަމުން މެކްރޯން ވިދާޅުވީ ގައުމިއްޔަތުގެ ހައްދު ފަހަނަޅާފައިވާ ފިކުރަކީ އަޚްލާގިއްޔާތަށް އޮތް ބިރެއްކަމަށާ އެއީ ފަނާކުރަނިވި ފިކުރެއް ކަމުގައެވެ. އަދި އެއީ އެހެން ނަސްލުތަކާމެދު އިންތިހާއަށް ތަފާތުކުރުންތައް ގެންގުޅޭ ފިކުރެއްކަމަށްވެސް މެކްރޯން ވިދާޅުވިއެވެ.

މެކްރޯން މިމޭރުމުން ވާހަކަ ދެއްކެވިއިރު ހައްދު ފަހަނަޅާފައިވާ ގައުމިއްޔަތުގެ (ޕޮޕިއުލިސްޓް) ފިކުރުގެ ސިޔާސަތެއް ގެންގުޅުއްވާ ބޭފުޅެއްކަމަށްވާ ރައީސް ޑޮނަލްޑް ޓްރަމްޕް މެކްރޯން ފަރަންސޭސި ބަހުން ދެއްވި ޚިތާބުގެ އިނގިރޭސި ތަރްޖަމާ އަޑުއެއްސެވިއެވެ. ޓްރަމްޕަކީ އެމެރިކާގައި ފެންމަތިވަމުންއަންނަ ހަމައެކަނި ދޮންނަސްލުގެ މީހުންނަށް އިސްކަން ދިނުމާއި އެހެން ނަސްލުތަކުގެ މީހުން ތަފާތުކުރުމުގެ ޕޮޕިއުލިސްޓް ފިކުރު ގެންގުޅުއްވާ ބޭފުޅެކެވެ.

މިއާއެކު ޓްރަމްޕް ވަނީ އެމެރިކާގެ އެހެން ނަސްލުތަކުގެ މީހުންނާ ދެކޮޅަށް ވާހަކަ ދައްކަވާފައެވެ. އަދި އެމެރިކާއަށް ހިޖްރަކުރުމުގެ ފުރުސަތު ދިނުމުގައިވެސް އާދަޔާ ޚިލާފު ހަރުކަށި ސިޔާސަތެއް ޓްރަޕްމް ގެންގުޅުއްވަނީ އެކަމުގެ ސަބަބުން ދޮންމީހުންގެ ނަސްލަށް ގެއްލުންވެދާނެތީ ކަމަށް ފާޑުކިޔާ ފަރާތްތަކުން ތުހުމަތު ކުރެއެވެ.

ޓްރަމްޕް ގެންގުޅުއްވާ "އެމެރިކާ ފަސްޓް" ޕޮލިސީ އަކީވެސް ޕޮޕިއުލިސްޓް ފިކުރާ ގުޅިފައިވާ ސިޔާސަތެކެވެ. އެމެރިކާގެ އިތުރުން ޔޫރަޕްގެ ބައެއް ގައުމުތަކުގައިވެސް ގައުމިއްޔަތުގެ ހައްދު ފަހަނަޅާފައިވާ ފިކުރު ދަނީ ފެތުރެމުންނެވެ. އެފިކުރުގެ ސިޔާސީ ފަރާތްތަކުން ޔޫރަޕްގެ އިންތިޚާބުތަކުގައި ކާމިޔާބު ހޯދަމުންގެންދާތީ ޔޫރަޕްގައިވެސް ވަނީ ބިރުވެރިކަން އުފެދިފައެވެ.

އާމިސްޓިސް ޑޭގެ އިޙްތިފާލްތަކަށް ޓްރަމްޕް ފަރަންސޭސިވިލާތަށް ވަޑައިގެންނެވުމުގެ ކުރިން، ޔޫރަޕްގެ ގައުމުތަކަށް ޚާއްސަ ސިފައިންގެ ލަޝްކަރެއް އުފެއްދުމަށް ރައީސް މެކްރޯން ގޮވާލެއްވި ގޮވާލެއްވުމާ ގުޅިގެންވެސް ޓްރަމްޕް ވަނީ ހިތްހަމަނުޖެހުން ފާޅުކުރައްވައި އެކަން ކުށްވެރި ކުރައްވާފައެވެ.

ޓްރަމްޕް ޕެރިހަށް ވަޑައިގަތުމުގެ ތަންކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައި ވަނީ ޔޫރަޕަށް ޚާއްސަ ސިފައިންގެ ލަޝްކަރެއް އުފެއްދުމަށް މެކްރޯން ހުށަހެޅުއްވި ހުށަހެޅުން ބަލައި ނުގަނެވޭނެ ކަމަށާ އެއީ އެމެރިކާއަށް ކުރި އިހާނާތެއް ކަމަށް ސިފަކުރައްވާފައެވެ. އަނެއްކާ އާމިސްޓިސް ޑޭގެ އިޙްތިފާލް ތަކުގެ ތެރެއިންވެސް މެކްރޯން މިވަނީ ޓްރަމްޕް ގެންގުޅުއްވާ ހަރުކަށި ގައުމިއްޔަތުގެ ފިކުރަކީ ފަނާކުރަނިވި ފިކުރެއްކަމަށް ސިފަކުރައްވައި ވާހަކަ ދައްކަވާފައެވެ. (ރޮއިޓާސް)

comment ކޮމެންޓް