ޔުނައިޓެޑު ބަލިކޮށް ސިޓީ އަނެއްކާވެސް އެއްވަނައަށް

ރޭ މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑު ބައްދަލު ކުރި މެޗުގެ ތެރެއިން---

އިނގިރޭސި ޕްރިމިއާ ލީގައި ރޭ މެންޗެސްޓާ ޔުނައިޓެޑުގެ މައްޗަށް 3-1ގެ ނަތީޖާއިން ކުރި ހޯދައި، މެންޗެސްޓާ ސިޓީން އަނެއްކާ ވެސް ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

ރޭގެ މެޗު ފަށައިގެން މުޅިންހެން ޑޮމިނޭޓު ކުރީ ސިޓީންނެވެ. އެ ޓީމުން ވަނީ ފުލުފުލުގައި ހަމަލާތައް އުފައްދައި ޔުނައިޓެޑު ގޯލަށް ނުރައްކާ ކޮށްފައެވެ. އެގޮތުން އެ ޓީމުގެ އަރިމަތިން ސްޓާލިން ނުރައްކާ ކުރި އިރު ސާޖިއޯ އަގުއޭރޯގެ ފަރާތުން ވެސް ހަމަލާތަކެއް ފެނިގެން ދިޔައެވެ.

ފުލުފުލުގައި ހަމަލާތައް އުފެއްދުުމުގެ ނަތީޖާއެއްގެ ގޮތުން މެޗުގެ 12 ވަނަ މިނެޓުގައި ސިޓީން ލީޑު ނެގިއެވެ. އެ ގޯލު ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު މިޑްފީލްޑަރު ޑޭވިޑް ސިލްވާއެވެ. އޭނާ އޭރިއާގެ ތެރޭގައި ހުރެފައި ފޮނުވާލި ހަމަލާ ޔުނައިިޓެޑު ޑެހެއާއަށް މަތަ ނުކުރެވުނެވެ. ބޯޅަ ގޯލަށް ވަނީ ޑެހެއާގެ އަތުގައި ޖެހިފައެވެ.

ސިޓީން ލީޑު ފުޅާ ކުރީ ދެވަނަ ހާފު ފެށިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައެވެ. އެ ގޯލު ސިޓީއަށް ކާމިޔާބުކޮށްދިނީ ސާޖިއޯ އަގުއޭރޯއެވެ. އަގުއޭރޯ އެ ގޯލު ކާމިޔާބު ކުރީ ރިޔާދް މަހްރޭޒްއާ އެކު ވަން ޓޫ ހެދުމަށް ފަހު ހަނި އޭންގަލަކުން ބާރު ޝޮޓެއް ފޮނުވާލައިގެންނެވެ.

އޭގެ ކުޑަ އިރުކޮޅެއް ފަހުން، ޔުނައިޓެޑުގެ ލުކާކޫއަށް ސިޓީގެ ކީޕަރު އެޑާސަން ކުރި ފައުލަކާ ގުޅިގެން ޔުނައިޓެޑަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އެންތޮނީ މާސިއާލް ވަނީ އެ ޕެނަލްޓީ ކާމިޔާބުކޮށްދީ ލީޑު ހަނިކޮށްފައެވެ.

ސިޓީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އެރުވި އިލްކޭ ގުންޑޮގާންއެވެ. 86 ވަނަ މިނެޓުގައި އޭނާ އެ ގޯލު ކާމިޔާބުކުރީ ގޯލުގެ ކުރިމަތީގައި ހުހަށް ހުރެފައެވެ. އޭނާއަށް އެ ގޯލު ޖަހަން ފަހިވީ މެދުތެރެއިން ބާނާޑޯ ސިލްވާ ނެގި ހިތްގައިމު ހުރަހަކުންނެވެ.

ހުރިހާ ޓީމެއް ވެސް މިހާރު 12 މެޗު ކުޅެފައިވާ އިރު، ރޭގެ މޮޅާ އެކު ސިޓީ ލީގުގެ އެއްވަނައަށް ޖެހިލީ 32 ޕޮއިންޓާ އެކުއެވެ. ލީގުގެ ދެވަނައިގައި 30 ޕޮއިންޓާ އެކު އޮތީ ހޮނިހިރު ދުވަހު 2-0ގެ ނަތީޖާއިން ފުލަމް ބަލި ކުރި ލިވަޕޫލް އެވެ. ރޭ އެވަޓަން އަތުން އެއްވަރު ވުމާ އެކު ޗެލްސީ ވަނީ 28 ޕޮއިންޓާ އެކު ތިންވަނައަށް ސޮއްސާލާފައެވެ. 27 ޕޮއިންޓު ލިބިފައިވާ ވާދަވެރި ޓޮޓެންހަމް މިހާރު އޮތީ ހަތަރުވަނައިގައެވެ. ސިޓީ އަތުން ވި ބައްޔާ އެކު ޔުނައިޓެޑު މިހާރު އޮތީ 20 ޕޮއިންޓާ އެކު ލީގުގެ އަށްވަނައިގައެވެ.

comment ކޮމެންޓް