ރެއާލް ބެޓިސް އަތުން ބާސާ ބަލިވެއްޖެ

ބާސާ އާއި ރެއާލް ބެޓިސް ބައްދަލު ކުރި މެޗުގެ ތެރެއިން-- ފޮޓޯ: ގެޓީ އިމޭޖަސް

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް ބެޓިސް އަތުން 4-3ގެ ނަތީޖާއިން ބާސެލޯނާ ބަލިވެއްޖެ އެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ ރޭގެ މެޗަށް ބާސާއިން ނުކުތީ ޗެމްޕިއަންސް ލީގުގައި އިންޓަ ކޮޅަށް ގޯލު ޖެހި މެލްކޮމް އަރުވައިގެންނެވެ. އޭނާ އެރުވީ އަނިޔާވެފައިވާ ފިލިޕޭ ކޮޓީނިއޯގެ ބަދަލުގަ އެވެ.

ބާސާގެ ތަރި ލިއޮނެލް މެސީ އަނިޔާއިން އެނބުރި އައިސް ރޭގެ މެޗުގައި ވަނީ ކުޅެފަ އެވެ. މެސީ ވަނީ މެޗުގައި ބާސާއަށް ދެ ގޯލު ކާމިޔާބުކޮށްދީފަ އެވެ.

ރޭގެ މެޗުގައި އެންމެ ފުރަތަމަ ގޯލު ޖެހީ ވެސް ބެޓިސް އިންނެވެ. މެޗުގެ 20 ވަނަ މެނެޓުގައި، ޑެފެންޑަރެއްގެ ގާތުން ނައްޓާލުމަށް ފަހު ތިރިން ބާރު ޝޮޓެއް ފޮނުވާލައިގެން އެ ގޯލު ކާމިޔާބު ކޮށްދިނީ ޖޫނިއޯ ފިރްޕޯ އެވެ. އޭގެ 15 މިނެޓު ފަހުން އެ ޓީމުގެ ޖޮކޮއިން ވަނީ ލީޑު ފުޅާކޮށްދީފަ އެވެ. އޭނާ ގޯލު ކާމިޔާބުކުރީ އޭރިއާގެ ތެރެއިން ހުސްކޮށް ލިބުނު ފުރުސަތެއްގަ އެވެ.

ފުރަތަމަ ހާފު ނިމިގެން ދިޔައީ ބެޓިސް ދެ ގޯލުގެ ލީޑެއްގައި އޮވެ އެވެ. އެހެން ނަމަވެސް، ޕެނަލްޓީ އޭރިއާގެ ތެރޭގައި ބެޓިސްގެ ކުޅުންތެރިއަކު ކުރި ފައުލަކާ ގުޅިގެން ބާސާއަށް ޕެނަލްޓީއެއް ލިބުނެވެ. ބޯޅަ މަތީ ކަނަށް ފޮނުވާލައިގެން މެސީ ވަނީ އެ ޕެނަލްޓީ ކާމިޔާބުކޮށްދީފަ އެވެ.

މެސީގެ ގޯލުން ލީޑު ހަނިވެގެން ދިޔަ ނަމަވެސް، އޭގެ ކުޑަ އިރުކޮޅެއް ފަހުން ބެޓިސްގެ ޖިއޮވާނީ ލޮ ސެލްސޯ ވަނީ ގޯލެއް ކާމިޔާބުކޮށްދީފަ އެވެ. އޭނާ ނެގި ބާރު ޝޮޓު ވަނީ ބާސާގެ ކީޕަރު ޓާ ސްޓޭގަންއަށް ހެދުނު ގޯހަކުންނެވެ.

މެޗު ނިމެން ދިހަ މިނެޓަށް ވެފައި ވަނިކޮށް ބާސާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ އާޓޫރޯ ވިޑާލް އެވެ. އެ ގޯލު ޖެހިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ބެޓިސްއިން ވަނީ އަނެއްކާ ވެސް ގޮލެއް ޖަހައިފަ އެވެ. ބެޓިސްގެ ހަތަރު ވަނީ ގޯލު ކާމިޔާބުކޮށްދިނީ ސާޖިއޯ ކަނާލޭސް އެވެ. މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ބާސާގެ ތިންވަނަ ގޯލު ކާމިޔާބުކޮށް ދިނީ، ލިބުނު ހުސް ފުރުސަތެއްގައި ލިއޮނަލް މެސީ އެވެ.

މި ނަތީޖާއާ އެކު 12 މެޗު ކުޅެފައިވާ ބާސާ އޮތީ 24 ޕޮއިންޓާ އެކު ލީގުގެ އެއްވަނައިގަ އެވެ. އެ އަދަދަށް މެޗު ކުޅެގެން ދެވަނާގައި އެތްލެޓިކޯ މެޑްރިޑް އޮތީ 23 ޕޮއިންޓާ އެކު އެވެ. އަލަވެސް އަށް ވެސް ހަމަ އެ އަދަދަށް ޕޮއިންޓު ލިބިފައިވީ ނަމަވެސް އެ ޓީމު ތިންވަނާގައި އޮތީ ގޯލް ޑިފަރެންސުންނެވެ. އެއް މެޗު މަދުން ކުޅެފައިވާ ރެއާލް އޮތީ 17 ޕޮއިންޓާ އެކު ލީގުގެ ހަވަނައިގަ އެވެ.

comment ކޮމެންޓް