ކެޔޮނިރު: ބޮޑުވަޒީރު ކަމަށް ކުރީގެ ރައީސް ނަޝީދު ކުރައްވާ އުއްމީދު!

އިންތިހާބީ ރައީސް އިބޫ، ނަޝީދު، އިންތިހާބީ ނާއިބު ރައީސް ފައިސަލް --

އެކެއް ނޮވެމްބަރުގައި ރާއްޖެ ވަޑައިގަތުމަށް ފަހު ދެއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވެފައި ވަނީ އެމަނިކުފާނު އަބަދު ވެސް ތާއިދު ކުރައްވާ ސިޔާސީ ނިޒާމަކީ ބަރުލަމާނީ ނިޒާމަ ކަމަށާއި ރާއްޖެއަށް މިވަގުތު އެންމެ ރަނގަޅު ސިޔާސީ ނިޒާމަކީ ބަރުލަމާނީ ނިޒާމް ކަމަށެވެ. ދިވެހި ރާއްޖޭގެ ވެރިކަމުގެ ނިޒާމް ވިރާސީ ނުވަތަ ރަސްކަމުގެ ނިޒާމަކުން ރިއާސީ ނިޒާމަކަށް ބަދަލުވިފަހުން 1968 އިން ފެށިގެން ފާއިތުވި 50 އަހަރު މިރާއްޖޭގައި މިއޮތީ ރިއާސީ ނިޒާމެކެވެ. އެއީ ސީދާ ދިވެހި ރައްޔިތުންގެ ވޯޓަކުން ހޮވާ ވެރިއަކު ނުވަތަ ރަޢީސަކު ދިވެހީންގެ މައްޗަށް ވެރިކަން ކުރާ ނިޒާމެވެ. ރައީސުލް ޖުމްހޫރިއްޔާ އަކީ ދިވެހި ރައްޔިތުން ނިކުމެ ވޯޓުލައިގެން، ރައްޔަތުންގެ އައުލަބިއްޔަތުން ހޮވާ ވެރިއެކެވެ. މިއާ ހިލާފަށް ބަރުލަމާނީ ނިޒާމެއްގައި ޤައުމުގެ ވެރިކަން ކުރާނީ މަޖުލީހުގައި އެންމެ ގިނަ ގޮނޑި ލިބޭ ޕާރޓީ އަކުން ބޭނުން މީހެކެވެ. މިސާލަކަށް މަޖުލީހުގައި އެންމެ ގިނަ ގޮނޑި ލިބެނީ އެމްޑީޕީ އަށް ކަމުގައި ވެފައި އެމްޑީޕީގެ ޤައުމީ މަޖުލީހުން އެޕާރޓީގެ ލީޑަރަކަށް ނަޝީދު ހޮވާފައިވާ ނަމަ ޤައުމުގެ ބޮޑުވަޒީރަކަށް ނުވަތަ ވެރިއަކަށް ވާނީ ނަޝީދުއެވެ.

އަވަށްޓެރި ޝްރީލަންކާގައި ވެސް މިހާރު ދިވާމެގެން އެއުޅެނީ އެމައްސަލައެވެ. ރައްޔިތުން ނިދާފައި ހޭލާ އިރު ޤައުމުގެ ވެރިކަން އިންނަނީ، ރައްޔިތުނަށް ހިލަމެއް ވެސް ނުވެ، ރައްޔިތުންގެ ބަހެއް ނެތި ބަދަލުވެފަ އެވެ. މިއީ އިނގިރޭސި ވިލާތާއި އިންޑިއާފަދަ ޤައުމުތަކުގައި އޮންނަ ވެރިކަމުގެ ނިޒާމު ކަމުގައިވިއަސް މިއީ އިސްލާމީ އުސޫލްތަކާ ބީރައްޓެހި، ގަޑުބަޑު ސިޔާސީ ނިޒާމެކެވެ. ރައްޔިތުނގެ ބާރެއް ނެތި ވެރިއަކު ހޮވާ ނިޒާމެކެވެ. ނަޝީދަކީ ފާއިތުވި ރިއާސީ އިންތިހާބުތަކުގައި އެމަނިކުފާނު ގިނިކަންޏާ ނިކުމެ ވަޑައިގެން ފުރަތަމަ ބުރުން އެއްވެސް ފަހަރަކު ރިއާސީ އިންތިހާބް ކާމިޔާބް ކުރެއްވިފައިވާ ބޭފުޅަކަށް ނުވާއިރު ނަޝީދަށް ޤައުމުގެ ވެރިކަމަށް ވަޑައިގަތުމަށް އެނމެ ފަސޭހަ ނިޒާމަކަށް ވާނީ ބަރުލަމާނީ ނިޒާމު ކަމުގައި ބައެއް ސިޔާސީ މުފައްކިރުން ޤަބޫލް ކުރައްވަ އެވެ.

މީގެ ކުރިން ވެސް، ރައީސް މައުމޫނުގެ ވެރިކަމުގެ ފަހު އަހަރު، 18 އޮގަސްޓް 2007ގައި، ދިވެހިރާއްޖޭގެ ސިޔާސީ ނިޒާމް އޮންނަން ފެންނަ ގޮތުގެ ވޯޓެއް ރައްޔިތުންގެ މެދުގައި ވަނީ ނަގާފަ އެވެ. އެފަހަރު ވެސް ނަޝީދާއި އެމްޑީޕީ އޮތީ ބަރުލަމާނީ ނިޒާމާ އެއްކޮޅަށެވެ. އަދި ރައީސް މައުމޫން ހުންނެވީ ރިއާސީ ނިޒާމަށް ތާއިދު ކުރައްވައިގެންނެވެ. ރައްޔިތުންގެ ވޯޓުގެ 62 ޕަސެންޓާ އެކު ކާމިޔާބު ލިބުނީ ރިއާސީ ނިޒާމަށެވެ. ރައްޔިތުން އެއޮތީ މީގެ 10 އަހަރު ކުރީން ރައްޔިތުންގެ ބަސް ބުނެފަ އެވެ.

އަނެއްކާ ވެސް މިފެނަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގެ ކެމްޕެއިނެއް ނަޝީދު ފެއްޓެވިތަނެވެ. އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައީސް ކަމަށް ހޮވިވަޑައިގަތީ ކޯލިޝަން އެއްގެ ތެރެއިން ކަމަށް ވިއަސް، އަދި ކޯލިޝަންއިން އެއްބަސް ވެފައި ވަނީ މާޗު 2019ގައި އޮންނަ މަޖުލިސް (އާއްމު) އިންތިހާބުގައި ކޯލިޝަން ގުޅިގެން ވާދަ ކުރަން ކަމުގައި ވިއަސް، މި ނޮވެމްބަރު 6 ވަނަ ދުވަހު އައްޑޫސިޓީ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ރާއްޖެއަށް "ސަލާމަތުގެ އައްސޭރި އޮތީ މަޖުލިސް އިންތިހާބުގައި އެމްޑީޕީ އަށް ވޯޓު ދީގެން" ކަމަށެވެ. ކޯލިޝަން އަށް އެއްވެސް އިޝާރާތެއް ކުރެއްވުމެއް ނެތި ރާއްޖެއަށް އެންމެ ރަނގަޅު ގޮތަކީ ރައްޔިތުން ވީހާވެސް ގިނަ ގޮނޑި އެމްޑީޕީ އަށް ދިނުން ކަމުގައި ރައީސް ނަޝީދު ވިދާލުވި ވިދާލުވުމަކީ ބަރުލަމާނީ ނިޒާމެއް ގެނެސް ޤައުމުގެ މިސްރާބު ރައީސް ނަޝީދު ބޭނުންފުޅު ގޮތަކަށް ބަދަލު ކުރެއްވުމަށް މަގު ކޮއްޓަވަން އެޅުއްވި ފުރަތަމަ ފިޔަވަޅު ކަމުގައި ފެނެ އެވެ.

ނަން ނުޖެހުމަށް އެދި ސިޔާސީ މަސްދަރަކުން މައުލޫމާތުދޭ ގޮތުގައި ކުރިމަތީގައި އޮތް އާއްމު އިންތިހާބުގައި ރައީސް ނަޝީދު ކޮންމެ ވެސް ގޮނޑިއަކަށް ކުރިމަތި ލައްވާނެ އެވެ. ބައެއް ފަރާތްތަކުން ލަފާ ކުރާ ގޮތުގައި ނަޝީދު ކުރިމަތި ލައްވާނީ އައްޑު ސިޓީގެ ނުވަތަ މާލޭ ސިޓީގެ ގޮނޑިއަކަށެވެ. އެގޮތުން އެންމެ ބޮޑަށް ލަފާ ކުރެވެނީ މާލޭސިޓީގެ ގަލޮޅު ދެކުނު ދާއިރާއަށް ނަޝީދު ކުރިމަތި ލައްވާނެ ކަމަށެވެ. އަދި އެހެންކަމުން އެދާއިރާގެ މިހާރުގެ މެމްބަރު އަހްމަދު މަހްލޫފް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެބިނެޓަށް ވަޑައިގަންނަވާނެ ކަމަށް ބެލެވެ އެވެ. ރައީސް ނަޝީދުގެ ފުރަތަމަ ލަނޑުދަނޑި އެއްކަމަށް ބެލެވެނީ މަޖުލިސް މެމްބަރުކަމާ އެކު އެމްޑީޕީ އަށް އެންމެ ގިނަ ގޮނޑި ލިބި، މެޖޯރިޓީ ޕާރޓީގެ ގޮތުގައި ހަމަޖެހި ރައްޔިތުންގެ މަޖުލިހުގެ މެޖޯރިޓީ ލީޑަރުކަން ރައީސް ނަޝީދު ނެންގެވުމެވެ.

ނަޝީދުގެ ދެވަނަ ލަޑުދަނޑި އަކީ މަޖުލިސް މެމްބަރުކަން ހޯއްދެވުމަށް ފަހު، އަދި މަޖުލިހުގެ މެޖޯރިޓީ ލީޑަރކަން ހޯއްދެވުމަށް ފަހު ޤައުމީ ރިފަރެންޑަމް އަކުން ސިޔާސީ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރެއްވުމަށް ފަހު ޤައުމުގެ ބޮޑުވަޒީރުކަން ހޯއްދެވުން ކަމުގައި ޤަބޫލްކުރެވެ އެވެ.

މިއަދަކީ ރާއްޖޭގެ ޖުމްހޫރިއްޔާ އަށް 50 އަހަރު ފުރޭ ދުވަސް ކަމަށް ވުމާއެކު، އެދުވަހުގެ މުނާސަބަތާ ގުޅުވައިގެން ރައީސް ސޯލިހްގެ ތަރުޖަމާން، އަދި އެމްޑީޕީގެ އިސް ބޭފުޅެއް ކަމުގައިވާ މާރިޔާ ދީދީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޖުމްހޫރީ ނިޒާމެއްގެ އެންމެ މުހިއްމު ކަމަކީ އެނިޒާމުގައި ރައްޔިތުންނަށް ލިބިފައިވާ ބާރު ކަމަށާއި އެނިޒާމް އެގޮތަށް ބޭއްވުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަން ގޮވާލައްވާފަ އެވެ. މިއީ ބަރުލަމާނީ ނިޒާމަކަށް ރައީސް ނަޝީދު ތާއިދު ކުރައްވާކަން އިއުލާން ކުރައްވާފައިވާ އިރު، ނަޝީދުގެ ހިޔާލާ ދެކޮޅަށް މާރިޔާ ވިދާޅުވި ބަހެއްގެ ގޮތުގައި މާނަ ކުރެވިދާނެއެވެ. ރައީސް ސޯލިހެގެ ކެބިނެޓްގައި ޑިފެންސް މިނިސްޓަރުކަން ވެސް މާރިޔާ އަށް ދެއްވާނެ ކަމަށް އަޑުތައް އަރާފައިވާއިރު ރައީސް ނަޝީދު އެމަޤާމް ދެއްވަން ބާރުއަޅުއްވަނީ އަމީން ފައިސަލް އަށް ކަމަށް ވެސް ވާހަކަ ދެކެވެ އެވެ.

ކޮންމެ ގޮތެއް ވިއަސް ކުރިއަށް މިއޮތް އާއްމު އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ކުރިމަތިލާ ފަރާތްތައް ޕްރައިމްރީ އަކުން ހޮވާއިރު ރައީސް ނަޝީދުގެ ފަރާތުން ކުރިމަތިލާ ބަޔަކާއި ރައީސް ސޯލިހްގެ ފަރާތުން ކުރިމަތިލާ ބައެއް ތިބުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. ރައީސް ނަޝީދު ބޭނުންފުޅު ވަނީ މަޖުލިހުގެ ކޮންޓްރޯލް ނެންގެވުމަށެވެ. ރައީސް ސޯލިހް ވެސް އެމަގުން މަސައްކަތް ކުރައްވާނެ ކަމަށް ބެލެވެ އެވެ. މަޖުލިހުގެ ރައީސަކަށް ހުންނެވީ ކޯލިޝަންގެ އެއް ލީޑަރު ކަމުގައިވާ ޤާސިމް އިބްރާހިމް އެވެ. ރާއްޖޭގެ ކުރިމަގުގެ މިސްރާބް ކަނޑައެޅޭނީ 2019 މާރޗް މަހު ބާއްވާ އާއްމު އިންތިހާބްގައި ރައްޔިތުން ޥޯޓުދޭ ގޮތަކުން ނެވެ. ކޮންޓްރޯލް ލިބޭނީ ނަޝީދު އަށް ތޯއެވެ؟ ނުވަތަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށްތޯ އެވެ؟ ކޯލިޝަން އޮތީ، ފެންނަ ފެނުމުގައި ރައީސް ސޯލިހާ އެކުގަ އެވެ. ރައްޔިތުންގެ ޕޮޕިއުލާ ޥޯޓުގެ ބޮޑުބައި އޮތީ ފެންނަ ފެނުމުގައި ރައީސް ނަޝީދަށެވެ. ކުޅިބައި އެހެރީ އަތުރާލެވިފަ އެވެ. އެންމެ ފުރަތަމަ އެސްފިޔަ ޖަހާނީ ކޮން ބޭފުޅެއްތޯ އެވެ. ރައްޔިތުން ތިބީ ބަލާށެވެ.

comment ކޮމެންޓް