ފަނޑިޔާރުންނަށް ފައިސާދޭ މަހުޖަނު އިސްލާހު ކުރަން ޖެހޭ: ނަޝީދު

ނަޝީދު ދިއްދޫގައި ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ/ އެމްޑީޕީ

ފަނޑިޔާރުން އަދި މަޖިލީހުގެ މެމްބަރުން ނުވަތަ ސަރުކާރުގެ މުވައްޒަފަކަށް ވިޔަސް ރިޝްވަތުގެ ފައިސާ ދޭ މީހާ އެއީ ފައިސާ ހިފާ މީހެކޭ އެއްފަދައިން އިސްލާހު ކުރަން ޖެހޭ މީހެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި އެވެ.

ހއ. ދިއްދުއަށް ވަޑައިގެން މިއަދު ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެންމެ ބޮޑު މައްސަލައަކީ ރިޝްވަތުގެ ފައިސާ ދޭ މަހުޖަނުން ކަމަށެވެ. އަދި އެ ފައިސާދޭ މީހުން އިސްލާހު ކުރުމުގެ ވާހަކަ ދެއްކޭލެއް މާ މަދު ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެނަށް ހަނދާނުން ކައްސާލައިގެން ދާ މާ މުހިންމު ވާހަކައެއް އަޅުގަނޑު ހިތުން އެބަވޭ. ފަނޑިޔާރު ގެޔަކަސް ސަރުކާރުގެ މުވައްޒިފަކަސް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަސް. އަދި އެއްވެސް މަސައްކަތެއް ކުރާ އެއްވެސް މީހެއް ހަގީގަތުގައި މަގުން ކައްސާލައިގެންދާ އެންމެ ބޮޑު ސަބަބަކީ އޭނާއަށް ފައިސާ ދޭކަން." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެންމެ ބާރަށް ދެކެވެނީ ފަނޑިޔާރުންގެ ނަޒާހާތްތެރި ކަމާއި ފަނޑިޔާރުންގެ ކަންކަން ބަލަހައްޓާނޭ ނިޒާމުތަކުގެ ވާހަކަ ކަމަށެވެ. ނަމަވެސް އެ ފަނޑިޔާރުން ނަޒާހާތްތެރިކަން ނަގާލާ މަހުޖަނު އިސްލާހު ކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑަށް ފެންނަ ފެނުމުގައި ރިޝްވަތުގެ ހުތުރު ފައިސާ ދޭ މީހުން އެ ފައިސާ ގުނަ ގުނައިން ހޯދައިގެން ދެން އެފައިސާ އެކި އެކި ބޭފުޅުންނަށް ދެއްވާ ފައިސާވެރިން އިސްލާހު ކުރުމުގެ ވާހަކަ އަޅުގަނޑުމެންނަށް ދެއްކޭ މިންވަރު މާ ކުޑަ." ނަޝީދު ވިދާޅުވި އެވެ.

ފަނޑިޔާރުން ވިޔަސް އަދި ސަރުކާރުގެ މުވައްޒަފަކު ވިޔަސް މަގުން ކައްސާލަނީ އެމީހުންނަށް ފައިސާ ދޭތީ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެހެންވީމާ ފައިސާ ހިފާ މީހާއެކޭ އެއްގޮތަށް ފައިސާ ދޭ މީހާ ތަހުގީގު ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

ޝަރީއަތުގެ ނިޒާމަށް ފަނޑިޔާރުންގެ ނިޒާމަށް އެތައް ބަދަލެއް ގެނެވިއްޖެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެހެން ނަމަވެސް ކޮންމެ ފަހަރަކު ވެސް ފެންނަނީ އިސްލާހު ނުވެ ކަންކަން އެގޮތަށް ހުންނަތަން ކަމަށް ވިދާޅުވި އެވެ.

ވިޔަފާރިވެރިޔާ ފައިސާ ގެންގުޅޭ ގޮތް ލިބޭ އާމްދަނީ ދެފުށް ފެންނަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. މަހުޖަނު މީހާގެ މުއްސަނދި ކަމުގެ މިންވަރު އެނގެން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އޭނާ [މަހުޖަނު މީހާ] ދެ ފައިސާއިން އަޅުގަނޑުމެންގެ ރާއްޖެ ހަލާކުވަނީ." ނަޝީދު ވިދާޅުވި އެވެ.

ވިޔަފާރިވެރިން ފަނޑިޔާރުންނަށް ރިޝްވަތުދެނީ ނާޖާއިޒު ގޮތުގައި ކަންކަން ހިންގައިގެން އިތުރު ފައިސާ ހޯދަން ކަމަށް ނަޝީދު ވިދާޅުވި އެވެ. މިއަދު އޭނާއަށް ފެންނަ "ކުށްވެރިޔާއަކީ ފަނޑިޔާރު މަނިކުފާނެއް ނޫން" ކަމަށް ނަޝީދު ވިދާޅުވި އެވެ.

comment ކޮމެންޓް
ގުޅޭ ޚަބަރު