ޖުމްހޫރީ 50: ޖުމްހޫރިއްޔަތުގެ އަސްލު ހަނދާން ނައްތައި ނުލަމާ

ޖުމްހޫރީ 50 ގެ ލޯގޯ---

"ޖުމްހޫރީ" މިބަހުގެ މާނައަކީ ޖުމްހޫރީ ވެރިކަމަށް ނިސްބަތްވާ ނުވަތަ ޖުމްހޫރީ ވެރިކަމެއް ކުރާއެވެ. ޖުމްހޫރީ ވެރިކަމަކީ ރައްޔިތުން އިންތިހާބުކޮށްގެން ރައްޔިތުން އެދޭ ގޮތަކަށް ހިންގާ ސަަރުކާރެވެ. މި ސަރުކާރުގެ އެންމެ އިސްވެރިޔަކީ ރައީސުލްޖުމްހޫރިއްޔާއެވެ.

ނަޒަރީ ގޮތުން ބަލާއިރު ޖުމްހޫރީ ވެރިކަމުގައި އެންމެ ބާރު ގަދައީ ރައްޔިތުންނެވެ. ގާނޫނު އަސާސީއިން ރައްޔިތުންނަށް ލިބިދޭ ބާރު ވެރިކަމުގައި ހުންނަވާ ވެރިއަކަށް ނިގުޅައެއް ނުގަނެވޭނެއެވެ. އެ ވެރިއަކީ ރައްޔިތުންގެ ވޯޓަކުން އިންތިހާބު ކޮށްފައި ހުރި ވެރިއަކަށް ވީނަމަވެސްމެއެވެ.

ދިވެހި ތާރީޚަށް ބަލާއިރު ތާރީޚުން އެނގޭން އޮންނަ އެންމެ ދުރު ހިސާބުން ފެށިގެން ރާއްޖޭގައި އޮތީ ރަސްކަމެކެވެ. ވެރިކަމުގެ އާރާއި ބާރު އޮތީ އޭރަކު ވެރިކަމުގައި ހުންނަވާ ރަސްކަލެއްގެ އަތްޕުޅުގައެވެ. އެ ބާރުތައް ފެށިގެން އަންނަނީވެސް ރަދުންގެ ފަރާތްޕުޅުންނެވެ.

ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް މުހައްމަދު އަމީން ހުވާ ކުރެއްވުމުގެ ދަރުބާރު -- ފޮޓޯ: ދިވެހި ޑައިޖެސްޓް 12

ފުރަތަމަ ޖުމްހޫރިއްޔާ

ރާއްޖޭގެ ތާރީޚުގައި ޖުމްހޫރީ ވެރިކަމެއް އެންމެ ފުރަތަމަ ފެށުނީ 1953 ވަނަ އަހަރުއެވެ. ތާރީޚު ލިޔުއްވާ ބޭފުޅުންގެ ލިޔުއްވުންތަކުން އެނގޭގޮތުގައި 1943 ވަނަ އަހަރު އޭރުގެ ރަދުން އައްސުލްޠާން ޙަސަން ނޫރައްދީނާއި ބޮޑުވަޒީރު އަލްއަމީރު މުޙަންމަދު ފަރީދު ދީދީއާ ދެބޭފުޅުން އެއްފަހަރާ އިސްތިއުފާ ދެއްވިއެވެ. ވެރިކަމަށް ހުސްކަމެއް އައިސް ސިޔާސީ ގޮތުން މަސްރަހު ހޫނުވިއެވެ. މަސްރަހު ހޫނުވެފައިވަނިކޮށް އަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނު ތަހުތަށް އިސްކުރުމަށް ނިންމައި އެމަނިކުފާނަށް އެކަން ހުށަހެޅުނެވެ. ނަމަވެސް އޭރު އަބްދުލް މަޖީދު ރަންނަބަނޑޭރި ކިލެގެފާނު ހުންނެވީ ރާއްޖެއިން ބޭރުގައި ކަމުން ގާނޫނީގޮތުން ވެރިކަމާ ހަވާލު ވެވަޑައެއް ނުގެންނެވުނެވެ. ވެރިކަމުގައި ބޭފުޅަކު ނެތި ގިނަ ދުވަސްވާން ފެށުމުން އެކަމާމެދު ގޮތެއް ނިންމުމަށް މަޝްވަރާތައް ކުރެވުނެވެ. އެ މަޝްވަރާތަކުން ނުކުތް ނަތީޖާ އަކީ ރާއްޖޭގެ ވެރިކަމަށް މުހައްމަދު އަމީން ދީދީ އިސްކުރުމެވެ. އަމީން ދީދީ ވެރިކަމަށް ވަޑައިގަންނަވާނީ ރަސްކަލެއްގެ ގޮތުގައި ތޯ ނުވަތަ ރައީސެއްގެ ގޮތުގައި ތޯ ކަނޑައެޅުމަށް ކުރެވުނު ބަހުސްތަކަށް ފަހު ރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ކުރާން ނިންމުނެވެ.

ނަވާރަސަތޭކަ ފަންސާސް ތިންވަނަ އަހަރުގެ ޖެނަވަރީ މަހުގެ އެއްވަނަ ދުވަހު ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސްގެ ގޮތުގައި ސުމުއްވުލް އަމީރު މުހައްމަދު އަމީން ރާއްޖޭގެ ރައީސްކަމުގެ ހުވާ ކުރެއްވިއެވެ. މި ވެރިކަން ދެމިއޮތީ ހަތް މަސް ވާންދެނެވެ. އެ އަހަރުގެ އޯގަސްޓުމަހުގެ ތެރޭގައި އަމީން ދީދީގެ ވެރިކަން ވެއްޓި އަނެއްކާވެސް ޖުމްހޫރީ ވެރިކަން ރަސްކަމަކަށް ބަދަލުވިއެވެ.

އަމީން ދީދީގެ ވެރިކަމަށްފަހު ރަސްކަމަށް އިސްކުރެވުނީ އައްސުލްޠާން މުޙަންމަދު ފަރީދުލްއައްވަލް އެވެ.

ދެވަނަ ޖުމްހޫރިއްޔާގެ ފެށުން

އައްސުލްތާން މުޙައްމަދު ފަރީދުލް އައްވަލުގެ ރަސްކަމުގެ ދެވަނަ ބޮޑުވަޒީރަކީ އިބްރާހިމް ނާސިރެވެ. އެމަނިކުފާނު އެ މަގާމަށް އިސްކުރެވުނީ 12 ޑިސެމްބަރު 1957 ގައެވެ. ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނަވައިގެން އިބްރާހިމް ނާސިރު ވަނީ ރާއްޖެއަށް ގިނަގުނަ ހިދުމަތްތަކެއް ކޮށްދެއްވައިފައެވެ. ވޯރާ ވިޔަފާރިވެރިން ރާއްޖެއިން ފައްސައިލުމާއި ރާއްޖެއަށް ސިޔާސީ މިނިވަންކަން ހޯދައިދިނުމުގެ މުގުލުގައި ހުންނެވީ ނާސިރެވެ. ދިވެހި ރައްޔިތުންގެ ލޯތްބާއެކު އެމަނިކުފާނަށް ރަންނަ ބަނޑޭރިކަމުގެ ކޮލި ލެވުނެވެ. (ދިވެހި ޑައިޖެސްޓު، 15 ޖުލައި 2014)

ރާއްޖޭގެ ސިޔާސީ މަސްރަހަށް އަންނަމުން ދިޔަ ބަދަލާއެކު ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމަކާ ގުޅޭގޮތުން ބަަހުސްތައް ފެށުނެވެ. ރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ފެށުމަށް ސަރުކާރުގެ ތެރެއިން މަސައްކަތް ފެށި، އެކަމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގިއެވެ.

މި ވޯޓު ނަގާފައިވަނީ 1968 ވަނަ އަހަރުގެ މާރިޗު މަހުއެވެ. ރައްޔިތުން ނިންމީ ރާއްޖޭގައި އޮންނާނީ ޖުމްހޫރީ ވެރިކަމެއް ކަމަށެވެ. ރާއްޖޭގައި އޮންނާނީ ޖުމްހޫރީ ވެރިކަމެއްކަމަށް ދިވެހި ރައްޔިތުންގެ 97 އިންސައްތަ ރައްޔިތުންގެ ވޯޓުން ނިންމިއެވެ.

މިއާއެކު ގާނޫނު އަސާސީއެއް އެކުލަވާލައި ރިޔާސީ ވެރިކަމެއް ފެށުމަށް މަސައްކަތް ކުރިއަށް ގެންދިޔައެވެ.

ގާނޫނު ހަދާ މަޖިލީހުގެ ވޯޓަކުން ހަތަރު އަހަރުގެ ދައުރަކަށް ރައީސްކަމަށް އިސްކުރެވުނީ ބޮޑުވަޒީރު އިބްރާހިމް ނާސިރެވެ. ގާނޫނު އަސާސީއަށް ބަދަލު ގެނެސް ފަހުން ދައުރުގެ ދިގުމިން ފަސް އަހަރަށް ބަދަލުކުރީ އެވެ.

އޭގެ ފަހުން އާންމުންގެ ވޯޓުންވެސް ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސަކަށް އިބްރާހިމް ނާސިރު އިންތިހާބު ކުރެވުނެވެ.

ރާއްޖެއަށް ފުރިހަމަ މިނިވަންކަން ދިނުމަށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---

ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް

ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ދެވަނަ ފަހަރަށް ބަދަލުވުމަށްފަހު ވެރިއަކަށް އިންތިހާބު ކުރެވުނު އިބްރާހިމް ނާސިރު ވަނީ 10 އަހަރު ވަންދެން ރާއްޖޭގެ ރައީސްކަން ކުރައްވައިފައެވެ. އެއީ 11 ނޮވެމްބަރު 1968 އިން ފެށިގެން 1978 އާ ހަމައަށެވެ.

އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖެއަށް ބޮޑެތި ކުރިއެރުން ގެންނަވާފައިވެއެވެ. އިނގިރޭސި ތައުލީމި ފުޅާކުރައްވާ ތައުލީމީ ދާޢިރާ އަށް ބަދަލުތައް ގެންނެވިއެވެ. ގުރުއާނާއި ދިވެހިބަސް ފިޔަވައި އެހެން މާޢްދާތައް އިނގިރޭސި ބަހުން ކިޔަވައިދޭގޮތަށް ހަމަޖެއްސެވިއެވެ. ސާނަވީ ތައުލީމު ތައާރަފުކޮށްދެއްވައި ސްކޫލުތަކުގައި ސައިންސް ލެބުތައް ގާއިމް ކޮށްދެއްވިއެވެ. ކެޑޭޓް އާއި ގާލްގައިޑް ހަރަކާތްތައް ސްކޫލުތަކުގައި ފައްޓަވާފައިވަނީ އިބްރާހިމް ނާސިރުގެ ވެރިކަމުގައެވެ.

ރާއްޖޭގައި ކޮލެރާ ފެތުރެމުން ދަނިކޮށް އެބަލި ކޮންޓްރޯލުކޮށް ނައްތާލެއްވީ އިބްރާހިމް ނާސިރުގެ ވެރިކަމުގައެވެ. ރާއްޖޭގެ ސިއްހީ ދާއިރާ ކުރިއެރުމަށް މަސައްކަތް ކުރައްވާ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ މެންބަރެއްގެ ގޮތުގައި ރާއްޖެ ޑަބްލިއުއެޗްއޯ އާ ގުޅުނެވެ.

ރާއްޖޭގައި ބޭންކުގެ ހިދުމަތް ފެށުމާއި ފަތުރުވެރިކަމުގެ ސިނާއަތުގެ ފެށުންވެސް އައީ އިބްރާހިމް ނާސިރުގެ ދުރުވިސްނުންފުޅާއެކު އެމަނިކުފާނުގެ ވެރިކަމުގެ ދުވަސްވަރުގައެވެ. ރާއްޖޭގެ އެކްސްޕޯޓު ވިޔަފާރި ހަމައެކަނި ސްރީލަންކާއަށް ބަރޯސާވެފައި އޮއްވާ ޖަޕާނު ކުންފުންޏަކާ ގުޅިގެން ފެލިވަރުގައި މަސްފެކްޓްރީ އެއް އުފައްދަވާ މަހުގެ އެކްސްޕޯޓުގެ ވިޔަފާރި ފުޅާކުރެއްވިއެވެ. މީގެ އިތުރުން ރާއްޖޭގެ މައި ވައިގެ ބަނދަރުގެ ގޮތުގައި ހުޅުލޭގައި އެއާޕޯޓު ތަރައްގީ ކުރެއްވީ ވެސް އިބްރާހިމް ނާސިރެވެ.

އިބްރާހިމް ނާސިރުގެ ވެރިކަމުގެ ދުވަސްވަރުވެސް އެކިގޮތްގޮތުން ވެރިކަން ފުރޮޅައިލަން މަސައްކަތް ކުރިއެވެ. 1974 ވަނަ އަހަރުގެ ޖޫންމަހުގެ 13 ވަނަ ދުވަހު ހިނގައިދިޔަ ބޮޑު ބުރާސްފަތީގެ ހާދިސާ އާއި އޭގެ އަނެއް އަހަރުގެ މާޗް 6 ވީ ބުރާސްފަތި ދުވަހު ހިނގައިދިޔަ ކަޅު ބުރާސްފަތީގެ ހާދިސާ އޭގެ ތެރެއިން ފާހަގަ ކުރެވެއެވެ.

ފަސް އަހަރުގެ ދެ ދައުރު ފުރިހަމަ ކުރެއްވުމަށްފަހު ތިން ވަނަ ދައުރަކަށް ވެރިކަމުގައި ނާސިރު ބަހައްޓަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ނަމަވެސް އެކަން އަމިއްލަފުޅަށް ގަބޫލުފުޅު ނުކުރައްވައި ނާސިރު ވަނީ ރާއްޖެ ދޫ ކުރައްވައި ސިންގަޕޫރަށް ވަޑައިގެންފައެވެ. އަވަހާރަވާންދެން ދިރިއުޅުއްވީ ސިންގަޕޫރުގައެވެ. ފަސްދާނު ލެވުނީ މާލޭގެ ހުކުރު މިސްކިތުގެ ގަބުރުސްތާނުގައެވެ.

ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސް

ރައީސް މައުމޫނު ފުރަތަމަ ދައުރުގެ ހުވާ ކުރެއްވުން -- ފޮޓޯ: އިއްޔެ މަޖައްލާ

ވެރިކަމުގެ ފުރިހަމަ ދެދައުރު ފުރިހަމަ ކުރެއްވުމަށްފަހު އިބްރާހިިމް ނާސިރު ރާއްޖޭގެ ވެރިކަން ދޫކޮށްލެއްވުމަށްފަހު ދެން ވެރިކަމާ ހަވާލުވެ ވަޑައިގަތީ އިބްރާހިމް ނާސިރުގެ ވެރިކަމުގެ ޓްރާންސްޕޯޓު މިނިސްޓަރަކަށް ހުންނެވި އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމެވެ. މައުމޫނު ރާއްޖޭގެ ވެރިކަމަށް އައްޔަން ކުރުމަށް ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ 92.9 ޕަސެންޓް ވޯޓު ލިބިވަޑައިގަތެވެ.

ޖުމްލަ ތިރީސް އަހަރު ރާއްޖޭގެ ވެރިކަން ކުރެއްވި މައުމޫނު އެންމެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާކުރެއްވީ 11 ނޮވެމްބަރު 1978 ގައެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި ރާއްޖެއަށްް އިގްތިސާދީ އިޖްތިމާއީ އަދި އުމްރާނީ ގޮތުން ބޮޑެތި ކުރިއެރުންތަކެއް ގެންނެވިއެވެ.

ރާއްޖޭގެ ރައްޔިތުންނަކީ ލިޔަންކިޔަން ދަންނަ ބަޔަކަށް ހެދުމަށް ކުރެއްވި މަސައްކަތްޕުޅާއި ސާނަވީ، މަތީ ސާނަވީ އަދި މަތީ ތައުލީމު ފުޅާކުރެއްވުމަށް ރައީސް މައުމޫނު ކުރެއްވި މަސައްކަތްތައްމީގެ ތެރޭގައި ފާހަގަ ކުރެވެއެވެ.

މީގެއިތުރުން މާލެ އާއި އަތޮޅުތެރޭގެ ރަށްރަށަށް ގެނެސްދެއްވި ކުރިއެރުން ފާހަގަ ކުރެވެއެވެ. މާލޭގެ އިތުރުން ހުޅުމާލޭގެ ބިން ހިއްކައި ބޯހިޔާވަހިކަމަށް ގިނަ މަޝްރޫއުތައް ހިންގެވިއެވެ. ދަތުރުފަތުރުގެ ދާއިރާއަށް ކުރިއެރުންތައް ގެނެސްދެއްވިއެވެ. މާލެއަށް ދިމާވެފައި އޮތް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ހުޅުމާލޭގެ މަޝްރޫއު ފެއްޓެވިއެވެ. ރާއްޖެއަށް މަލްޓިޕާޓީ ޑިމޮކްރަސީ ގެންނަވައި މިހާރު އަމަލު ކުރެވެމުންދާ ގާނޫނު އަސާސީ ތަސްދީގު ކުރެއްވިއެވެ.

ރައީސް މައުމޫނުގެވެރިކަމުގައިވެސް އެކި ފަހަރު މަތިން ވެރިކަމާ ތޮޅޭން މަސައްކަތް ކުރިއެވެ. އެގޮތުން 1988 ވަނަ އަހަރުގެ ނޮވެމްބަރު ތިނެއްގެ ހާދިސާ އަކީ ފަހުގެ ތާރީހުގައި ރާއްޖެ ދުށް އެންމެ ބިރުވެހި ހާދިސާއެވެ. އޭގެ ކުރިން 1980 އަދި 1983 ގައިވެސް ރައީސް މައުމޫނުގެ ވެރިކަން ބަޣާވާތަކުން ވައްޓާލުމަށް މަސައްކަތް ކޮށްފައިވާކަމަށް ތާރީހު ލިޔުންތަކުގައި ވެއެވެ.

ތިރީސް އަހަރު ވެރިކަން ކުރެއްވުމަށްފަހު ރައީސް މައުމޫނު މަގާމުން ދުރަށް ވަޑައިގަތީ ރާއްޖޭގައި ބޭއްވުނު ފުރަތަމަ މަލްޓި ޕާޓީ ރިޔާސީ އިންތިހާބުން ނާކާމިޔާބުވެ ވަޑައިގަތުމަށް ފަހުއެވެ. ރައީސް މައުމޫނު ރާއްޖޭގެ ވެރިކަން ކުރެއްވީ 1978 ވަނަ އަހަރުގެ ނޮވެމްބަރު 11 އިން 2008 ވަނަ އަހަރުގެ ނޮވެމްބަރު 10 އަށެވެ.

ދެވަނަ ޖުމްހޫރިއްޔާގެ ތިންވަނަ ރައީސް

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގެ ހުވާކުރެއްވުން

ރާއްޖޭގައި ބޭއްވުނު ފުރަތަމަ މަލްޓި ޕާޓީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ ދެވަނަ ޖުމްހޫރިއްޔާގެ ތިންވަނަ ރައީސްއަކަށް އިންތިހާބުވެ ވަޑައިގަތީ މުހައްމަދު ނަޝީދެވެ. އެމަނިކުފާނު ވެރިކަމާ ހަވާލުވެ ވަޑައިގަތީ 2008 ވަނަ އަހަރުގެ ނޮވެމްބަރު 11 ގައެވެ. އެގެ ކުރިން ރާއްޖޭ އަށް ޑިމޮކްރަސީ ގެނައުމަށް އިސް ސަފުގައި ހަރަކާތްތެރިވެ ލެއްވިއެވެ. ރައީސް ނަޝީދުގެ ވެރިކަމުގައި މާލެ އާއި ހުޅުމާލޭގެ އިތުރުން އަތޮޅު ތެރޭގެ ރަށްރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގެވިއެވެ. ތިމާވެށި ހިމާޔަތް ކުރުމަށް ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތް ކުރެއްވިއެވެ. މޫސުމަށް އަންނަ ބަދަލުތަކާމެދު މީހުން ހޭލުންތެރިކުރުމަށް ފުރަތަމަ ފަހަރަށް ދުނިޔޭގައި ކަނޑުއަޑީގައި ކެބިނެޓް ބައްދަލުވުމެއް ބޭއްވެވީ ރައީސް ނަޝީދެވެ.

ނަޝީދު ވެރިކަން ކުރެއްވީ ތިން އަހަރެއްހައި ދުވަހުއެވެ. ދުވަހުން ބަލާ ނަމަ 1183 ދުވަހުއެވެ. އޭރު ސިޔާސީ މައިދާނުގައި ކުރިމަތިވެ ވަޑައިގެންނެވި ޕްރެޝަރާއެކު ވެރިކަމުން އިސްތިއުފާ ދެއްވީ 2012 ފެބްރުއަރީ ހަތްވަނަ ދުވަހުއެވެ.

ދެވަނަ ޖުމްހޫރިއްޔާގެ ހަތަރުވަނަ ރައީސް

ރައީސް ވަހީދު ރައީސްކަމުގެ ހުވާކުރެއްވުން --

ރައީސް މުހައްމަދު ނަޝީދު ވެރިކަމުން އިސްތިއުފާ ދެއްވުމުން އެމަނިކުފާނުގެ ނައިބު މުހައްމަދު ވަހީދު ހަސަން މަނިކު ރައީސް ކަމުގެ ހުވާ ކުރެއްވީ 2012 ފެބްރުއަރީ ހަތްވަނަ ދުވަހުއެވެ. ރައީސް ނަޝީދުގެ ވެރިކަން ނިމުމާ ގުޅިގެން ކުރެވުނީ ބަޣާވާތެއް ތޯ ބެލުމަށް ތަހުގީގެއް ރައީސް ވަހީދު ހިންގެވިއެވެ. ރާއްޖޭގެ މައި ވައިގެބަނދަރު އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ދީފައިވަނިކޮށް ރާއްޖޭގެ މައި ގޭޓު ދިވެހިންނަށް ހޯއްދަވައިދެއްވިއެވެ.

ރައީސް ވަހީދު ވެރިކަން ކުރެއްވީ 2012 ފެބްރުއަރީ ހަތަކުން 2013 ނޮވެމްބަރު 16 އަށެވެ. ނޮވެމްބަރު 11 އަށް ރިޔާސީ ދައުރު ހަމަވިއިރު، ރައީސެއް އިންތިހާބު ނުކުރެވޭތީ ވެރިކަމުގައި ރައީސް ވަހީދު ދެމިހުންނެވިއެވެ.

ދެވަނަ ޖުމްހޫރިއްޔާގެ ފަސްވަނަ ރައީސް

ރައީސް ޔާމީން ވެރިކަމުގެ ހުވާކުރެއްވުން --

ރައީސް މުހައްމަދު ވަހީދުގެ ވެރިކަމަށްފަހު ދެން ދިވެހި ޖުމްހޫރިއްޔާގެ ރިޔާސަތާ ހަވާލުވެ ވަޑައިގެންނެވވީ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމެވެ. ރައީސް ޔާމީންއަކީ ދެވަނަ ޖުމްހޫރިއްޔާގެ ދެވަނަ ރައީސް، އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމުގެ ކޮއްކޯފުޅެވެ.

ދެހާސްތޭރަ ވަނަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހު ރާއްޖޭގެ ވެރިކަމާ ހަވާލުވެ ވަޑައިގެން ފާއިތުވި ފަސް އަހަރު ދުވަހު އެމަނިކުފާނު ވަނީ ރާއްޖެއަށް އުމްރާނީ ގޮތުން ތަރައްގީ ގެންނަވައިފައެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހިންގުނު އިންފްރާސްޓްރަކްޗާގެ އެންމެ ބިޔަ މަޝްރޫއުތަކުގެ ތެރޭގައި ސިނަމާލެ ބްރިޖާއި ދަރުމަވަންތަ ހޮސްޕިޓަލުގެ އިމާރާތް، ހުޅުމާލެ ފޭސް ދޭއް، ބޯހިޔާވަހިކަމަށް ފެށި ހިޔާ މަޝްރޫއު އަދި ރާއްޖޭގެ ރަށްރަށުގެ މަގުހެދުމަށާއި ބިން ހިއްކުމަށް ހިންގި މަޝްރޫއުތައް ފާހަގަ ކުރެވެއެވެ.

މީގެ އިތުރުން ރާއްޖޭގެ ބައިނަލްއަގުވާމީ ވައިގެބަނދަރު ތަރައްގީ ކުރުމަށް އެއް ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް ވަނީ ފަައްޓަވައިފައެވެ. މިއަހަރު ބޭއްވި ރިޔާސީ އިންތިހާބުން ނާކާމިޔާބުވެ ވަޑައިގެންނެވި ނަމަވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ރައީސް ޔާމީނު ވަނީ މީގެ ކުރިން އެއްވެސް ވެރިޔަކު ނުގެނެސްދޭ ވަރުގެ ބޮޑު ތަރައްގީއެއް ގެންނަވައިފައެވެ.

ރައީސް ޔާމީނުގެ ވެރިކަމުގައިވެސް އެކި ގޮތްގޮތުން ގޮންޖެހުންތައް ކުރިމަތިވެ ވަޑައިގަތެވެ. ރިޔާސީ ލޯންޗުކޮޅު ގޮއްވާލުމާއި ވެރިކަންކުރާ ޕާޓީ ބައިބައިވުން އަދި އެކެއް ފެބްރުއަރީގެ އަމުރު މީގެ ތެރެއިން ފާހަގަ ކޮށްލެވެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ ދައުރު ހަމަވެ، ވެރިކަމުން ފައިބައި ވަޑައިގަންނަވާނީ މި މަހުގެ 16 ވަނަ ދުވަހުއެވެ. އެއަށްފަހު ދެން ރާއްޖޭގެ ވެރިކަމާ ހަވަލުވެ ވަޑައިގަންވާނީ މިއަހަރުގެ އިންތިހާބު ކާމިޔާބުވެވަޑައިގެންނެވި އިބްރާހިމް މުހައްމަދު ސޯލިހެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގަންނަވާނީ ރާއްޖޭގެ ވެރިކަމާ ހަވާލުވެ ވަޑައިގަންނަވާ، މާލެ ނޫން އެހެން ރަށަކަށް ނިސްބަތްވެ ވަޑައިގަންނަވާ ފުރަތަމަ ރައީސަށެވެ. ދިވެހިޖުމްހޫރިއްޔާގެ ރައީސްކަމާ އިބްރާހިމް މުހައްމަދު ސޯލިހު ހަވާލުވެ ވަޑައިގަންނަވާނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.

މިއަހަރަކީ ރާއްޖޭގައި ދެވަނަ ފަހަރަށް ޖުމްހޫރީ ވެރިކަމެއް އުފެދުނުތާ 50 އަަހަރު ފުރޭ ރަންޔޫބީލް އެވެ. މި ހާއްސަ މުނާސަބާ ދިމާވަނީ ވެރިކަމުގެ އިންތިގާލީ މަރުހަލާއަށްކަމަށް ވާތީ ސަރުކާރުގެ ފަރާތުން ޖުމްހޫރީ ދުވަހުގެ ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމައިފައެއް ނުވެއެވެ. މީގެ ކުރިން ޖުމްހޫރިއްޔަތަށް 25 އަހަރު ފުރުން ފާހަގަ ކުރުމަށް ވަނީ ކުލަގަދަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

އާންމުކޮށް ނޮވެމްބަރު މަހުގެ 11 އަކީ ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިހާބުވާ ބޭފުޅުން މަގަމުގެ ހުވާކުރައްވާ ދުވަސްކަމަށް ވީނަމަވެސް 2013 ވަނަ އަހަރުގެ އިންތިހާބުގައި ދިމާވި ކަންތައްތަކާހުރެ އެ އަހަރުގެ އިންތިހާބު ލަސްވެ، ރައީސްއަކަށް އިންތިހާބުވެ ވަޑައިގެންނެވި އަބްދުﷲ ޔާމީން އަށް ވެރިކަމުގެ ހުވާ ކުރެއްވުނީ ހަ ދުވަސް ފަހުންނެވެ. އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރު ހަމަވާނީ ނޮވެމްބަރ 16 އަށް ކަމަށްވާތީ ޖުމްހޫރީ 50 ދިމާވާ ނޮވެމްބަރު 11 ވާ އާދީއްތަ ދުވަހު އިންތިހާބީ ރައީސް އަށް ހުވާ ކުރެެއްވޭ ގޮތް ވަނީ ނުވެފައެވެ. ރައްޔިތުންގެ މަޖިލީހުން ނިންމާފައިވަނީ އިންތިހާބީ ރައީސް ހުވާކުރައްވާނީ ނޮވެމްބަރު 17 ގައި ކަމަށެވެ.

މީގެ އަހަރުތަކެއް ކުރިއަށް ބަލާއިރު ޖުމްހޫރީ ދުވަސް ފާހަގަކުރުމަށް ޕެރޭޑު ފަދަ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. އަސްކަރިއްޔާ އާއި ސްކޫލު ކުދިންގެ ބައިވެރިވުން ފެންނަ މިފަދަ ހަރަކާތްތައް މި ފަހަކަށް އައިސް މަޑުޖެހެމުންގޮސް މި މުނާސަބާއާ ގުޅިގެން މާ ކުލަގަދަ ހަރަކާތްތަކެއް ނުފެނެއެވެ.

ކޮންމެއަކަސް އަށްސަތޭކައަށްވުރެ ގިނަ ދުވަސްވީ ރަސްކަމެއް ނިމި ރައްޔިތުންގެ ވެރިކަމެއް ފެށުނުތާ 50 އަހަރުވީ ހާއްސަ މުނާސަބާ ފަހަގަ ކުރުމުގެ ހަރަކާތްތައް "ވަނދު" ކޮށް ފެނުމަކީ މީގެ ކުރިން އެފަދަ ހަރަކާތްތައް ފެނުނު މީހުންނަށް ބަލައިގަނެވޭވަރު ކަމަކަށް ނުވެއެވެ. ހާޢްސަކޮށް ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ދެ ރައީސުންގެ ޒައާމަތުގައި ޖުމްހޫރީ ދުވަހުގެ ހަރަކާތްތައް ކުލަގަދަކޮށް ފާހަގަކޮށްފައިވާކަމީ ތާރީހުން ފެންނަން އޮތް ކަމެކެވެ.

ނަވާރަސަތޭކަ އަށްޑިހަ ހަތްވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު ބޭއްވި ޖުމްހޫރީ ދުވަހުގެ ޖަލްސާގައި އިބްރާހިމް ޝިހާބު ވިދާޅުވެފައިވެއެވެ.

"ނޮވެމްބަރު 11 ހާއްސަވެގެން މިދިޔައީ އެދުވަހު އަޅުގަނޑުމެން ކުރި ހާއްސަ ކަންތައްތަކެއްގެ ސަބަބުން. އެދުވަހުގެ އަސަރު އަޅުގަނޑުމެންގެ ގައުމަށް ފޯރާފައިވާ ގޮތެއްގެ ސަބަބުން. އެދުވަހު އަޅުގަނޑުމެން ހަނދާންކުރަންޖެހޭ ކަންތައްތަކެއް އޮތުމުގެ ސަބަބުން. އެދުވަހު އަޅުގަނޑުމެން ކަނޑައަޅަން ޖެހޭ އަޒުމްތަކެއް އޮތުމުގެ ސަބަބުން،" ޝިހާބު ވިދާޅުވެފައިވަނީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަކީ ރާއްޖެގެ ވެރިކަމާ ބެހޭ ދުވަސް ކަމަށެވެ.

އިންފޮމޭޝަން ކޮމިޝަނަރު އަބްދުލް އަޒީޒު ޖަމާލު އަބޫބުކުރު ވިދާޅުވާގޮތުން ރާއްޖޭގައި މިފަދަ ދުވަސްތައް ފާހަގަ ކުރުން މަދުވެފައިވަނީ ޒުވާނުންގެ ހިތްތަކުގައި ގައުމީ ރޫހު ފަނޑުވަމުންދާތީއެވެ.

"މިއީ ތައުލީމީ މަންހަޖުގެ ތެރެއިން އަންނަ ބަދަލެއް. ގައުމީ ގޮތުން ވިސްނަން ޖެހިފައި އޮތްކަމެއް،" ދިވެހި ތާރީޚުގައި މުހިއްމު ދުވަސްތައް ފާހަގަ ކުރުމުގެ ފޯރު ކުޑަވެފައިވާތީ އެކަމާ ގުޅޭގޮތުން އަބްދުލްއަޒީޒު ޖަމާލް ވިދާޅުވިއެވެ.

އިބްރާހީމް ޝިހާބު ވިދާޅުވެފައިވަނީ ޖުމްހޫރީ ދުވަހުގެ އަސްލު ހަނދާން ނައްތާލުމަކީ ވިރާސީ ރަސްކަމުން ނެއްޓި ޖުމްހޫރިއްޔަތުން ލިބުނު މިނިވަންކަން ހަނދާން ނައްތާލުންކަމަށެވެ. ވީމާ ޖުމްހޫރިއްޔަތުގެ އަސްލު ހަނދާން ނައްތައި ނުލަމާ ތޯއެވެ!

comment ކޮމެންޓް