ކުޑަކުޑަ ކަމަކުން ރީތި މިސާލެއް: ކުޑަކުޑަ ރިނބުދޫގެ ތަފާތަކީ މިއީ!

"އީޓް ރައިޓް ރިނބުދޫ" ޕްރޮގްރާމްގައި ދަރިވަރުންނަށް ކިރު ޕެކެޓަކާއި، ދޮންކޭލާ ބިސް ދަނީ ހިލޭ ދެމުން-- ފޮޓޯ: ރިނބިދޫ ކައުންސިލް

މިއީ އާބާދީގައި އެންމެ 573 މީހުން ދިރިއުޅޭ ކުޑަކުޑަ ރަށެކެވެ. ކުޑަ ނަމަވެސް އެ ރަށަކީ މިހާރު ބޮޑެތި ރަށްރަށަށް ވެސް ދޫނުކުރާނެ ރަށެކެވެ. ކުޑަ ނަމަވެސް، އެރަށުގެ ކައުންސިލްގެ ކުޑަކުޑަ ކަމަކުން މިހާރު ވަނީ ރާއްޖޭގެ ގިނަ ބައެއްގެ ސަމާލުކަން ހޯދައިފައެވެ.

އިނގިރޭސިވިލާތުގެ މަޝްހޫރު އިކޮނޮމިސްޓް އާންސްޓް ފްރައިޑްރިޗް ޝޫމާކާ ލިޔުއްވި "ސްމޯލް އިޒް ބިއުޓިފުލް" އަޑުއެހިން ހެއްޔެވެ؟ ޝޫމަކާ ވިދާޅުވި ފަދައިން އެންމެ ފައިދާ ބޮޑީ ކޮންމެހެން ބޮޑު ކަމެއް ކޮށްގެންއެއް ނޫނެވެ. ތިމާއަށް ކޮށްލެވޭ ކުޑަކުޑަ ކަމަކީވެސް އޭގެ ޒާތުގައި ވަރަށް ފައިދާ ބޮޑު ކަަމަކަށް ވެދާނެއެވެ. މިއީ ވެސް އެފަދަ މިސާލެކެެވެ.

ދ. ރިނބުދޫގެ ކައުންސިލުން ކުރަމުންދަނީ ރާއްޖޭގެ އެހެން ކައުންސިލްތަކުން ނުކުރާ ފަދަ ކަމެކެވެ. ރިނބިދޫގެ ކައުންސިލުން އެރަށުގެ ސްކޫލުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާއަށް ހިލޭ ދޮންކޭލާއި، ބިހަކާއި އަދި ކިރު ދެމުންދާތާ މިހާރު މީ ހަވަނަމަހެވެ.

"އީޓް ރައިޓް ރިނބުދޫ" ފްރޮގްރާމްގެ ދަށުން ގޭގެއަށް ކާނާ ފޯރުކޮށްދެނީ--ފޮޓޯ: ރިނބިދޫ ކައުންސިލް

"އީޓް ރައިޓް ރިނބުދޫ" (އީއާރުއާރު) ނަމުގައި ޕްރޮގްރާމް ފެށުމުގެ ކުރިން ރިނބުދޫގެ ކައުންސިލުން ރައްޔިތުން ހޭލުންތެރިކަން އިތުރުކުރުމަށް ތަފާތު އެކި ހަރަކާތްތައް ކުރިއަށް ގެންދިއައެެވެ. އެގޮތުން ރަށުގައި ބޭއްވި އެކިއެކި ކުޑަކުދިންގެ ހަރަކާތްތަކުގައި ފައިދާހުރި ކާނާއާ ދުޅަ ހެޔޮ ސިއްހަތަށް އަހުލުވެރިކުރުމަށް ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރިއެެވެ.

ހެނދުނުގެ ނާސްތާއަށް ދަރިވަރުންނަށް ދެމުންގެންދާ ފުލް ކްރީމް މިލްކް ޕެކެޓްތައް ފުރަތަމަ ފޯރުކޯށްދިނީ ކައުންސިލްގެ ބަޖެޓުންނެވެ. ނަމަވެސް ފަހުން އެސްޓީއޯއާއެކު ބޭއްވި ވާހަކަތަކަށް ފަހު މިހާރު ކިރު ފޯރުކޮށްދެމުން ގެންދަނީ އެ ކުންފުނިންނެވެ. ދޮންކޭލާ ބިހަކީވެސް މިހާރު އެރަށް ކައިރީގައި ރިސޯޓަކުން ފޯރުކޮށްދެމުންގެންދާ ތަކެއްޗެވެ.

" އަޅުގަނޑުމެން ރިސޯޓްތަކާ ވާހަކަ ދެއްކިން، ދެން ވޮއްމުލިން އެކަން ހަމަޖެހިގެން ދިޔައީ. އެ ރިސޯޓުން ބުނީ އެފަދަ ކޮންމެ ކަމަކަށް ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށް،" ރިނބުދޫގެ ކައުންސިލްގެ ރައީސް ހާތިމް އިބްރާހިމް ވިދާޅުވިއެވެ.

ކައުންސިލްގެ ޕްރޮގްރާމްގައި އެރަށުގެ ސިއްހީ މަރުކަޒުގެ ދައުރުވެސް ބޮޑެވެ. ކައުންސިލުން އެތަކެތި ހިމެނޭ "ޕެކޭޖް" ދަރިވަރުންގެ ބެލެނިވެރިންނަށް ގެންގޮސްދެނީ ސިއްހީ މަރުކަޒާ ގުޅިގެންނެވެ. ދަރިވަރުންނަށް ފޮރުކޮށްދޭ ކާނާއަކީ ކާން އެކަށީގެންވާ ކާނާތޯ ރަށުގެ ހެލްތު ސެންޓަރުގެ އޮފިޝަލުން އަބަދުވެސް ދަނީ ބަލަމުންނެވެ.

"އީޓް ރައިޓް ރިނބުދޫ" ޕްރޮގްރާމް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ: ރިނބިދޫ ކައުންސިލް

"ހެލްތު ސެންޓަރަކީ މުޅިން މިނިވަން ބައެއް. އެމީހުން ބަލާނެ އެކާނާ ބެލެނިވެރިން ދަރިވަރުންނަށް ރަނގަޅަށް ދޭތޯ. މަހުން މަހަށް ރިޕޯޓް ހަދާފައި ފޮނުވާނެ. " ހާތިމް ވިދާޅުވިއެވެ.

ފަިއދާހުރި ކާނާ ދަރިވަރުންނަށް ފޯރުކޮށްދިނުމުގެ އިތުރުން އެ ރަށުގެ ކައުންސިލުން ދަނީ ގޯތި ތެރޭގައި ހުންނަ ހުސްތަނުގައި ދޮންކެޔޮ ފަދަ މޭވާތައް ހެއްދުމަށް އިރުޝާދުދީ ހަދަމުންނެވެ. އޭގެ އިތުރުން ފެނުގައި ގަސްހެއްދުން ނުވަތަ "ހައިޑްރޯޕޯނިކްސް" އާ މެދުވެސް ރަށުގެ ކައުންސިލުން ދަނީ ރައްޔިތުން ހޭލުންތެރިކަން އިތުރުކުރަމުންނެވެ.

ހާތިމް ވިދާޅުވީ އެ ކައުންސިލްގެ މަސައްކަތަށް އެ ރަށުގެ ރައްޔިތުންގެ ތަރުހީބު ލިބެމުންދާ ކަމަށެވެ. ފައިދާހުރި ކާނާއާމެދު މިހާރު އެ ރަށުގެ ރައްޔިތުން ކުރިއަށް ވުރެ ހޭލުންތެރިވެއްޖެއެވެ.

"އީޓް ރައިޓް ރިނބުދޫ" ޕްރޮގްރާމް އިފްތިތާހްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--ފޮޓޯ: ރިނބިދޫ ކައުންސިލް

" މިހާރު ސްކޫލުގެ ދަރިވަރުންވެސް ނޫޑުލީސް ފަދަ ތައްޔާރީކާނާތަކުގެ ނުރައްކާތެރިކަން ހާމަކުރުމަށް މަސައްކަތް ކުރޭ،" ހާތިމް ވިދާޅުވިއެވެ.

ކުޑަކުޑަ ރިނބުދޫއިން ދައްކައިދިނީ ރީތި މިސާލެކެވެ. ކުދިކުދި އާބާދީތަކަށް ކޮންމެހެން ބޮޑެތި އެކްޝަން ޕްލޭންއެއް ނެތިވެސް ލާމަރުކަޒީ އުސޫލުން މަސައްކަތްކޮށް، ތަފާތު ނެރެވިދާނެކަން ރިނބުދޫއިން ވަނީ ދައްކައިދީފައެވެ. ސިޔާސީ ގޮތުން ހަލަބޮލި ރާއްޖޭގައި ސިޔާސީ ނުވެ ރައްޔިތުންގެ ފުރިހަމަ ލާބައާ ފައިދާއަށް މަސައްކަތް ކުރާތަން ފެންނަމުން ދާތަން ފެންނަނީ ވަރަށް މަދުންނެވެ.

" މިއީ ބަޔަކަށް ހީވެދާނެ އަޅުގަނޑުމެން ސިޔާސީ ވެގެން ކުރާ ކަމެކޭ. ތެދެއް ރައީސް ނަޝީދު ވައުދުވެލެއްވި ދަރިވަރުންނަށް ކިރުތައްޓާ ދޮންކެޔޮ ދޭން. މިކަން ފެށިއިރުވެސް އަޅުގަނޑުމެން ބިރުގަތް ސިޔާސީވެގެން އެކި ފަރާތްތަކުގެ އެހީ ނުލިބިދާނެތީ. އަޅުގަނޑުމެން ބޭނުން މިކަން މުޅި ރާއްޖެއަށް ފުޅާވާން. އެެހެން ރަށްރަށުން މިފަދަ ޕްރޮޖެކްޓެއް ފަށައިފިނަމަ އެ ކަންތައްތައް ކުރިއަށްގެންދާނެ ގޮތްވެސް އަޅުގަނޑުމެން މިތިބީ ބުނެދޭން ތައްޔާރަށް،" ހާތިމް ވިދާޅުވިއެވެ.

comment ކޮމެންޓް