ރާއްޖެ ޓީވީ ރޯކޮށްލި މައްސަލަ މުރާޖައާކޮށްދިނުމަށް އެދެފި

ރާއްޖެޓީވީގެ އިސްވެރިން ޕީޖީ ބިޝާމްއާ މިއަދު ބައްދަލުކުރެއްވުން -- ފޮޓޯ ރާއްޖެއެމްވީ

ރާއްޖެ ޓީވީ ރޯކޮށްލި މައްސަލަ މުރާޖާކޮށްދިނުމަށާއި، އެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމްގެ އިސްތިއުނާފުގެ މައްސަލަ އަނބުރާ ގެނައުމަށް ރާއްޖެޓީވީން، ޕޮރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްގެ ކިބައިން އެދިއްޖެ އެވެ.

މިގޮތަށް އެދިފައިވަނީ ރާއްޖެ ޓީވީން ޕްރޮސިކިއުޓާ ޖެނެރަލްއާއެކު މިއަދު ހެނދުނު ބޭއްވި ބައްދަލުވުމުގައި އެވެ.

ރާއްޖެ ޓިވީ އިން މިއަދު ނެރުނު ބަޔާންގައި ބުނެފައިވަނީ 2013 ވަނަ އަހަރު އޮކްޓޯބަރު މަހު ރާއްޖެޓީވީ ރޯކޮށްލި މައްސަލަ މުރާޖާކޮށްދިނުމަށް ހުށައެޅީ، އެ މައްސަލައިގެ ތަހުގީގާއި ޝަރިއަތް ހިނގަމުންދާ ގޮތަށް ބަލާއިރު، އެއީ އިންސާފުވެރި ތަހުގީގެއްގެ މައްޗަށް ބިނާކޮށް ކުރިއަށް ގެންދާ ޝަރީއަތެއްކަމަށް އެ ޓީވީ އިން ގަބޫލު ނުކުރާތީ ކަމަށެވެ. އަދި މިހާރު ބަންދުގައި ބަހައްޓާފައިވާ ޒުވާނާގެ މައްޗަށް ހުކުމެއް ކުރިޔަސް، އެއީ މައްސަލައިގެ ހަގީގީ އިންސާފު ލިބުނީ ކަމަށް ނުދެކޭ ކަމަށް އެ ބަޔާންގައި ވެއެވެ.

"ރާއްޖެޓީވީ އިން ދެކޭ ގޮތުގައި އެ ޖަރީމާ ރޭވުމުގެ އަޑީގައި ތިބި މީހުން ނުހޯދިއްޖެ ނަމަ، އަދި އެމީހުންނާ އިންސާފު އަރާ ހަމަ ނުކުރެވޭނަމަ އެކަމުގައި ބައިވެރިވި މީހުންނަށް އެފަދަ ނުރައްކާތެރި އެހެން އަަމަލެއް ތަކުރާރުކުރުމަށް ލިބޭ ހިތްވަރަކަށް ވެގެން ދާނެ،" ރާއްޖެ ޓީވިން ނެރުނު ބަޔާންގައި ބުނެފައިވެއެވެ.

އެ ހަމަލާއާއި ގުޅިގެން ތައްޔާރު ކުރި އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި ރާއްޖެ ޓީވީއަށް 11.65 މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވާ ކަމަށާއި ބަދަލު ހޯދުމަށް އެދި ހައިކޯޓަށް ހުށައެޅި މައްސަލަވެސް ބޭރުކޮށްލާފައިވާ އިރު، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ހުށައެޅި މައްސަލަވެސް ހުއްޓިފައިވާ ކަމަށް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން ރާއްޖެޓީވީން ޕީޖީ ގައި އެދިފައިވަނީ އެ ޓީވީގެ ނޫސްވެރިޔާ ވިސާމް މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ދަށު ކޯޓުން ކޮށްފައިވާ ހުކުމް ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާތީ، އެ މައްސަލަ އާ މެދު އިތުރަށް ވިސްނާވަޑައިގެން މައްސަލަ ޕީޖީ އިން އަނބުރާ ގެނައުމަށް ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.

ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ވިސާމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް، ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު އެ މައްސަލާގެ އަޑުއެހުންތައް ވަނީ ތާވަލް ކޮށްފައެވެ. އަޑުއެހުންތައް ފެށުމަށް ތާވަލް ކޮށްފައިވަނީ މި މަހުގެ 27 ވަނަ ދުވަހަށެވެ.

comment ކޮމެންޓް