ޖިންސީ ފުރައްސާރަ ކުރި ކަމަށް ބުނާ މައްސަލަ ދަނީ ބަލަމުން: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓްރީ ހިންގާ އިމާރާތް -- ސަން ފައިލް ފޮޓޯ

ފޮރިން މިނިސްޓްރީގެ އިސް ވެރިއަކު، އެ އޮފީހުގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރިކަމަށް ބުނާ މައްސަލަ ބަލަމުން އަންނަ ކަމަށް އެ މިނިސްޓްރީ އިން ބުނެފިއެވެ.

ފޮރިން މިނިސްޓްރީގެ އިސް ވެރިއަކު، އެ އޮފީހުގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ތުހުމަތުތަކެއް މިއަދު މީސް މީޑިއާގައި ވަނީ ފެންމަތި ވެފައެވެ.

އެ މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނު ގެ ދަށުން މިނިސްޓްރީގައި އުފައްދާފައިވާ، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ އަށް މިއަދު އެފަދަ ޝަކުވާއެއް ހުށައެޅިފައިވާ ކަމަށެވެ.

"މިނިސްޓްރީގެ ހުރިހާ މުވައްޒަފުން މިފަދަ ފުރައްސާރައިން ރައްކާތެރިކުރުމުގެ ގޮތުން، މިނިސްޓްރީގައި ޖިންސީ ފުރައްސާރައިގެ މައްސަލަތައް ބަލާ ހުއްޓުވުމަށް ކުރެވޭ މަސައްކަތްތަކާއި، މިކަން ކުރުމަށް ގާއިމުކުރެވިފައިވާ އެންމެހައި ނިޒާމުތައް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރާ ވާހަކަވެސް މި ފުރުސަތުގައި ދެންނެވީމެވެ،" އެ ބަޔާނުގައި ވެއެވެ.

ޓުވިޓާގައި ކާކުކަން ނޭގޭ އެކައުންޓަކުން ތިލަކުރި އެ މައްސަލާގައި ބުނާ ގޮތުން، ފޮރިން މިނިސްޓްރީގެ ވެރިޔަކު ވަނީ އެ އޮފީހުގައި މަސައްކަތް ކުރާ ތިން އަންހެން މުވައްޒަފަކަށް އެކި ފަހަރު މަތިން ޖިންސީ ފުރައްސާރަކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން އެތައް ބަޔެއްގެ ފާޑު ކިޔުން މީސް މީޑީއާގައި ދަނީ އެ މިނިސްޓްރީ އަށް އަމާޒު ވަމުންނެވެ.

comment ކޮމެންޓް